ރިޕޯޓް

ވަޒީފާގައި ލިބޭ އަނިޔާއަށް ގާނޫނީ ފަރުވާއެއް ބޭނުން

May 21, 2021

އިގްތިސޯދު ފުޅާވަމުންދާ ވަރަކަށް ރާއްޖޭގައި ކުރެވޭ މަސައްކަތްތައް މިދަނީ އިތުރުވަމުންނެވެ. އެއާ އެކު މަސައްކަތުގެ މާހައުލުގައި ހިނގާ ނުރައްކާތެރި ހާދިސާތައް ވެސް ދަނީ އިތުރުވަމުންނެވެ. މިފަދަ ހާދިސާތަކުގައި އެކި ކަހަލަ އަނިޔާ ލިބި، އެކި ކަހަލަ އުދަނގޫތައް ތަހައްމަލް ކުރަމުންދާ އެތައް ބަޔަކު އެބަތިއްބެވެ.

މީގެތެރެއިން އެއް ބަޔަކީ ދާއިމީ ނުކުޅެދުންތެރިކަމެއް ވެސް ތަހައްމަލް ކުރަންޖެހިފައި ތިބި މީހުންނެވެ. އަދި މަސައްކަތުގެ މާހައުލުގައި އަނިޔާ ލިބި އެކަށީގެންވާ ސިއްހީ ފަރުވާ ނުލިބުމުގެ ސަބަބުން ނުވަތަ ސިއްހީ ފަރުވާ ކުރެވޭނެ ގޮތެއް ނެތިގެން ބައެއް މީހުން ދުނިޔެ ދޫކޮށްފައިވެސްވެ އެވެ.

އެހެންކަމުން މިމައްސަލައަށް އޮތް ހައްލަކީ ކަމާ ގުޅޭ ގާނޫނެއް ވުޖޫދު ކުރުމެވެ. އަދި މިއީ ރާއްޖެއަށް މިވަގުތު ކޮންމެހެން ބޭނުންވެފައި އޮތް ގާނޫނެކެވެ. އެކަމަކު އެންމެ ބޮޑު ގޮންޖެހުމަކީ މިފަދަ ގާނޫނަކަށް ވަޒީފާދޭ ފަރާތްތަކުން އަހުލުވެރިވެފައި ނުވުމާއި، އެކަމަށް ތައްޔާރުވެފައި ނެތުމެވެ. ރާއްޖޭގެ އަމިއްލަ ޖަމިއްޔާއެއް ކަމަށްވާ ޕަބްލިކް އިންޓަރެސްޓް ލޯ ސެންޓަރުން ގެންދަނީ ކަމާ ގުޅޭ ދާއިރާ އިން މުއައްސަސާތަކާއި އާންމުން ހޭލުންތެރިކޮށް ގާނޫނު ވުޖޫދަށް ގެނައުމަށްޓަކައި މުހިއްމު މަސައްކަތްތަކެއް ކުރަމުންނެވެ. އަދި "މަސައްކަތު މާހައުލުގެ ސަލާމަތާއި ސިއްހީ ރައްކާތެރިކަމާއި ބެހޭ ގާނޫނު"ގެ ނަމުގައި މިހާރު ވަނީ ބިލެއް ވެސް ޑްރާފްޓް ކޮށްފަ އެވެ.

މައިގަނޑު މަގުސަދާއި ދާއިރާ

ބިލްގެ މަގުސަދުތަކުގެ ތެރޭގައި ދިވެހިރާއްޖޭގައި މަސައްކަތް ކުރާ މީހުންގެ ސަލާމަތާއި ސިއްހީ ރައްކާތެރިކަން ކަށަވަރުކުރުމުގެ މައިގަނޑު އުސޫލުތައް ކަނޑައަޅައި، ދެމެހެއްޓެނިވި ނިޒާމެއް ގާއިމުކުރުން ހިމެނެ އެވެ. ކަމާ ގުޅޭ ގައުމީ ސިޔާސަތެއް އެކުލަވާލުމާއި، މަސައްކަތުގެ މާހައުލާއި ގުޅިފައިވާ ބަލިތައް ކަނޑައެޅުމާއި، އެކްސިޑެންޓްތަކާއި އަނިޔާތައް ރިޕޯޓް ކުރުމާއި، ރެކޯޑް ބަލަހައްޓާނެ އުސޫލު ކަނޑައަޅައިދޭނެ އެވެ. މަސައްކަތްތެރިންގެ ސަލާމަތާއި ސިއްހީ ރައްކާތެރިކަން ކަށަވަރުކުރުމުގެ ޒިންމާ އުފުލާނެ ފަރާތްތައް ކަނޑައެޅުމާއި، އެފަރާތްތައް ތަރުތީބު ވެގެންވާ ގޮތުގެ އޮނިގަނޑު އެކުލަވާލުމާއި މަސްއޫލިއްޔަތުތައް އެކަށައަޅާނެ އެވެ.

މީގެއިތުރުން މަސައްކަތުގެ މާހައުލުގައި މަސައްކަތްތެރިންނަށް ދިމާވާ ސިއްހީ މައްސަލަތަކާއި އަދި އެއްވެސް ބާވަތެއްގެ އަނިޔާއެއް ލިބިއްޖެނަމަ ބޭސްފަރުވާ ކުރުމާއި ބަދަލު ދިނުމާއި އަލުން އަނބުރާ މަސައްކަތަށް ރުޖޫއަވުމުގެ އުސޫލުތައް ކަނޑައަޅައިދޭނެ އެވެ. މަސައްކަތްތެރިންގެ ސިއްހީ ރައްކާތެރިކަން ދެމެހެއްޓުމަށްޓަކައި ލޯކަލް ކައުންސިލްތަކަށް ޒިންމާތަކެއް ހަވާލުކުރެވިގެންދާނެ އެވެ. މަސައްކަތުގެ މާހައުލު ރައްކާތެރި ތަންތަނަށް ހެދުމުގައި މަސައްކަތްތެރިންނާއި މަސައްކަތް ކުރުވާ ފަރާތްތައް ޒިންމާދާރުކުރުވާނެ އެވެ. އަދި މާހައުލުގެ ރައްކާތެރިކަމާއި މަސައްކަތްތެރިންގެ ދުޅަހެޔޮ ކަމަށްޓަކައި ފިޔަވަޅުތައް ނާޅައިފިނަމަ ކުށަކަށް ވެގެންދާ ގޮތާއި ކުށުގެ އަދަބު ވެސް މިފަދަ ގާނޫނެއްގައި ކަނޑައަޅައިދޭނެ އެވެ.

ވަޒީފާގެ އެއްބަސްވުމެއްގެ ދަށުން މަސައްކަތް ކުރާ ކޮންމެ ތަނަކާއި، މީހަކު އަމިއްލަ މަސައްކަތް ކުރާ ކޮންމެ ތަނެއްގެ އިތުރުން ކޮންޓްރެކްޓަރެއް މަސައްކަތް ކުރާ ކޮންމެ ތަނަކަށް މި ގާނޫނު ތަންފީޒުކުރެވޭނެ އެވެ.

މަސްއޫލިއްޔަތާއި ޒިންމާތައް

މަސައްކަތު މާހައުލުގެ ސަލާމަތާއި ސިއްހީ ރައްކާތެރިކަމާއި ބެހޭ ގާނޫނެއްގައި މަސައްކަތް ކުރާ އަދި މަސައްކަތް ކުރުވާ އެކި ފަރާތްތަކުގެ ޒިންމާތައް ހުންނާނީ ކަނޑައެޅި ބަޔާންކޮށްފަ އެވެ. އެއް ފަހަރާއި ގިނަ މަސްއޫލިއްޔަތުތަކަކާއި ޒިންމާތަކަކާއި އަދި ހައިސިއްޔަތުތަކެއް ވެސް ކަނޑައަޅާފައި ހުރެދާނެ އެވެ. ވަޒީފާ ދޭ ފަރާތުން މަސައްކަތް ކުރަން އަންގާ ތަނެއްގައި ހުރެދާނެ ނުރައްކާތައް "އެކަށީގެންވާ މިންވަރަކަށް" ނައްތާލަން ޖެހޭނެ އެވެ. ނޫނީ ކުޑަކޮށްދޭނެ ޖެހެ އެވެ. އެކަން ކުރަން މިފަދަ ގާނޫނެއްގައި ލާޒިމު ކުރާނެ އެވެ.

މަސައްކަތުގެ މާހައުލާއި، އެ މާހައުލަށް ވަނުމާއި ނިކުތުމަށް ބޭނުންކުރާ ހުރިހާ ތަންތަނާއި، ތަކެއްޗާއި، މެޝިނަރީތަކާއި، އިކުއިޕްމަންޓްތަކާއި ބޭނުން ކުރާ ތަކެތި ފޯރުކޮށްދީފައި ރައްކާތެރިކޮށް ބެހެއްޓުމަށް ފިޔަވަޅު އެޅުމަކީ ވަޒީފާ ދޭ ފަރާތުގެ ޒިންމާ އެކެވެ. މަސައްކަތް ކުރާއިރު މުވައްޒިފުންގެ ރައްކާތެރިކަމާއި ސިއްހީ ދުޅަހެޔޮކަން ދެމެހެއްޓުމަށްޓަކައި ބޭނުންވާ މައުލޫމާތާއި، އިރުޝާދާއި، ތަމްރީން ދިނުމާއި އަދި ސުޕަވައިޒް ކުރަންޖެހެ އެވެ.

ވަޒީފާދޭ ފަރާތުގެ ވަޒީފާއެއްގައި މަސައްކަތް ނުކުރާ އެހެން މީހުންގެ ރައްކާތެރިކަމަށް ނުވަތަ ސިއްހަތަށް އެއްވެސް ރިސްކެއް ނެތްކަން ވެސް ކަށަވަރު ކުރަންޖެހެ އެވެ. މަސައްކަތުގެ މާހައުލުގައި އަޅާ ފިޔަވަޅުތަކުގެ ހަރުދަނާ ކަން ބެލުމަށް "ސޭފްޓީ އެންޑް ހެލްތު ކޮމިޓީ"ގެ ނަމުގައި ކޮމިޓީއެއް އުފައްދަން ޖެހެ އެވެ. އަދި އަހަރަކު އެއް ފަހަރު ސޭފްޓީ އޮޑިޓް ހަދައި ރިސްކް ހުރި ކަންކަން އިސްލާހު ކުރަންޖެހޭނެ އެވެ. ސޭފްޓީ އޮޑިޓް ހެދުމުގެ ހުއްދަ ވެސް ގާނޫނުގެ ދަށުން ލިބޭނީ ވަކި ހާއްސަ ސިފަތަކެއް ލިބިގެންވާ ވަކި ހާއްސަ ބަޔަކަށެވެ.

މަސައްކަތު މާހައުލުގެ ސަލާމަތާއި ސިއްހީ ރައްކާތެރިކަމާއި ބެހޭ ގާނޫނެއްގައި މަސައްކަތް ކުރާ މީހުންގެ ޒިންމާތަކެއް ވެސް ވެއެވެ. އެގޮތުން މަސައްކަތްތެރިންގެ ޒިންމާތަކުގެ ތެރޭގައި ތިމާގެ އިހްމާލުން ނުވަތަ ކުރެވޭ ކަމަކުން ދިމާވެދާނެ ކަމަކަށް، ތިމާއާއި އެކުގައި މަސައްކަތް ކުރާ މީހުންގެ ސިއްހީ ރައްކާތެރިކަމަށްޓަކައި ފިޔަވަޅު އަޅަންޖެހެ އެވެ. އެމީހެއްގެ އަމިއްލަ ސަލާމަތާއި ސިއްހީ ރައްކާތެރިކަމަށް ނުރައްކަލެއް އޮތް ނަމަ ނުވަތަ ހަށިގަނޑަށް ގެއްލުމެއް ލިބިއްޖެނަމަ އެކަމެއް ވަޒީފާދޭ ފަރާތަކަށް ރިޕޯޓް ކުރުމަކީ ވަޒީފާ އަދާކުރާ ފަރާތުގެ ޒިންމާ އެކެވެ. މިފަދަ ގާނޫނެއްގެ ދަށުން ވަޒީފާ ދޭ ފަރާތުން އަޅައި ފިޔަވަޅުތައް ތަންފީޒު ކުރުމަށް އެއްބާރުލުން ދިނުމާއި ސަލާމަތީ ވަސީލަތްތައް ހާލަތާ ގުޅޭގޮތުން އަބަދުވެސް އެންމެ ރަނގަޅަށް ބޭނުންކުރަން ޖެހެ އެވެ.

ގާނޫނު ހިންގާ ފަރާތް

ތަރައްގީވެފައިވާ ގައުމުތަކުގައި މަސައްކަތުގެ މާހައުލުގެ ސަލާމަތާއި ސިއްހީ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ބޮޑެތި ބާރުތައް ލިބޭ ގޮތަށް މިނިވަން އޮތޯރިޓީތައް ހަދާފައި ހުރެ އެވެ. ރާއްޖޭގައި ޑްރާފްޓްކޮށްފައި އޮތް ބިލްގައި ގާނޫނު ތަންފީޒުކުރުމާއި ހިންގުމާއި ގާނޫނުގައި ބުނާ ކަންކަން ކުރުމުގެ އެންމެ އިސް ފަރާތަކީ ގާނޫނު ހިންގަން ހަވާލުކުރާ ވުޒާރާ އެއްގައި ހުންނަވާ ވަޒީރެވެ. ރާއްޖޭގައި މަސައްކަތް ކުރާ މަސައްކަތްތެރިންގެ ސަލާމަތާއި ސިއްހީ ރައްކާތެރިކަން ދެމެހެއްޓުމަށްޓަކައި އަދި ގާނޫނުގައި ބުނާ އަސާސީ ޒިންމާތައް އުފުލުމަށްޓަކައި އޮކިއުޕޭޝަނަލް ހެލްތު އެންޑް ސޭފްޓީ ކޮމްޕްލަޔަންސް އޮތޯރިޓީގެ ނަމުގައި އިދާރާއެއް އުފައްދާނެ އެވެ. އަދި އެތަނުގެ އެންމެ އިސް ވެރިޔަކަށް ހުންނަވާ ޑިރެކްޓާ ޖެނަރަލް އަކީ ސިވިލް ސާވިސް އިން ކަނޑައަޅާ ބޭފުޅަކަށް ހެދުމަށް ބިލްގައި ހިމަނާފައިވެ އެވެ.

ޑިރެކްޓާ ޖެނަރަލަށް ބޮޑެތި ބާރުތަކެއް ވެސް ދިނުމަށް ހުށަހަޅާފައިވެ އެވެ. އެގޮތުން ގާނޫނު ހިންގުމަށް ބޭނުންވާ ލަފައާއި އިރުޝާދު ވަޒީރަށް ދިނުމާއި، ދުވާލުގެ ވަގުތުތަކުގައި ވަޒީފާ އަދާ ކުރާ ތަންތަނަށް ވަދެ އެތަންތަން ހުރި ހާލަތު ބެލުމާއި، ކަންކަން އިސްލާހުކުރަން އެންގުމާއި، މަސައްކަތްތެރިންނަށް ބޭނުންވާ މައުލޫމާތާއި އިރުޝާދު ދިނުމާއި، މަސައްކަތުގެ މާހައުލުގައި ސިއްހީ ރައްކާތެރިކަން ގެއްލޭ ގޮތަށް ހުންނަ ކަންކަން ބަލައި ރިޕޯޓްތައް ނެރުން ހިމެނެ އެވެ.

މީގެއިތުރުން ގާނޫނު ތަންފީޒު ކުރާ މިންވަރު މޮނިޓާކުރުމާއި، ކަމާ ގުޅޭ ފަރާތްތަކުން ގާނޫނަށް އަމަލުކުރޭތޯ ބެލުމާއި، އެއްވެސް ފަރާތަކުން ގާނޫނާ ހިލާފު ވެއްޖެނަމަ އެ މައްސަލައެއް ކޯޓަށް ހުށަހެޅުމާއި، ދިފާއުވުމުގެ ގޮތުން ވަކާލާތު ކުރުމުގެ އިންތިޒާމު ހަމަޖެއްސުމަކީ ވެސް ޑިރެކްޓާ ޖެނަރަލަށް ލިބިގެންވާ ބާރެކެވެ.

ޝަރުއީ މަރުހަލާއާއި ކުށުގެ އަދަބުތައް

މަސައްކަތް ކުރުމުގައި އެއްވެސް މީހަކު ގަސްދުގައި ނުވަތަ އިހްމާލުން ގަބޫލުކުރެވޭ އެއްވެސް ސަބަބެއް ނެތި ތިމާގެ އަމިއްލަ ނުވަތަ އެހެންވެސް މީހެއްގެ ސަލާމަތާއި ސިއްހީ ރައްކާތެރިކަމަށް ނުރައްކަލެއް ކުރިމަތިވެދާނެ އެއްވެސް ކަމެއް ކުރުމަކީ ގާނޫނީ ކުށެކެވެ.

ތަހުޒީބީ މުޖުތަމައުތަކުގައި އަމަލުކުރާ އުސޫލުން އަމަލުކުރުމަށްޓަކައި ކުށުގެ ބާވަތްތައް ދެ ބާވަތަކަށް ބަހާލާފައިވެ އެވެ. ފުރަތަމަ ބާވަތަކީ ފަރުވާކުޑަކުރުން، ފުރާނަ އަށް ނުރައްކާވާ ފަދަ ކަމެއް ކުރުމެވެ. ދެވަނަ ބަޔަކީ ގާނޫނުގައި ބަޔާންކޮށްފައިވާ ސަލާމަތާއި ސިއްހީ ރައްކާތެރިކަމުގެ ޒިންމާ އަދާނުކުރެވުމެވެ.

ގާނޫނުގެ ދަށުން މަސައްކަތް ކުރާ އަދި މަސައްކަތް ކުރުވާ އެއްވެސް ފަރާތަކުން ގާނޫނާ ނުވަތަ ގާނޫނުގެ ދަށުން ހަދާ ގަވައިދަކާ ޚިލާފުވުމަކީ ވެސް ކުށެކެވެ. ފުރަތަމަ ފަހަރަށް ގާނޫނާ ހިލާފުވި ނަމަ ކުށުގެ ކުޑަ ބޮޑު މިނަށް ބަލައި އިސްލާހު ކުރަން އެންގުމާ އެކު އިތުރު ފިޔަވަޅެއް ނާޅައި ދޫކޮށްލެވިދާނެ އެވެ. ނަމަވެސް ކުށް ތަކުރާރުކުރާނަމަ އަދި ކުށުގެ މިންވަރަށް ބަލައި ޖޫރިމަނާކުރުމާއި، ހުއްދަތައް ސަސްޕެންޑް ކުރުމާއި، ޖަލަށްލުން ފަދަ އަދަބުތައް ވެސް ކަނޑައެޅިފައިވެ އެވެ.

ގާނޫނު ހިންގާ ފަރާތުން ބޭނުންވާނަމަ އެ ފަރާތަކަށް ރަސްމީ ތަހުގީގު ހިންގުމާއި، ޕްރޮސެކިއުޓާ ޖެނަރަލަށް އެންގުމަށްފަހު ދައުވާ ކުރަންޖެހޭ ހާލަތުގައި މައްސަލަ ކޯޓަށް ހުށަހެޅުމަށް ފުރުސަތު ދިނުމަށްވެސް ބިލްގައި ހިމަނާފައިވެ އެވެ. ކުންފުންޏަކުން ނުވަތަ ބޮޑީ ކޯޕަރޭޓް ނުވަތަ މަސައްކަތް ކުރާ ފަރާތެއް ނަމަވެސް އެފަރާތެއްގެ މައްޗަށް މައްސަލައެއް ހުށަހެޅިއްޖެނަމަ ދިފާއުގައި ހެކި ހުށަހަޅާ އެމީހަކު ނުވަތަ އެ ފަރާތެއް މަސައްކަތް ކޮށްފައިވަނީ އެންމެ ރަނގަޅަށް އެކަމެއް ކުރަން އޮންނަ ގޮތަށް ކަން ބަޔާންކޮށް ކުރެވޭ ތުހުމަތުން ބަރީއަވުމުގެ ހައްގު ފުޅާކޮށް ހުޅުވިފައި އޮވެ އެވެ.

މިގާނޫނަށް އަމަލުކުރަން ފެށުމާއެކު މަސައްކަތްތެރިންގެ ސަލާމަތާއި ސިއްހީ ރައްކާތެރިކަމާ ގުޅޭގޮތުން އެހެން ގާނޫނެއްގެ ބަޔަކާއި މިގާނޫނުގެ އެއްވެސް ބައެއް ފުށުއަރާނަމަ ފުށުއަރާ ގާނޫނެއްގެ އެބައި ބާތިލްވެގެންދާނެ އެވެ. އަދި ގާނޫނު ހިންގާ ފަރާތުން ނިންމާ ނިންމުމެއް މައްސަލަ ރައްދުވާ ފަރާތުން އިސްތިއުނާފް ކުރަން ބޭނުންވާނަމަ ގާނޫނުގެ ދަށުން ހުށަހަޅާ އިސްތިއުނާފް ކޮމިޓީއަކަށް މައްސަލަ ހުށަހަޅައިގެން އިންސާފް ހޯދަން ފުރުސަތު ލިބޭނެ އެވެ. އަދި ކޯޓުން ނިންމާ މައްސަލައެއްގައި ހިތްހަމަނުޖެހޭނަމަ ހުކުމް ކުރާތާ ވަކި މުއްދަތެއްގެ ތެރޭގައި މަތީ ކޯޓުގައި އިސްތިއުނާފް ކުރަން ފުރުސަތު ލިބޭ ގޮތަށްވެސް ބިލްގައި ވަނީ ހިމަނާފަ އެވެ.

ޕަބްލިކް އިންޓަރެސްޓް ލޯ ސެންޓަރުން ގެންދަނީ މަސައްކަތު މާހައުލުގެ ސަލާމަތާއި ސިއްހީ ރައްކާތެރިކަމާއި ބެހޭ ބިލެއް މަޖިލީހަށް ހުށަހެޅުމުގެ ކުރިން އެފަދަ ބިލެއްގައި ހުންނާނެ މުހިއްމު ބައިތައް މެންބަރުންނަށް އޮޅުންފިލުވައިދީ އަހުލުވެރިކުރުވުމަށް މަސައްކަތްތަކެއް ކުރަމުންނެވެ. ވަޒީފާގެ މާހައުލުގައި ލިބޭ އަނިޔާތަކަށް ގާނޫނީ ފަރުވާ ލިބޭނެ ބިލެއް އަވަހަށް މަޖިލީހަށް ހުށަހަޅައިގެން ގާނޫނެއްގެ ގޮތުގައި ވުޖޫދުވެ ތަންފީޒު ކުރުން އަވަސް ކުރުމަކީ ޕަބްލިކް އިންޓަރެސްޓް ލޯ ސެންޓަރުން މިވަގުތު އެންމެ އިސްކަންދޭ މަސައްކަތްތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ.