ރިޕޯޓް

ގާނޫނު އަސާސީގެ އެންމެ މުހިންމު އަސާސް ގުޑަނީ!

ރާއްޖޭގެ ގާނޫނު އަސާސީއަކީ އިނގިރޭސިވިލާތުގެ ގާނޫނުތަކުގެ އަސާސްތަކާއި އުސޫލުތަކަށް ފެތޭހެން އެކުލަވާލި ގާނޫނު އަސާސީއެކެވެ. އެކަމަކު، އެ ގާނޫނު އަސާސީގެ އެންމެ މުހިންމު އަސާސަކީ އިނގިރޭސިވިލާތާ މުޅިން ތަފާތުކޮށް ލިޔެފައިވާ އަސާސެކެވެ. އެ އަސާސްއަކީ އެމެރިކާ ފަދަ ގައުމުތައް އަސްލަކަށް ބަލައިގެން ތިން ބާރު ވަކިކުރުމުގެ މަބްދައު (ސެޕަރޭޝަން އޮފް ޕަވާ ޑޮކްޓްރައިން)އެވެ. އެހެނަސް މިހާރު ފެންނަމުންދަނީ ފެހި ގާނޫނު އަސާސީގެ މި އަސާސަށް ގުނޑުން އަރަމުން އަންނަ ކުލަވަރުތަކެވެ.

ރޯމަނުން އުފަންވެގެން އައި ތިން ބާރު ވަކިވުމުގެ އުސޫލު ރާއްޖޭގައި ފެއްތީ ފެހި ގާނޫނު އަސާސީ ވުޖޫދުވުމާއެކުއެވެ. ދައުލަތް ތިން ދިމާއަށް ބަހާލައި ބާރުތައް ވަކިކޮށް، އެއް ބާރު އަނެއް ބާރަށް ފާރަވެރިވެވޭނެ (ޗެކް އެންޑް ބެލެންސް) ނިޒާމަށް ރާއްޖެ ދެކުނީ ފުރަތަމަ ފަހަރަށެވެ. ތިން ބާރު ވަކިވެފައި އޮތް ނިޒާމަކީ ރިޔާސީ ނިޒާމްގެ އަސްލެކެވެ. މި ނިޒާމްގެ ތެރޭގައި ދައުލަތުގެ އެންމެ މަތީ ފަރާތާއި ސަރުކާރުގެ ވެރިއަކީ ރައީސުލްޖުމްހޫރިއްޔާއެވެ. އެހެނަސް ރައްޔިތުންގެ މަޖިލީހާއި ޝަރުއީ ދާއިރާއަކީ ރައިސުލްޖުމްހޫރިއްޔާގެ ބާރު ނުހިނގާ މުޅިން މުސްތަގިއްލު ދެ ބާރެވެ.

ގާނޫނު އަސާސީގައި ރީތި ބަސްތަކުން މި ވާހަކަތައް އަތުރާފައިވީ ނަމަވެސް އާ ސަރުކާރާއެކު، ގާނޫނު އަސާސީގެ މި މުހިންމު އަސާސަށް ގުނޑުން އަރަމުންދާތަން މި ފެންނަނީ ސަބަބެއް އޮވެގެންނެވެ. ރައްޔިތުންގެ މަޖިލީހުގެ ރައީސް، ކުރީގެ ރައީސް މުހައްމަދު ނަޝީދަކީ ސިޔާސީ ގޮތުން ނުފޫޒުގަދަ ބޭފުޅެކެވެ. ކުރީގެ ރައީސް ނަޝީދަކީ ބާރުލަމާނީ ނިޒާމަށް ތާއިދު ކުރައްވައި އެ ނިޒާމް ރާއްޖެއަށް ގެންނަން ވަރަށް މަސައްކަތް ކުރައްވާ ބޭފުޅެކެވެ. އެމަނިކުފާނު މިހާރު އެ ހުންނެވީ އެކަން ކުރެއްވުމުގެ މަސައްކަތް ކުރެއްވޭނެފަދަ މަގާމެކެވެ. އެއް ބާރުގެ ވެރިޔަކަށް ރައީސް ނަޝީދު ހުންނެވިއިރު ބަރުލަމާނީ ނިޒާމްގެ ކުލަ ނުޖެހި ނުދާނެކަމީ އެއީ ކަށަވަރު ކަމެކެވެ. އެކަމަކު އެއީ ގޯހެކެވެ.

ގާނޫނު އަސާސީ އޮތްހާ ހިނދަކު، އޭގައިވާ އަކުރުތަކަށް ބޯލަނބަން ޖެހޭނެއެވެ. ހިނގަން ޖެހޭނީ އެ އޮތް މަގުންނެވެ. ތިން ބާރު ވަކިކުރުމުގެ އަސާސް ރާއްޖެއިން ނެތިދާހެން ހީވާ ކަހަލަ ގޮތެއްވެފައިވަނީ މިހާރު ރައްޔިތުންގެ މަޖިލީހުގެ އަމަލުތައް ބައްޓަންވެފައިވާ ގޮތުންނެވެ. އެންމެ މަތީ ފަރާތަކީ އަދި އެންމެ އިސް ފަރާތަކީ މަޖިލިސް ކަމަށް މިހާރު އެ ގެންދަނީ ދައްކަމުންނެވެ. މަޖިލީހުން ހުރިހާ މައްސަލަތަކެއްގެ ތެރެއަށް ވަދެ ހުރިހާ ކަމެއްގައި ގޮތް ކިޔައި ރައުޔު ވެސް ދެނީއެވެ. ރައީސުލްޖުމްހޫރިއްޔާއަށްވުރެ ކުރިން މުހިންމު ނިންމުންތައް ވެސް ހާމަކުރާ ތަނަކަށްވެފައި އޮތީ މަޖިލީހެވެ.

އޭގެ ހެއްކެކެވެ. ކޮވިޑް-19އާ ގުޅިގެން ރާއްޖޭގެ ބޯޑަރުތައް ބަންދުކޮށް ރާއްޖޭގެ އިގްތިސޯދު އޮތީ ބަންދުވެފައެވެ. އެހެންވީއިރު ގައުމަށް އެންމެ މުހިންމުވާނެ ނިންމުމަކީ އަލުން ބޯޑަރު ހުޅުވާލާނެ ދުވަހެވެ. އެ ދުވަސް ނިންމަވާނީ ވެސް ކަމާބެހޭ ފަރާތްތަކުގެ ލަފާއާއެކު ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ. ނަމަވެސް ރައީސް ސޯލިހަށް އެކަން ކުރެއްވުމުގެ ފުރުސަތު ލިބިވަޑައިނުގެންނެވިއެވެ. ބޯޑަރު ހުޅުވާލާނެ ދުވަސް، ރައީސްއަށްވުރެ ކުރިން މަޖިލީހުގެ ރައީސް އިއުލާން ކުރެއްވިއެވެ. ރައީސް ސޯލިހު އެކުލަވާލެއްވި ރިޔާސީ ކޮމިޝަނުން މަރުތަކާ ގުޅޭ ރިޕޯޓް އެކުލަވާލިއެވެ. އެ ރިޕޯޓްގައިވާ ކަންކަން ރައީސް ހާމަ ކުރައްވަން ތައްޔާރުވަމުން ގެންދަވަނިކޮށް މަޖިލީހުން ވަނީ މުޅި ރިޕޯޓް އާންމުކޮށް ވެބްސައިޓަށް ނެރެފައެވެ. މިފަދަ އެތައް ކަމަކާހެދި، ސަރުކާރުގެ އިސް ފަރާތަކީ މަޖިލިސް ކަމަށް ވަނީ ހީވާން ފަށާފައެވެ.

ސަރުކާރާއި މަޖިލިސް ނޫން އަނެއް ބާރު ކަމަށްވާ ޝަރުއީ ދާއިރާއަށް ވެސް މަޖިލީހުގެ ހިޔަނި ވަނީ އެޅިފައެވެ. ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގައި މަޖިލީހުގެ ނުފޫޒު އެހާމެ ބޮޑަށް އޮތްއިރު، މަޖިލީހުގެ ނިންމުންތަކަށް ސުޕްރީމް ކޯޓަށް ގޮތް ނުނިންމޭނެ ކަމަށް ވަކާލާތު ކުރަމުންދާއިރު މަޖިލީހުގެ ތަޅުމުގައި ކޯޓުތަކުގެ ހުކުމްތަކަށް ގޮންޖަހައި ކޯޓުތަކުގެ ބައެއް ނިންމުންތަކާ ގުޅިގެން ފަނޑިޔާރުން ވަކިކުރާ ހިސާބަށްކަން ވަނީ ގޮސްފައެވެ.

ކުރީގެ އުއްތަމަ ފަނޑިޔާރު އަހުމަދު ފާއިޒު ލިޔުއްވާފައި ލިޔުމެއްގައިވާ ގޮތުން، ގާނޫނު އަސާސީން ކޯޓުތަކަށް ދީފައިވާ ޖުޑީޝަލް ރިވިއުކުރުމުގެ ބާރުގެ މަބްދައު ބޭނުންކޮށްގެން ދައުލަތުގެ ނިންމުންތަކުގެ ދުސްތޫރިއްޔަތުކަން ކަނޑައެޅުމުގެ ބާރު ސުޕްރީމް ކޯޓަށް އޮންނާނެއެވެ. އެމެރިކާގެ ރައީސްގެ ނިންމުން ނުވަތަ ބާރުގަދަ ކޮންގްރެސްގެ ނިންމުން ގާނޫނުއަސާސީއާ ހިލާފުތޯ ބެލުމަށް ޖުޑީޝަލް ރިވިއު ކުރުމަކީ ޒަމާންވީ ޝަރުއީ ސަގާފަތެއްކަން އޭނާ ފާހަގަ ކުރެއްވިއެވެ. އަދި، ފަނޑިޔާރަކު ނިންމަވާ ނިންމުމަކާ ގުޅިގެން އެ ފަނޑިޔާރަކާމެދު ފިޔަވަޅު ނޭޅޭނެކަމީ ވެސް ގާނޫނު އަސާސީއިން ސާފުވާން އޮތް ކަމެއްކަން ފާއިޒް ފާހަގަ ކުރައްވާފައިވެއެވެ.

ސުޕްރީމް ކޯޓު ނުވަތަ ފަނޑިޔާރުން ވެސް ވަކި އެންމެ މަތީ ބަޔަކަށްވަނީއެއް ނޫނެވެ. އެއީ ވެސް ބާރެކެވެ. އެ ބާރަށް ވެސް މަޖިލީހަށް ވެސް ސަރުކާރަށް ވެސް އޮންނާނީ އިންތަކެކެވެ. އެ އިންތަކުން ބޭރުވެ އަނެއް ބާރަށް އަރައިގަތުމަކީ މިހާރު އޮތް ގޯހެވެ. މިހާރު ފެންނަމުން އަންނަ މަންޒަރުން އެންމެ ސްޕީރިއާ ނުވަތަ އެންމެ މަތީ ބަޔަކަށްވެފައިވަނީ މަޖިލީހެވެ. މިއީ ބަރުލަމާނީ ނިޒާމްގެ އެންމެ އަސާސީ ސިފައެވެ. ސަރުކާރު ހިންގާނީ ވެސް މަޖިލީހުންނެވެ. އިންޑިއާގައި އެ އޮތީ އެ ނިޒާމެވެ. ސަރުކާރުގެ ވެރިޔާއަކީ ބޮޑުވަޒީރެވެ. ބޮޑުވަޒީރަކީ ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލިބޭ ޕާޓީގެ ތެރެއިން ހޮވާ ބޭފުޅެކެވެ. ރައީސްއެއް ވެސް ހުންނަވައެވެ. އެއީ ދައުލަތުގެ ވެރިޔާއެވެ. ނަމަވެސް ވަރަށް ރަމްޒީ މަގާމެކެވެ. ގޮތަކަށް ބުނާނަމަ، ހަމައެކަނި ރިނބަންފަށް ކަނޑަން ހުންނަވާ ބޭފުޅެކެވެ. މުހިންމު ނިންމުންތަކާއި ގޮތް ކިޔުމުގައި ރައީސްގެ މާބޮޑު ދައުރެއް ނޯންނާނެއެވެ. އެންމެ އަވަށްޓެރި ސްރީލަންކާގައި އޮންނަ ސެމީ ޕްރެޒިޓެންޝަލް ނިޒާމްގައި ވެސް ބޮޑުވަޒީރާއި ރައީސްއެއް ހުންނަވައެވެ. ސީދާ ބަރުލަމާނީ ނިޒާމާ އެއް ގޮތް ނުވާނެހެން މި ނިޒާމްގައި ރައީސްއަށް ވެސް އެކަށީގެންވާ ބާރުތަކެއް ލިބެއެވެ. ކަންކަން ގޮތް ކިޔައި، ސަރުކާރު ހިންގުމުގެ ބާރު އޮވެއެވެ. ރައީސްއަކީ ހަމައެކަނި ރަމްޒީ މަގާމެއް ނޫނެވެ. ރާއްޖޭގައި މިއޮތީ އެ ދެ ނިޒާމާ މުޅިން އިދިކީލަ ނިޒާމް ނަމަވެސް މަންޒަރުން ކުރަހައިދެނީ އެހެން ގޮތަކަށެވެ. ވައްތަރު ވަނީ އެ ދެ ނިޒާމްއާ ދިމާއަށެވެ.

ވިލިމާލެ ދާއިރާގެ މެންބަރު އަހުމަދު އުޝާމް ވިދާޅުވި ގޮތުގައި ސަރުކާރުން ކުރާ ކަންކަން ބެލުމާއި ޒިންމާދާރުކުރުމަކީ މަޖިލީހުގެ ޒިންމާއެކެވެ. އެކަމަކު އޭގެން ބޭރުން ކުރާ ކޮންމެ ކަމަކީ މަޖިލީހުގެ އިހުތިސޯސުން ބޭރުން ކުރާ ކަމެކެވެ. އޭގެ މިސާލެއް ދައްކަވަން އުޝާމް ނެންގެވީ އެމްއޭސީއެލްއިން އެއާޕޯޓްގައި ހިންގާ "ދޮވެމި" ފިހާރައިން ޑެލިވަރީ ކުރުން ހުއްޓުވުމަށް މަޖިލީހުގެ ކޮމިޓީއިން އެންގި އެންގުމެވެ. އުޝާމް ވިދާޅުވި ގޮތުގައި އެ ފިހާރައިން ޑެލިވަރީ ކުރަން ފެށުމަކީ އެމްއޭސީއެލްގެ އޮޕަރޭޝަން ޑެސިޝަންއެއް ކަމަށެވެ. އެކަން މަޖިލީހުގެ ކޮމިޓީއަކުން ބަދަލު ކުރުމަކީ ގޯހެއް ކަމަށެވެ. ސަރުކާރު ހިއްސާވާ ކުންފުނިތައް ބެލުމަށް މަޖިލީހުން ގާނޫނެއް ހަދައި ބޯޑެއް އެކުލަވާލައި ޒިންމާ ހަވާލުކޮށްފައިވެއެވެ. އެކަމުގައި ގޯހެއް ނަމަ އެކަމެއް ފުރަތަމަ ބަލައި ގޮތެއް ނިންމަން ޖެހޭނީ ބޯޑުންނެވެ. ބޯޑުގެ ޒިންމާ އަދާކުރުމުގެ ފުރުސަތު ނުދީ ސީދާ މަޖިލީހުން ކަންކަން ނިންމަން ވެއްޖެނަމަ، ގާނޫނުތައް ހެދުމުގެ ބޭނުމެއް ނެތްކަން ވެސް އޭނާ ފާހަގަ ކުރެއްވިއެވެ.

ކުރީގެ ޑެޕިއުޓީ އެޓާނީ ޖެނަރަލް އުޝާމް ވިދާޅުވި ގޮތުގައި މަޖިލީހުން ސަރުކާރުގެ އިހްތިސޯސް ތެރެއަށް ތަކުރާރުކޮށް ވަންނަމުންދާއިރު، ސަރުކާރުން ހިމޭނުން އޮތުމަކީ ކަންބޮޑުވުމެއް ކަމަށެވެ. މި ހާލަތުގައި ސަރުކާރުގެ ބާރުވެރިކަން ދައްކަން ޖެހޭ ކަމަށެވެ. ގާނޫނު އަސާސީގެ މުހިންމު އަސާސެއް ފުނޑި، މައްސަލަތައް ދިމާވަމުން ދަނީ ސަރުކާރުން މިކަމާ އަޅާނުލާތީ ކަމަށް ވެސް އުޝާމް ވިދާޅުވިއެވެ. އެއް ބާރުން އަނެއް ބާރަށް ހާމަކަން ބޮޑުކޮށް ފުށުއަރާނަމަ އޭގެ ސަބަބުން ދުސްތޫރީ ގިނަ މައްސަލަތަކެއް ފެންމަތިވަމުން އަންނާނެއެވެ.

އުޝާމްގެ ލަފާއަކީ މިކަމަށް ސްޕްރީމް ކޯޓުން ހައްލެއް ހޯދުމެވެ. އޭނާ ގަބޫލު ކުރައްވާ ގޮތުގައި މަޖިލީހުން އިހްތިސޯސް ބޭރުވެ، ސަރުކާރަށް އުދަނގޫ ކުރާނަމަ އެކަން ސުޕްރީމް ކޯޓަށް ރައީސް ހުށަހަޅުއްވަން ޖެހޭނެއެވެ. ބާރުތަކުގެ އިންތަކާއި މިންތައް މިހާރު ސުޕްރީމް ކޯޓުން މާނަކޮށް ސާފުކުރަން ޖެހިފައިވާ ކަމަށް އޭނާ ގަބޫލު ކުރައްވައެވެ. އުޝާމް މިހެން ވިދާޅުވި ނަމަވެސް ރައީސް ސޯލިހު ތަކުރާރުކޮށް ވެސް ވިދާޅުވަމުން ގެންދަވަނީ އެމަނިކުފާނުގެ އިހްތިސޯސްގެ ތެރެެއަށް މަޖިލީހުން ނުވަންނަ ކަމަށެވެ. އަދި ވަންނާނެ ކަމަށް ވެސް ގަބޫލުފުޅު ވެސް ނުކުރައްވާ ކަމަށެވެ. މަންޒަރު އެހެން ގޮތަކަށް އޮތް ނަމަވެސް އެމަނިކުފާނުގެ ބަސްމަގު ހުންނަވަނީ އެފަދައިންނެވެ.

އެހެން ރައީސުންނަށް ދިމާނުވާ މިންވަރަށް ބާރު ހަނިވުމުގެ މައްސަލަ ރައީސް ސޯލިހަށް ދިމާވެފައިވާއިރު، ރައީސް މުހައްމަދު ނަޝީދު ދެކެވަޑައިގަންނަވާ ގޮތުގައި މިހުރިހާ ދައްޗެއް ކުރިމަތިވަމުން ދަނީ ގާނޫނު އަސާސީ ލިޔެފައި އޮތް ގޮތުންނެވެ. އެމަނިކުފާނު ވިދާޅުވީ ފެހި ގާނޫނު އަސާސީ ބިނާވެފައިވަނީ ވަރަށް ބޮޑަށް ބަރުލަމާނީ ސިފައިގައި ކަމަށެވެ. ނަޝީދު ދެކެވަޑައިގަންނަވާ ގޮތުގައި ގޯހަކީ ގާނޫނު އަސާސީގެ ބޮޑު ބައި އެކުލަވާލުމަށްފަހު ނިޒާމާމެދު ގޮތެއް ނިންމުމެވެ. އޭގެ ސަބަބުން ބަރުލަމާނީއަށް ފައްކާކުރި ގާނޫނު އަސާސީގެ ދަށުން ހިންގަން ޖެހުނީ ރިޔާސީ ނިޒާމެވެ. ރިޔާސީ ނިޒާމް ތަންފީޒު ކުރައްވަން ޖެހިވަޑައިގެންނެވުމުގެ އެމެނިކުފާނަށް ވެސް ސަރުކާރު ހިންގަން އުނދަގޫވި ކަމަށް ނަޝީދު ވިދާޅުވިއެވެ. އެމަނިކުފާނު އިތުރަށް ފާހަގަ ކުރެއްވި ގޮތުގައި ފެހި ގާނޫނު އަސާސީއަކީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްއާ ދެކޮޅަށް ލިޔުއްވި ލިޔުމެކެވެ. އެހެންކަމުން ރައީސުލްޖުމްހޫރިއްޔާގެ ބާރުތައް ހަނިކުރަން ވަނީ މަސައްކަތްތައް ކުރެވިފައެވެ.

ގާނޫނު އަސާސީ އެކުލަވާލުމުގައި އިސް ދައުރެއް އަދާ ކުރެއްވި ޑރ. ހަސަން ސައީދު ވިދާޅުވެފައިވާ ގޮތުގައި، ފެހި ގާނޫނު އަސާސީ ލިޔުނީ ހެޔޮ ނިޔަތެއްގައި ނޫނެވެ. ރައީސް ނަޝީދު ވެސް ފާހަގަ ކުރެއްވި ގޮތަށް އޭރުގެ އިދިކޮޅު ފަރާތްތަކުން ބޭނުންވީ ރައީސް މައުމޫންގެ ވެރިކަމަށް އެޅެން އޮތް ހުރަހެއް އެޅުމަށެވެ. އެއީ ގައުމުގެ ދިގު ރާސްތާގެ މުސްތަގުބަލަށް ބަލައި ބިނާކޮށްފައި އޮތް އެއްޗެއް ނޫން ކަމަށް އޭނާ ވިދާޅުވެއެވެ. އޭރުގެ ބަންޑާރަ ނައިބު ހަސަން ވިދާޅުވި ގޮތުގައި އޭރުގެ އިދިކޮޅު ފަރާތްތަކުގެ ވިސްނުން މުޅިން ވެސް ހުރީ މަޖިލީހުގެ ތެރެއިން ރައީސް މައުމޫންއަށް އުނދަގޫ ކުރުމަށެވެ. ރައީސްގެ މަގާމަށް މައުމޫން ނޫން ބޭފުޅަކަށް އާދެވިދާނެ ކަމަކަށް އޭރު އެ ބޭފުޅުންގެ ވިސްނުމުގައި ނެތެވެ.

އެހެންވެ ގާނޫނު އަސާސީ ބައްޓަންވެގެން އައިސްފައި އޮތީ ރައިސުލްޖުމްހޫރިއްޔާއަށްވުރެ، ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ހައިބަތު ބޮޑުވާނެ ގޮތަށެވެ. ރައީސުލްޖުމްހޫރިއްޔާއަށްވުރެ ގިނަ އިމްތިޔާޒުތަކާއި އިނާޔަތްތައް ވެސް ލިބޭ ގޮތަށެވެ. ރައިސުލްޖުމްހޫރިއްޔާގެ އިތުބާރު ނެތް ކަމަށް ނެގޭނެ ހަމަތައް ލިޔެފައި އަކުރުތައް ތަރުތީބުކޮށްފައިވާއިރު މަޖިލީހުގެ މެންބަރުން ހޮވުމަށްފަހު މަގާމުން ވަކި ކުރެވޭނެ ގޮތެއް ނެތެވެ. ބައެއް ހާލަތްތަކުގައި މެންބަރު ކަމުގެ ގޮނޑި ގެއްލޭނެ ކަމަށް އޮތް ނަމަވެސް އެެހެން ހުރިހާ މަގާމެއްގައި ވެސް އިތުބާރު ނެތް ކަމަށް ކަނޑައެޅެން އޮންނަ އޮތުން މެންބަރުންނަށް އިސްތިސްނާކުރީއެވެ.

ރާއްޖޭގެ ނިޒާމްގެ މިސާލެއް ކަމަށް ބަލައި އަދި ލިޔެފައިވާ ގާނޫނު އަސާސީއެއް ވެސް ގެންގުޅޭ އެމެރިކާގައި ރައިސުލްޖުމްހޫރިއްޔާއަކީ ދައުލަތުގެ އެންމެ މަތީ ފަރާތަށްވާއިރު އޭނާއަށް ބޮޑު ބާރުތަކެއް ދީފައި އޮވެއެވެ. އަދި ސަރުކާރު ހިންގުމުގައި ދަތިނުވާނެ ފަދަ އިންތިޒާމްތައް އޮވެއެވެ. އެގޮތުން ސަރުކާރުގެ މިނިސްޓަރުންގެ އިތުބާރު ނެގުން ފަދަ ކަންކަމަކީ އެހާ ފަސޭހަ މަރުހަލާތައް އޮންނަ ކަންކަމެއް ނޫނެވެ. އެއާ ހިލާފަށް ރާއްޖޭގައި އެ މަރުހަލާތައް އޮތީ ވަރަށް ފަސޭހަ ގޮތަކަށެވެ. މިދިޔަ ސަރުކާރުގެ ދެ ނައިބު ރައީސުންގެ އިތުބާރު ނެތް ކަމަށް ވެސް ވަރަށް ފަސޭހައިން ފާސްވެގެން ދިޔައެވެ. އެކަމަކު އޭރު ހާލަތު ތަފާތީ އެއީ ސަރުކާރުން ވެސް ބޭނުންވެގެން ނެގި ވޯޓަކަށްވުމެވެ. ނަމަވެސް މިއީ ސަރުކާރުގެ ރުހުމެއް ނެތި ސަރުކާރަށް ޖެއްސުމަށް ވެސް ކުރެވޭނެ ކަމެއްގެ ގޮތުގައި މިކަން އެބަ އޮވެއެވެ.

ރިޔާސީ ނިޒާމެއްގައި ތިން ބާރު ވަކިކުރުމާއެކު ދެން އަމުނާލާ އެންމެ މުހިންމު ކަމަކީ ޗެކް އެންޑް ބެލެންސްގެ ނިޒާމެވެ. އެއް ބާރު އަނެއް ބާރަށް ފާރަވެރިވެ ޒިންމާދާރު ކުރުމުގެ އުސޫލެވެ. ފެހި ގާނޫނު އަސާސީއިން މިކަން ކަށަވަރު ކުރަން ބޭނުންވި ނަމަވެސް އެކަން އެގޮތަށްވެގެން ނުދާ މަންޒަރު ފެންނަމުންދަނީއެވެ. އޭގެ އެންމެ ބޮޑު ސަބަބެއް ކަމަށް ގާނޫނީ ބޭފުޅުން އަގުލަބިއްޔަތުވާ ކަމަކީ ޖޭއެސްސީ އުފެދިފައިވާ ގޮތެވެ. އެ ގޮތަކުން އެ ތަނަކީ ތިން ބާރު ޖަމާވެ، މަސްހުނިވާ ތަނެވެ. ގާނޫނު އަސާސީ އެކުލަވާލުމުގެ މަސައްކަތުގައި އުޅުއްވި ރާއްޖޭގެ ފުރަތަމަ ޕްރޮސިކިއުޓާ ޖެނަރަލް އަހުމަދު މުއިއްޒު ވިދާޅުވި ގޮތުގައި ޖޭއެސްސީގައި ސިޔާސީ ބޭފުޅުން ތިއްބަވާކަށް ނުޖެހެއެވެ. ގާނޫނު އަސާސީ އެކުލަވާލިއިރު ވެސް އެ ކަންބޮޑުވުންތައް ހުރި ނަމަވެސް އޭރު އެކަމަށް މާބޮޑު ސަމާލު ކަމެއް ނުދެވުނު ކަމަށް އޭނާ ފާހަގަކުރެއްވިއެވެ. އެތަނުގައި ސަރުކާރުގެ މީހުންނާއި މަޖިލީހުގެ މީހުންނާއި ޝަރުއީ ދާއިރާގެ މީހުން އެބަތިބެއެވެ. މީގެ ސަބަބުން ބާރުތައް މަސްހުނިވުމުގެ އިތުރުން ޝަރުއީ ދާއިރާގެ މިނިވަންކަން ގެއްލިގެންދެއެވެ. އެކަމަކު، އެއީ މުޅިން އެހެން ސުރުހީއެކެވެ.

މިތާ މި އުފައްދާ ސުވާލަކީ ވެރިކަން ހިންގުމުގެ ދަތިތައް ފިލުވެން އޮތީ ގާނޫނު އަސާސީ ބަދަލުކޮށްގެންތޯއެވެ. ތިން ބާރު ވަކިކުރުމުގެ އަސާސް ފުހެލައި ބަރުލަމާނީ ނިޒާމަކަށް ފުރޮޅާލައިގެންތޯއެވެ. އޭރަށް ގައުމަށް ހަމަޖެހުން އަންނާނެތޯއެވެ.

ރައްޔިތުން މަޖިލީހުގެ ރައީސްކަން ކުރެއްވި އަހުމަދު ޒާހިރު، (ސީނާ ޒާހިރު) ވިދާޅުވި ގޮތުގައި ޒާތެއްގެ ބަރުލަމާނީ ވެރިކަމެއް ދިވެހިން މީގެ ކުރިން ތަޖުރިބާ ކުރިއެވެ. ރައީސް ނާސިރު އެންމެ ފުރަތަމަ ހުންނެވީ ބޮޑު ވަޒީރަކަށްކަން ފާހަގަ ކުރައްވަމުން ސީނާ ޒާހިރު ވިދާޅުވީ ރަދުން ހުރެގެން ނާސިރު ބޮޑު ވަޒީރަކަށް ހުރެގެން ވެރިކަން ހިންގަމުން ދިޔުން ވެސް އޭރު ކަމު ނުދިޔަ ކަމަށާއި ހަމަޖެހުން ހޯދައި ނުދެވުނު ކަމަށެވެ. އެއަށްފަހު ހަގީގީ ރިޔާސީ ނިޒާމަކަށް ރާއްޖެ ފުރޮޅިގެން އައުމުން ވެސް ސިޔާސީ ހަމަޖެހުން ނުހޯދި ރާއްޖެ މައްސަލަތަކެއްގެ ތެރެއަށް ވެއްޓުނު ކަމަށް ސީނާ ޒާހިރު ވިދާޅުވިއެވެ. އޭނާ ދެކިވަޑައިގަންނަވާ ގޮތުގައި ބަރުލަމާނީ ނިޒާމުގައި މިހާރަށް ވުރެ މާ ހަމަނުޖެހުންތައް ބޮޑުވެއެވެ. އަދި ވެރިކަމަށް އިސްކުރާ މީހެއްގެ މައްޗަށް ރައްޔިތުންގެ ސީދާ ބަހެއް އެ ނިޒާމުގެ ތެރެއިން ނުހޯދައި ދެވުމަކީ އޭނާގެ ކަންބޮޑުވުމެކެވެ.

އެހެންނަމަވެސް ބަރުލަމާޒީ ނިޒާމްގެ، ރާއްޖޭގެ މަންދޫބުގެ ގޮތަށް ފާހަގަ ކުރެވިފައިވާ ރައީސް ނަޝީދު ވިދާޅުވި ގޮތުގައި ވެރިކަން ހިންގެން އޮތް ހަމައެކަނި ނިޒާމަކީ ބަރުލަމާނީ ނިޒާމެވެ. އެހެންވެ އެ ނިޒާމްގައި ރާއްޖެއަށް ސިޔާސީ ހަމަޖެހުން ލިބޭނެ ކަމަށެވެ. އެ ވާހަކަތައް ރައީސް ނަޝީދު ކިތަންމެ ގިނައިން ދެއްކެވި ނަމަވެސް، ބަރުލަމާނީ ނިޒާމަކީ އަވަހަށް ސަރުކާރު ބަދަލު ކުރެވޭ ފަދަ ގޮތަކަށް ބައްޓަންވާ ނިޒާމަކަށްވާއިރު އެ ރާއްޖެއަށް ކެތްކުރެވިދާނެ ކަމަކާމެދު ސުވާލު އެބަ އޮތެވެ. އަވަށްޓެރި ސްރީލަންކާގައި އެއް ވަގުތެއްގައި ދެ ބޮޑުވަޒީރަކު ހުންނެވި ހާލަތެއް ވެސް ދިޔައެވެ. އަވަސް އަވަހަށް ވެރިކަން ފުރޮޅި ގިނަ ފަހަރަށް ދުސްތޫރީ ބޮޑެތި އަރާރުވުންތަކަށް ލަންކާ ދެއެވެ.

ސީނާ ޒާހިރު ވިދާޅުވި ގޮތުގައި ބަރުލަމާނީ ނިޒާމް ގެންނަން ބޭނުންވާ ސަބަބެއް ކަމަށް ގަބޫލު ކުރެވެނީ ފަސޭހައިން ވެރިކަމަށް އައުމެވެ. މަޖިލީހުގެ ތެރެއިން ޕާޓީތަކަށް ގޮނޑިތައް ބެހިގެންދާ ގޮތަކުން ގައުމު ހިންގުމުގެ އެންމެ އިސް ފަރާތް ކަނޑައެޅޭނެއެވެ. އޭގައި ގިނަ ރައްޔިތުންގެ ބަހެއް ނޯންނާނެއެވެ. މިސާލަކަށް ރައީސް ނަޝީދު މަޖިލީހަށް އިންތިހާބުވެވަޑައިގެންފައިވަނީ މައްޗަންގޯޅި މެދު ދާއިރާއިންނެވެ. އެއީ މާލެ ނިސްބަތުން ވެސް މީހުން މަދު ދާއިރާއެކެވެ. ނަމަވެސް އެ ދާއިރާގެ ތާއިދާއެކު މަޖިލީހަށް ވަޑައިގެން ގައުމުގެ މެޖޯރިޓީ ރައްޔިތުންގެ ތާއިދު ނެތަސް ރައީސް ނަޝީދަށް ބޮޑުވަޒީރު ކަމުގެ މަގާމަށް ވަޑައިގެން ގައުމު ހިންގުމުގެ ހުންގާނުގައި ހިއްޕެވިދާނެއެވެ.

ޒާހިރު ފާހަގަ ކުރައްވާ ގޮތުގައި މައްސަލައަކީ ގާނޫނު އަސާސީއެއް ވެސް ނިޒާމެއް ވެސް ނޫނެވެ. ވެރިންގެ އިހްލާސްތެރިކަމެއް ނެތެވެ. ވެރިކަމަށް ވަޑައިގެންނެވުމަށްފަހު ކޮންމެ ބޭފުޅަކު ވެސް ބޭނުންވަނީ އެ ބޭފުޅަކު ބޭނުންވާ ގޮތަކަށް ވުމަށެވެ. އޭނާ ވިދާޅުވި ގޮތުގައި އެއީ ކުށްހީއެކެވެ. އަދި އެއީ ގާނޫނު އަސާސީ އެކުލަވާލުމުގެ މަފްހޫމާ ހިލާފު ވިސްނުމެކެވެ. އެންމެ ފުރަތަމަ ބަދަލުވާންވީ އެ ވިސްނުން ކަމަށް ޒާހިރު ވިދާޅުވިއެވެ. ޒާހިރު އެހެން ވިދާޅުވި މައިގަނޑު ސަބަބަކީ މީގެކުރީ ސަރުކާރުތަކުގައި ރައިސުލްޖުމްހޫރިއްޔާ ކަމުގައި މަގާމުގައި ތިއްބެވި ބޭފުޅުން ބާރުތައް މުށުތެރެއަށް ޖަމާކުރުމަށް މަސައްކަތް ކުރައްވާފައިވާތީއެވެ.

މިއަދު މި ވަގުތަށް އޮތް ހާލަތުގައި ތަފާތު ވަނީ އެކަމެވެ. ބާރުތައް މުށު ތެރެއަށް ގެންނަވަން މަސައްކަތް ކުރައްވަމުން ދާ މަންޒަރު ފެންނަނީ މަޖިލީހުގެ ރައީސްއެވެ. ފެންނަނީ ރައިސުލްޖުމްހޫރިއްޔާއަށް ބާރުތައް އިތުރަށް ހަނިވެގެންދާ މަންޒަރެވެ. ތިން ބާރު ވަކިވެފައި އޮތް ރިޔާސީ ނިޒާމްގެ އަސާސް ގާނޫނު އަސާސީގައި އޮތަސް އެއަށް އަންނަ ލޮޅުންތަކާއެކު ބޮޑެތި ހަމަނުޖެހުންތަކަކަށް އަނެއްކާވެސް ސިޔާސީ މަޝްރަހު އެނބުރިގެންދާނެއިރު އެކަމަށް ހައްލެއް ގެނެވިދާނެތޯ އެއީ ޖަވާބު ހޯދަން ޖެހޭ ސުވާލެކެވެ.