ވިޔަފާރި

އިމާރާތް ކުރުން ހުއްޓާލައި ހުންނަ ސައިޓުތަކަށް ނުވައްނަން އެދެފި

Feb 9, 2021

އިމާރާތް ކުރުން ހުއްޓާލައި ހުންނަ ކޮންސްޓްރަކްޝަން ސައިޓުތަކަށް ވަދެ ނޫޅެން، މޯލްޑިވްސް ނޭޝަނަލް އެސޯސިއޭޝަން އޮފް ކޮންސްޓްރަކްޝަން އިންޑަސްޓްރީ (އެމްއެންއޭސީއައި) އިން އިލްތިމާސްކޮށްފި އެވެ.

މަސައްކަތް ހުއްޓިފައިވާ ރިސޯޓެއްގެ ފާރެއް ކުއްޖެއްގެ ގައިމައްޗަށް ވެއްޓި އަނިޔާވި މައްސަލައަކާ ގުޅިގެން، އިމާރާތް ކުރުމުގެ ދާއިރާ ތަމްސީލް ކުރާ ޖަމިއްޔާ އެމްއެންއޭސީއައި އިން ނެރުނު ބަޔާނެއްގައި ބުނީ ކޮންސްޓްރަކްޝަން މަސައްކަތްތައް ކުރުމުންދާ ތަންތަނާއި، ކޮންސްޓްރަކްޝަން މަސައްކަތްކުރުމުގެ ތެރޭގައި ކޮންމެވެސް ސަބަބަކާ ހުރެ މަސައްކަތްތައް ހުއްޓިފައި ހުންނަ އިމާރާތްތަކާއި ތަންތަނަކީ އާއްމު ރައްޔިތުން ވަދެނިކުމެ އުޅެ، އެ ތަންތަން ބޭނުން ކުރުމަކީ ރައްކާތެރިކަމެއް ނޫން ކަމަށެވެ.

އެ ޖަމިއްޔާ އިން ބުނީ ކޮންސްޓްރަކްޝަން ސައިޓު ފަދަ ތަންތަނަށް ވަދެނިކުމެ އުޅުމުގައި އަމަލުކުރަންޖެހޭ އުސޫލުތަކެއް ހުންނަ ފަދައިން މަސައްކަތް ހުއްޓިފައި ހުންނަ ތަންތަނަށް ވަދެނިކުމެ އުޅުމުގައި ވެސް ސަމާލުވާން ޖެހޭ ކަންތަކެއް ހުންނަ ކަމަށެވެ.

ނަމަވެސް، މި ފަދަތަންތަން އެކިއެކި ބޭނުންތަކުގައި މީހުން ބޭނުންކޮށް ވަދެނުކުމެ އުޅުމުގެ ސަބަބުން ވަރަށް ހިތާމަވެރި ނޭދެވޭ ހާދިސާތައް ހިންގަމުންދާ ކަމަށެވެ.

އެ ޖަމިއްޔާ އިން ބުނީ އިމާރާތްކުރުމުގައި އަޅަންޖެހޭ ސަލާމަތާއި ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށާއި މިގޮތުން އަޅާ ފިޔަވަޅުތައް ހަރުދަނާ ކުރުމަށާއި އަދި މޮނިޓަކޮށް ބަލައި ކަންކަން އިސްލާހުކުރުމަށް ކުރަންޖެހޭކަންކަން ކުރުމުގެ ބާރު ގާނޫނުން ދީފައިވާ ފަރާތްތަކުން ވެސް ހަރުދަނާކަމާއެކު ކަންކަން ކުރުމަށް ތަކުރާރުކޮށް އެ އެސޯސިއޭޝަނުން
މި ގެންދަނީ ބާރުއަޅަމުން ހޭލުންތެރިކުރުމަށް އެކިއެކި ޕްރޮގްރާމްތައް ހިންގަމުންނެވެ. މި ގޮތުން ސެމިނާތަކާއި،
ވޯކްޝޮޕްފަދަ ބައްދަލުވުންތައް ބޭއްވުމުގެ އިތުރުން ސޯޝަލްމީޑިއާ ކެމްޕޭނުތައް ވެސް ހިންގަމުންދާ ކަމަށެވެ.

"ނަތީޖާއެއްގެ ގޮތުން ގިނަ ކޮންޓްރެކްޓަރުން ސޭފްޓީ އެންޑް ހެލްތްގެ ކަންކަން އިންތިޒާމްކޮށް އަމަލުކުރުމުގައި
ކުރިޔާއަޅައި ބަލާއިރު މިހާރު ވަރަށް ރަގަނޅަށެވެ. ނަމަވެސް މިހާރު ވެސް ބައެއް ކޮންޓްރެކްޓަރުންގެ ފަރާތުން ނޭދެވޭ ކަންކަން ފެންނަމުންދެ އެވެ. ވަކިން ހާއްސަކޮށް ރަޖިސްޓްރީނުވެ ހިންގާ ކޮންސްޓްރަކްޝަން ގްރޫޕް ތަކުން
އިމާރާތްކުރުމުގެ މަސައްކަތްތައް ކުރުމުގައި ފަރުވާކުޑަކުރާކަން ވަނީ ފާހަގަ ކުރެވިފަ އެވެ،" އެމްއެންއޭސީއައި އިން ބުނެފައިވެ އެވެ.