މާލޭގައި ތަންތަން އިމާރާތް ކުރަމުންދާ ސައިޓުތަކުގައި ހިނގާ ނުރައްކާތެރި ހާދިސާތަކުގެ މައްސަލަ ރައްޔިތުންގެ މަޖިލީހުން ބަލަން ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ހުށަހެޅުއްވި ކުއްލި މައްސަލަ ބަލައި ނުގަނެ ބޭރުކޮށްލައިފި އެވެ.
މިއަދުގެ ޖަލްސާގައި އެ މައްސަލަ ހުށަހަޅުއްވަމުން ޖާބިރު ވިދާޅުވީ މާލެއަކީ ރާއްޖޭގެ އާބާދީގެ ބޮޑު ބައި ދިރިއުޅެމުންދާ ރަށަށް ވާއިރު، ކޮންސްޓްރަކްޝަން ކުންފުނިތަކުން އަޅަންޖެހޭ ސަލާމާތީ ފިޔަވަޅުތައް ނޭޅި ދިއުމުގެ ސަބަބުން ނުރައްކާތެރި ގިނަ ހާދިސާތަކެއް ހިނގައި އެތަކެއް ބަޔަކަށް އަނިޔާވެ ފުރާނަ ގެއްލިފައިވާ ކަމަށެވެ. އެހެންކަމުން، ސަރުކާރުގެ ކަމާބެހޭ އިދާރާތަކުން އެކަމަށް އަވަހަށް ފިޔަވަޅު އަޅައި، އެ މައްސަލަ ވަގުތުން ވަގުތަށް ހައްލެއް ހޯދުމަށް ޖާބިރު ވަނީ ހުށަހަޅުއްވައިފަ އެވެ.
ނަމަވެސް، އެ މައްސަލަ ބަލައިގަތުމަށް ގިނަ މެންބަރުންގެ ތާއީދު އެއް ނުލިބުނެވެ. އެ މައްސަލަ ބަލައި ނުގަންނަން 52 މެންބަރުން ވޯޓު ދެއްވިއިރު، އެ މައްސަލައާ އެއްކޮޅަށް ވޯޓު ދެއްވީ ހަ މެންބަރުންނެވެ.
މާލޭގެ އިތުރުން ހުޅުމާލޭގައި އިމާރާތް ކުރަމުންދާ ތަންތަނުގައި ގިނަ ހާދިސާތައް ދާދި ފަހުން ވަނީ ހިނގާފަ އެވެ. އެ ގޮތުން މާލޭގައި ހަދަމުންދިޔަ އިމާރާތަކުން ވެއްޓުނު ސިމެންތި ބާސްތާއަކުން ޖެހި ބަންގްލަދޭޝްއަށް ނިސްބަތްވާ ކުޑަ އަންހެން ކުއްޖަކު ވަނީ މަރުވެފަ އެވެ. އޭގެ ފަހުން މި މަހު ކުރީ ކޮޅުވެސް ސިމެންތި ބަސްތާއެއް ވެއްޓި ހުޅުމާލޭގައި ވެސް ބިދޭސީއަކު ވަނީ މަރުވެފަ އެވެ.
އެ ހާދިސާތަކާ ގުޅިގެން ބައެއް ފިޔަވަޅުތައް އެޅި އެވެ. ނަމަވެސް މަސައްކަތް ކުރާ ތަންތަނާއި މަސައްކަތް ކުރުމުގައި އުޅޭ މީހުންގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް އެކަށީގެންވާ ފިޔަވަޅެއް އަދިވެސް އެޅިފައެއް ނުވެ އެވެ.