ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ރިޕޯޓް

ލޭބަރުންގެ ރަށަށް އޮތް ވަށާޖެހޭ ވިސްނުމަކީ ކޮބާ؟

ރާއްޖޭގައި މަސައްކަތް ކުރަން އައިސް ތިބި ބިދޭސީންނަކީ އެއްވެސް ޒަމާނެއްގައި ސަލާން ޖަހާ އުޅުނު ބައެއް ނޫނެވެ. ހާއްސަކޮށް ރާއްޖޭގައި މަސައްކަތް ކުރާ ބަންގްލަދޭޝްގެ ރައްޔިތުންނަކީ މަސައްކަތްތެރި ބައެކެވެ. އެ މީހުން ރާއްޖެ އައިސް ތިބި "ސަބަބު" ގެ މަތިން އެންމެ ސިކުންތު ކޮޅަކަށް ނަމަވެސް ހަނދާނުން ކައްސާ ނުލާ ބައެކެވެ. ނަމަވެސް ކޮރޯނާ ރައިވަސް ރާއްޖޭގައި ފެތުރި، ބަލިމަޑުކަން މާލެ ތެރޭގައި އުޅެން ފެށުމާއެކު، މަސައްކަތް ހުއްޓިގެން ދިއުމުން ބިދޭސީ އާބާދީގެ ބޮޑު ބައެއް "ސަލާން ޖެހުމު" ގެ ހާލަތަށް ވައްޓާލައިފި އެވެ.

ކުރިން ދުވަހު މަސައްކަތުން ފައިސާކޮޅު ހޯދައިގެން އުޅުނު ބިދޭސީ އާބާދީއަށް މި ބަލީގެ ނުރައްކާ ވަރަށް ބޮޑުވެއްޖެ އެވެ. އިރެއްގައި، ދުވާލެއްގެ މައްޗަށް ފައިސާ ތަކެއް ލިބުނަސް މިއަދު އެ މީހުން ތިބީ ހާލުގަ ޖެހިފަ އެވެ. އެހެންވެ ސަރުކާރުން ވަނީ އެފަދަ ބިދޭސީންނަށް ގުޅީފަޅުގައި "ވަގުތީ ބޯހިޔާ ވަހިކަމެއް" ހަދަން ފަށާފަ އެވެ.

ތޮއްޖެހިފައިވާ ކުޑަ ކޮޓަރިއެއްގެ ތެރޭގައި 40 ހަކަށް މީހުން ނިދައި ހެދި ތަންތަނުން އެ މީހުން ނެރެ ރައްކާތެރި ތަންތަނަށް ބަދަލު ކުރަން މާލެ އިން ބޭރަށް އެ ދަނީ ގެންދަމުންނެވެ. މިއާއެކު މިހާރު ބެލެވިފައިވަނީ އެ މީހުން ބަދަލު ކުރާ ގުޅިފަޅު މުސްތަގުބަލުވައި ވެގެން ދާނީ އެންމެ ގިނަ މަސައްކަތްތެރިން އުޅޭ އަދި ބަންގްލަދޭޝްގެ ގިނަ ބަޔަކު އުޅޭނެ "ލިޓުލް ބަންގްލަދޭޝް" އަކަށެވެ. ލޭބަރުންގެ ވިލެޖެއް ނޫނީ ލޭބަރުގެ ރަށަކަށެވެ.

މި ބަދަލު ގެނައުމުގައި ވަށައި ޖެހޭ ވިސްނުމެއް ސަރުކާރުގައި އެބައޮތް ހެއްޔެވެ؟ މިވަގުތަށް މަޖުބޫރު މިކަން ކުރަން ގޮވާތާ ވެސް ކިހާ ދުވަހެއް ވެއްޖެ ހެއްޔެވެ؟

ލޭބާ ވިލެޖް: ދުވަސްވީ ވިސްނުމެއް

ރާއްޖެއިން މަސައްކަތްތެރިން ތިބެން ހާއްސަ ރަށެއް ހެދުމުގެ ވިސްނުން ގެންގުޅެން ކިޔާތާ ލައްކަ ދުވަސް ވެއްޖެ އެވެ. ސަރުކާރުން މިކަން ކުރާނެ ކަމަށް ބުނާތާވެސް އަހަރުތައް ވެފައި ވެއެވެ. މި ސަރުކާރުގެ ފުރަތަމަ އަހަރުވެސް މި ވާހަކަ ދެއްކި އެވެ.

އެންމެ ގިނައިން ބިދޭސީން މަސައްކަތް ކުރާ އެއް ސިނާއަތު ކަމަށްވާ ރާއްޖޭގެ ކޮންސްޓްރަކްޝަން ސިނާއަތް ތަމްސީލް ކުރާ ޖަމިއްޔާ މަސީން މިކަމަށް ވަކާލާތު ކުރަމުންދާތާ 10 ވަރަކަށް އަހަރު ވެއްޖެ އެވެ. ސަބަބަކީ މި ކޮންސެޕްޓަކީ ދުނިޔޭގައި ޓެކްސްޓްކޮށް، ނަތީޖާ ވެސް ފެންނަން އޮތް ކަމަށްވާތީ އެވެ. ނަމަވެސް މި ހުރިހާ ދުވަހު ސަރުކާރުން އެކަން ކުރާކަށް ބޭނުމެއް ނުވި އެވެ.

ރާއްޖެ އަންނަ ބިދޭސީންގެ ބޮޑު ބައެއް "އަންޑޮކިއުމެންޓެޑް" ބިދޭސީންގެ ގޮތުގައި އުޅެމުންދާކަން އެނގިތިބެ ފިޔަވަޅު ނާޅަ އޮތީ އެވެ. އަދި ބިދޭސީން ގެންނަ ކުންފުނި ތަކުން އެ މީހުން މަގު މައްޗަށް "ހޫރާލި" ނަމަވެސް އެ މީހުންނަށް ވެސް ފިޔަވަޅެއް އަޅަމުން ގޮސްފައެއް ނުވެ އެވެ. އެކަމަކު ކޮވިޑް-19 އިގެ ބަލާއާފާތް ރާއްޖެއަށް ފާވުމާއެކު ސަރުކާރުން މި ވަނީ އެކަމާ "ތެޅިގެން" ފަ އެވެ. މި ވަގުތު ސަރުކާރުގެ އެންމެ ބޮޑު ބޮލުގެ ރިހުމަކަށްވެފައި ވަނީ މި ބިދޭސީންގެ ސަބަބުން ކޮވިޑް ފެތުރިގެން ދިއުމެވެ. އެހެންވެ، ގުޅީފަޅުގައި އެ ދަނީ ވަގުތީ ހިޔާ ހަދަމުންނެވެ.

މި ވަގުތު ފުރަތަމަ 3،000 މީހުން އެ ރަށަށް ބަދަލު ކުރާއިރު، މިކަން ކުރުމުގައި މުސްތަގަބުލަަށް ސަރުކާރުގެ ވިސްނުމަކީ ކޮބައި ހެއްޔެވެ؟ އެ މީހުން އެތަނުގައި ދާއިމީކޮށް ބައިތިއްބަނީ ހެއްޔެވެ؟ މި ހާލަތު ރަނގަޅުވީމަ އަލުން މާލެ ގެނެސް ދޫކޮށްލާނީ ހެއްޔެވެ؟ ނޫނީ އެ މީހުންގެ ގައުމަށް ފޮނުވާލާނީ ހެއްޔެވެ؟ އެ މީހުންނަށް ހަރަދު ކުރާނެ ގާބިލްކަން ސަރުކާރުގައި އެބަހުރި ހެއްޔެވެ؟

ގުޅިފަޅަކީ، ކައިރީގައި ތިލަފުށި އޮތްއިރު އިންސާނުން ދިރިއުޅެން އެކަށީގެންވާ ތަކެއް ހެއްޔެވެ؟ ގުޅިފަޅަށް، ވިޔަފާރި ބަނދަރު ބަދަލު ކުރާއިރު، އެ ރަށުގައި 40،000 ބިދޭސީންގެ އާބާދީއަކަށް ޖާގަ އެ ބައޮތް ހެއްޔެވެ؟ ތާއަބަދު ޓެކްސް ޕޭޔަރުންގެ ފައިސާ އިން މި ކަމަށް ހޭދަ ކުރުން އިންސާފުވެރި ހެއްޔެވެ؟ މި ހުރީ ހައްތަހާ ވެސް ސުވާލު ތަކެވެ.

ކޮންމެ ގޮތެއްގައި ނަމަވެސް މި ހާލަތުގައި ސަރުކާރަށް މާގިނަ ޗޮއިސް ތަކެއް ނެތެވެ. ބިދޭސީން އެ ތަނަށް ބަދަލު ކޮށްގެން ނަމަވެސް މާލެ ލުއިކޮށް، ބަލީގެ ނުރައްކާ ކުޑަ ކުރަން އެބަ ޖެހެވެ.

މެނޭޖު ނުކޮށްފިނަމަ، ގޯސްވާނެ ކަމެއް

މަސައްކަތްތެރިންގެ އަވަށެއް ނޫނީ ރަށެއްގެ ވާހަކަ ދައްކާނަމަ ދުނިޔޭގައި މި ފަދަ ތަންތަން ކާމިޔާބު ކަމާއެކު ހިންގާ ގައުމުތަކުން މިސާލު ނެގިދާނެ އެވެ. ދުނިޔޭގެ ސިނާއީ ބޮޑެތި ގައުމުތަކުގައި ވެސް މި ފަދަ ތަންތަން ހަދާފައި އެބަހުއްޓެވެ. ހާއްސަކޮށް އިމާރާތް ކުރުމުގެ ސިނާއަތުގައި ދުނިޔޭގެ ބޮޑެތި ހަބުތައް ކަމަށްވާ ދުބާއީ އާއި ސިންގަޕޫރުގައި މި ފަދަ ހާއްސަ ސަރަހައްދުތައް އެބަހުއްޓެވެ. އެ ފަދަ ގައުމުތަކުގައި ހަދާފައިވާ މިފަދަ ބޮޑެތި ތަންތަން ހިންގަނީ ވިޔަފާރި އުސޫލުންނެވެ. ސަރުކާރުން އެ ތަންތަން ޑިވެލޮޕްކޮށް ކުޑަ ކުއްޔެއްގައި ވިޔަފާރިތަކަށް ދޭ އުސޫލުންނެވެ.

މި ފަދަ ރަށެއްގައި ހުންނާނީ ހަމައެކަނި ބޯހިޔާވަހިކަން އެކަންޏެއް ވެސްނޫނެވެ. ސިއްހީ ހިދުމަތްތައް ވެސް ހުންނަން ޖެހެ އެވެ. ކުޅިވަރު ކުޅޭނެ ވަސީލަތްތަކާއި ވިޔަފާރި ކުރެވޭނެ ގޮތްތައް ވެސް ހުންނަން ޖެހެ އެވެ. ސަލާމަތީ ހިދުމަތްތައް ވެސް ވަރުގަދައަށް ބަލަހައްޓަން ޖެހެ އެވެ.

ސިންގަޕޫރު ފަދަ ގައުމުތަކަކީ ހިންގުމުގެ ސިސްޓަމްގެ ގޮތުން ބެލިއަސް ރާއްޖެއާ ހާސްބައި ރަނގަޅު ތަންތަނެވެ. އެ ފަދަ ގައުމުތަކުގައި ވެސް އެ އުޅެނީ ބިދޭސީންގެ ހާލަތު ރަނގަޅަށް ނުބެލެހެއްޓިގެންނެވެ. ކޮވިޑް-19 ސިންގަޕޫރުގައި "މައިތިރި" ވެފައި ވަނިކޮށް، ދެވަނަ ރާޅެއް ނެގާފަ ވަނީ ބިދޭސީން ބައިތިއްބާ ތަނެއްގެ ތެރެއިން ހެދުނު ލޯވަޅަކުންނެވެ. ބިދޭސީން ބައިތިއްބާ ތަންތަނުގައި އެ މީހުން ބައިތިއްބުން ދޯދިޔާ ވެގެންނެވެ.

ބިދޭސީ މަސައްކަތްތެރިންގެ ކޮޓަރިތަކުގައި ތިބެވޭނެ އަދަކަށް ވުރެ ގިނައިން މީހުން ބޭތިއްވުމުން މި އާބާދީގެ ތެރޭގައި އެ ވަނީ ކޮވިޑް-19 ފަސޭހަ ކަމާއެކު ފެތުރިގެން ގޮސްފަ އެވެ. ހައެއްކަ މީހުން ބައިތިއްބަން ހެދި ކޮޓަރިތަކުގައި 20 މީހުން ނިންދަވާފައި ވެއެވެ. ސިންގަޕޫރުގައި ކޮވިޑުގެ ދެވަނަ ރާޅު ނެގިއިރު އެ ކޮމިއުނިޓީގެ ތެރޭގައި ބަލި ވަނީ އިންތިހާ އަށް ފެތުރިފަ އެވެ. އެހެންވެ، ސިންގަޕޫރު ފަދަ ގައުމެއްގައި ރަނގަޅަށް މެނޭޖު ނުކުރެވުނު ކަމެއް ރާއްޖޭގައި ބެލެއްޓިދާނެ ތޯ މި ވެސް އުފެދޭ ސުވާލެކެވެ. މިއީ ވިސްނަން ޖެހޭ ކަމެކެވެ.

ކުންފުނިތައް ހަލާކުވުން: މިކަން އިތުރަށް ގޯސްވެދާނެ

ބިދޭސީންގެ ރަށް، މެނޭޖު ކުރުމުގައި ގިނަ ގޮން ޖެހުން ތަކެއް ހުރިއިރު، ކޮވިޑް-19 އާ ގުޅިގެން ވިޔަފާރި ތަކަށް ހިންދެމިލާން ފުރުސަތެއް ނުލިބިއްޖެނަމަ އިތުރަށް މި އާބާދީ ބޮޑުވުމުގެ ފުރުސަތު ވެސް އެބައޮތެވެ. ރާއްޖޭގެ ދެވަނަ އަށް އެންމެ ބޮޑު ކޮންސްޓްރަކްޝަން ސިނާއަތުގައި 50،000 ބިދޭސީން ރަސްމީކޮށް ކުންފުނިތަކުގެ ދަށުގައި މަސައްކަތް ކުރެ އެވެ. އެ މީހުންގެ ބޮޑުބައި މި ވަގުތު ތިބީ ކުންފުނިތަކުގެ ބެލުމުގެ ދަށުގަ އެވެ. ނަމަވެސް އިމާރާތް ކުރުމުގެ ދާއިރާގެ ވިޔަފާރިތައް ހިމާޔަތް ނުކުރެވި ގިނަ ކުންފުނި ތަކެއް ބަނގުރޫޓުވެ، ވަޒީފާޔައް ގެއްލި މި ރަށަށް އިތުރު އާބާދީއެއް ޖަމާވުމުގެ ފުރުސަތު ވެސް އެބައޮތެވެ.

ކޮވިޑް-19 އާ ގުޅިގެން މަސީން ނެރެފައިވާ ރިޕޯޓުގައި ބުނެފައިވާ ގޮތުން ކުރި އަށް އޮތް ތިން މަހު، މަހެއްގެ މައްޗަށް އިމާރާތް ކުރުމުގެ ދާއިރާގެ ކުންފުނިތަކުގެ ހަރަދުތައް ބެލެހެއްޓުމަށް 200 މިލިއަން ރުފިޔާ ބޭނުންވެ އެވެ. އެ ޖަމިއްޔާ އިން ވަނީ މި ފައިސާ ލުއި ލޯނެއްގެ ގޮތުގައި އެއް އަހަރު ދުވަހުގެ ގްރޭސްޕީރިއަޑެއްގެ ދަށުން ކުންފުނި ތަކަށް ސަރުކާރުން ހަމަޖައްސައި ދެވިދާނެ ކަމަށް ބުނެފަ އެވެ.

އެހެންވެ މިއީ ސަރުކާރުން އިތުރަށް ވިސްނަން ޖެހޭ ކަމެކެވެ. މިހާރު ބިދޭސީން އެ ރަށަށް ޖަމާކުރި ނަމަވެސްއެ އާބާދީ އިތުރުވާނަމަ ސަރުކާރަށް އިތުރު ގޮން ޖެހުން ތަކެއް ކުރިމަތި ވާނެ އެވެ. އެހެންވެ މިހާރު ވިސްނަން ޖެހިފައިވަނީ ދިގު މުއްދަތުގެ ވިސްނުމަކަށެވެ. މި ހާތަލަށް މި ފިޔަވަޅު އެޅި ނަމަވެސް މިއަށްވުރެ ފުޅާ ވިސްނުމަކަށެވެ. މި ވަގުތު ބިދޭސީން ބަދަލު ކުރުމަކީ ކުރަން ޖެހޭ ކަމެކެވެ. އެކަމަކު މިއާއެކު މިކަން ހައްލު ކުރަން ވަށައިޖެހޭ ވިސްނުމެއް ގެންގުޅެގެން ނޫނީ މި މައްސަލަައަށް ދާއިމީ ހައްލެއް ނެތެވެ. އިތުރަށް މިކަން އަތްމަތިން ނައްޓާލުން ނޫން ކަމެއް ނުވާނެ އެވެ.