ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ރިޕޯޓް

އިގްތިސޯދަށް: އިމާރާތްތައް ކޮޅަށްޖަހަން ޖެހޭ

ޓޫރިޒަމް ރަނގަޅު ވަމުން ދިއުމަކީ ބޮޑު އުފަލެކެވެ. ބޮޑު ހިތް ހަމަ ޖެހުމެކެވެ. ސަބަބަކީ ހުރިހާ ސިނާއަތްތަކަށް ލޭ ފޮނުވައިދޭ "ހިތު" ގެ ހިންގުން ހަމަ އަކަށް އެޅެން ފެށުމެވެ. ކޮވިޑް-19 ގެ ސަބަބުން ހުއްޓިފައި އޮތް އިގްތިސޯދުގެ މައި ހިތް ހިނގަން ފެށުމަކީ ހިތްހަމަ ޖެހުމަކަށް ވަނީ މިހެންވެ އެވެ. މި ވަރުން ފުއްދާލެވޭކަށް ނެތެވެ. ޓޫރިޒަމް ރަނގަޅުވި ނަމަވެސް އިގްތިސޯދުގެ ހިންގުން އަވަސް ކުރަން ބޭނުންނަމަ ގިނަ ކަންތައްތަކެއް އަދި ރާއްޖެއިން ކުރަން ޖެހެ އެވެ. އެންމެ ބޮޑަށް މި ވަގުތު އެހީތެރިކަން ބޭނުންވާ ދާއިރާއަކީ ކޮންސްޓްރަކްޝަން އިންޑަސްޓްރީ އެވެ. ނުވަތަ އިމާރާތް ކުރުމުގެ ދާއިރާ އެވެ. އިގްތިސޯދު ކޮޅަށް ޖަހާއިރު އިމާރާތް ކުރުމުގެ ދާއިރާގެ އިންޖީނު ހިނގާނެ ގޮތެއް ހޯދަން އެބަ ބޭނުންވެ އެވެ. މި ސިނާއަތް އިގްތިސޯދުގައި މުހިންމު ވަނީ ކީއް ވެގެން ހެއްޔެވެ؟ މިހާރު މި ސިނާއަތުގެ ހާލަކީ ކޮބައި ހެއްޔެވެ؟

"ވަރަށް ހާލަތުގައި ގިނަ ކުންފުނިތައް މިތިބީ. ވަރަށް އަވަހަށް އެހީތެރިކަން ބޭނުންވާނެ މި ސިނާއަތަށް. ފައިސާ ނުލިބި ލަސްވުން އެންމެ ބޮޑު މައްސަލައަކީ،" ސަރުކާރުގެ މަޝްރޫއުތައް ހިންގާ، ކޮންސްޓްރަކްޝަން ކުންފުންޏެއްގެ އިސްވެރިއަކު ނަން ނުޖެހުމަށް ޝަރުތުކޮށް ވިދާޅުވި އެވެ.

އިމާރާތް ކުރުމުގެ ސިނާއަތުގެ ހާލަތު އެންމެ ފަހުން އެނގިގެން ދިޔައީ، މަރުކަޒީ ބޭންކް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އެންމެ ފަހުން ނެރުނު "ކުއާޓަލީ ބިޒްނަސް ސާވޭ" އިންނެވެ. މި ސާވޭ ދައްކާ ގޮތުގައި އިމާރާތް ކުރުމުގެ ދާއިރާ ފިޔަވައި އެހެން ހުރިހާ ދާއިރާއެއް ދަނީ މަޑުމަޑުން ނަމަވެސް ކުރިއަރަމުންނެވެ. މި ސިނާއަތް ވަނީ ބޮޑު ވަޅުގަނޑަކަށް ވެއްޓި ތެދުވެވޭނެ ގޮތެއް ނެތިފަ ހުއްޓިފަ އެވެ. އެކި ސިނާއަތްތައް ހިމެނޭ ގޮތަށް 104 ކުންފުންނަކުން ބައިވެވި މި ސާވޭގައި ބައިވެރިވި 70 ޕަސެންޓް ކުންފުނިން ބުނެފައިވާ ގޮތުގައި އެންމެ ބޮޑު އެއް ގޮންޖެހުމަކީ ކްލައިންޓުންގެ ފަރާތުން ލިބެން ޖެހޭ ފައިސާ ކޮންޓްރެކްޓަރުންނަށް ނުލިބި ލަސްވުމެވެ. ނުވަތަ ފައިސާ ނުލިބުމެވެ. އަދި އިމާރާތް ކުރުމަށް ބޭނުންވާ ތަކެތީގެ އަގުތައް މަތިވުމާއި ހަރަދު ބޮޑުވުން ވެސް މިއީ މައްސަލަ އެކެވެ. އަދި ދެން އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ފައިނޭންސް ހޯދުމަށް ހުރި ގޮންޖެހުން ތަކެވެ. ލުއި ގޮތެއްގައި ފައިސާ ނުލިބުމެވެ. މި ކަންކަމުގެ ސަބަބުން ކުންފުނިތައް އޮތީ ގާތްގަނޑަކަށް އަނދަވަޅަކަށް ވެއްޓިފަ އެވެ. އަތުގައި ހިފައިގެން ނޫން ގޮތަކަށް ހިނގައި ނުގަނެވޭނެ ހާލެއްގަ އެވެ.

ރާއްޖޭގެ އެހެން ސިނާއަތްތަކެކޭ އެއްގޮތަށް ކޮންސްޓްރަކްޝަން ސިނާއަތުން ނަގާފައިވާ ލޯނު ތަކަށް ވެސް ބޭންކް ތަކުން މޮރިޓޯރިއަމް ދިނެވެ. އަދި މި ސިނާއަތް ހިންގަން ބޭނުންވާ ފައިސާ ބޭނުން ވެގެން އެދުމުން "2.5 ބިލިއަން ރުފިޔާގެ އިގްތިސޯދި ރިލީފް" ޕެކޭޖުން އެހީތެރިކަން ވެސް ދީފައިވެ އެވެ. މި ސިނާއަތުގައި ހިމެނޭ ކުދި އަދި މެދުފަންތީގެ ކެޓަގަރީގެ 191 ވިޔަފާރި އަކަށް 54 މިލިއަން ރުފިޔާ، އެސްޑީއެފްސީ އިން ދީފައިވާ ކަމަށް ހިސާބުތަކުން ދައްކަ އެވެ. މި ފައިސާއަކީ މި ހާލަތުގައި ކުންފުނި ހުއްޓުނަ ނުދޭން ދީފައިވާ ލުއި ލޯނެކެވެ. ނަމަވެސް މި ފައިސާއަކީ މި ކުންފުނިތައް ހިންގައި ގަންނަން ބަލާއިރު އެއްވެސް އެއްޗެއް ނޫނެވެ.-- މިހާރު އެ އަށް ވުރެ މާބޮޑު އެހީތެރިކަން ބޭނުންވެ އެވެ.

އިކޮނޮމީ ރީ-ސްޓާޓް ވެގެންދާއިރު އެންމެ ބޮޑު އެހީއެއް ބޭނުން ވާނީ މި ސިނާއަތަށެވެ. ސަބަބަކީ މި ސިނާއަތާ ގުޅޭ ޗޭނު ބޮޅުގައި އެތަށް އާއްމުންނެއްގެ ބައިވެރިވުން ހިމެނުމެވެ. ރަށެއްގައި ކޮންސްޓްރަކްޝަން ހަރަކާތް އިތުރު ވެއްޖެނަމަ މުދާ އުފުލުމުގެ ހިދުމަތްދޭ ފަރާތް ތަކަށް ފައިދާ ކުރެ އެވެ. މަސައްކަތް ކުރަން އެ ރަށުގައި މީހުން ތިބޭ ކޮންމެ ދުވަހަކީ ކުލީ ކޮޓަރިތަކުގެ ޑިމާންޑް އުފުލޭނެ ދުވަހެކެވެ. އަދި ކަންމަތީ ފިހާރަތަކާއި ހާޑްވެއާ ވިޔަފާރިތަކުގެ ހިންގުން އިތުރު ވެއްޖެނަމަ ރަށުގައި ދައުރުކުރާ ފައިސާ އިތުރުވާނެ އެވެ. މިގޮތުންގޮސް މި ބޮޅުގެ ގުޅުން އާއިލާތަކާ ހަމައަށް ގޮސް ހުއްޓެ އެވެ.

ފައިސާ ނުލިބި ލަސްވުން ބޮޑު މައްސަލައެއް

ކޮންސްޓްރަކްޝަން ސިނާއަތަށް މި ވަގުތު ބޭނުންވާ އެންމެ ބޮޑު އެހީއަކީ މިހާރު މަސައްކަތް ކޮށްފައި ހުރި ޕޭމަންޓް ތަކަށް ފައިސާ ލިބޭނެ ގޮތްވުމެވެ. މަސައްކަތްކޮށް، ފައިސާ ނުލިބިގެން ގިނަ ކުންފުނިތަކުން ދަނީ އާދޭސް ކުރަމުންނެވެ. ރަށްރަށުގެ ސްކޫލްތައް އާބާތުރަ ފިލުވުމުން ފެށިގެން މިސްކިތްތައް ހެދުމާއި މި ނޫން ވެސް މާބޮޑެތި މަސައްކަތްތަކުގެ ފައިސާ ވެސް ގިނަ ކުންފުނި ތަކަށް ނުލިބެ އެވެ. މި އަހަރަށް ސަރުކާރުން ޕަބްލިކް ސެންޓާ އިންވެސްޓްމަންޓް ޕްރޮގްރާމް (ޕީއެސްއައިޕީ) ބަޖެޓުން ހިންގަން 10 ބިލިއަން ރުފިޔާ ޖެހިއިރު މިހާރު ވެސް ތިން ބިލިއަން ރުފިޔާގެ މަޝްރޫއު ކުރިއަށްދާ ކަމަށް ހިސާބު ތަކުން ދައްކަ އެވެ. ނަމަވެސް ކިތަންމެ ގިނަ މަޝްރޫއެއް ކުރިއަށް ދިޔަ ނަމަވެސް މަސައްކަތް ނިންމައި ޕޭމަންޓްތައް ނުލިބޭނަމަ މީގެ ފައިދާއެއް ނުކުރާނެ އެވެ. ލަފާ ކުރެވޭ ގޮތުގައި މި ސިނާއަތުގެ ކުންފުނި ތަކަށް ލިބެންޖެހޭ ފައިސާ 400 މިލިއަން ރުފިޔާ އަށް ވުރެ މަތިވާނެ އެވެ.

ކޮންސްޓްރަކްޝަން ކުންފުންޏެއްގެ އިސްވެރިއަކު ނަން ނުޖެހުމަށް ޝަރުތުކޮށް ވިދާޅުވި ގޮތުގައި ސަރުކާރުގެ ބައެއް އޮފީސް ތަކުން ޕޭމަންޓް ސެޓްފިކެޓްތައް ނުލިބިގެން ގިނަ ކުންފުނި ތަކަށް ފައިސާ ނުލިބި އެބަހުރި ކަމަށެވެ.

"ފިނޭންސް މިނިސްޓްރީއާ ހަމަ އަށް ނުގޮސް އެތަށް މިލިއަން ރުފިޔާއެއް އެބަހުރި. މިނިސްޓްރީއާ ހަމަ އަށް ދިޔައީމަ ބަރާވަރަށް ފައިސާ އެބަދޭ. އިސްލާމިކް މިނިސްޓްރީ އާއި އެޑިއުކޭޝަން މިނިސްޓްރީގެ މައްސަލަ ބޮޑު. ހަމަ ބުނެވޭނީ ފަރުވާ ކުޑައީއޭ،" ނަން ނުޖެހުމަށް އެދި ވިދާޅުވި އެވެ.

މީގެ އިތުރުން އަނެއް މައްސަލައަކީ އަގަށް އަންނަ ބަދަލު ކޮންޓްރެކްޓް ތަކުން ހޯދޭނެ ގޮތެއް ނެތުމެވެ. ޑޮލަރު މަތިވެ މުދަލުގެ އަގު ބޮޑުވީނަމަވެސް މި އަންނަ ބަދަލު ސަރުކާރުގެ މަޝްރޫއުތަކުގެ ކޮންޓްރެކްޓްތަކުގައި ނުހިމަނައި ކުންފުނިތަކުން ޖެހެނީ އެ އަގު އަމިއްލައަށް ހަޖަމް ކޮށްލާށެވެ. މިއީ ކުންފުނިތަކަށް މި ފަދަ ދަތި ހާލަތެއްގައި ބޮޑު މައްސަލަ އެކެވެ.

މި ސިނާއަތަށް މާލީ އެހީ ބޭނުންވޭ

މޯލްޑިވްސް ނޭޝަނަލް އެސޯސިއޭޝަން އޮފް ކޮންސްޓަކްޝަން އިންޑަސްޓްރީ (އެމްއޭއެންއޭސީއައި) އިން ކޮވިޑް-19 އާ ގުޅިގެން ނެރެފައިވާ ރިޕޯޓްގައިވާ ގޮތުން މި އަހަރު މި ސިނާއަތުގެ ވިޔަފާރި ވެސް 50 ޕަސެންޓް ދައްވާނެ އެވެ. މި ބަލިމަޑުކަމުގެ ސަބަބުން އިގްތިސޯދު ހުއްޓުމާއެކު މި ޖަމިއްޔާގައި ހިމެނޭ 384 ކުންފުނި ތަކަށް އެކަނި ބެލި ނަމަވެސް ލިބޭ ގެއްލުން 617 މިލިއަން ރުފިޔާ އަށް ވުރެ ބޮޑުވާނެ ކަމަށް އަންދާޒާކޮށްފައިވެ އެވެ. މިއީ 5،000 އާއި 7،000 ދިވެހިން މަސައްކަތް ކުރާ މި ސިނާއަތަށް ކުރިމަތިވާނެ ބޮޑު ގޮންޖެހުމެކެވެ. އެހެންވެ އެ ޖަމިއްޔާ އިން އެދިފައިވަނީ ކޮންޓްރެކްޓަރުންނަށް ހާއްސަކޮށް ލުއި ގޮތަކަށް ފައިނޭންސް ލިބޭނެ ލޯނެއް ނަމަވެސް ތައާރަފު ކޮށް ދިނުމަށެވެ. އަދި ހުއްޓި ބުރަކިޖެހިފައި ހުރި ޕޭމަންޓްތައް ދެވޭނެ އުސޫލެއް ހަމަޖައްސައި ދިނުމަށެވެ.

"ކޮންސްޓަކްޝަން ސިނާއަތަށް ހާއްސަކޮށް ފައިނޭންސް ލިބޭނެ ގޮތެއްވެއްޖެނަމަ މިހާލަތުގައި ބޮޑު އެހީއަކަށް ވާނެ. ކުޑަ އިންޓްރެސްޓެއްގައި މި ލޯނު ދިނީމަ މަސައްކަތް ފެށި، ލޯނު ވެސް ދެއްކޭނެ،" ކުންފުންޏެއްގެ ވެރިއަކު ވިދާޅުވި އެވެ.

ކުންފުނިތައް ހުއްޓުން- އިޖުތިމާއީ ބިރެއް

މި އެހީތެރިކަން ނުލިބިއްޖެނަމަ ދެން ކުރިމަތިވާނީ ބޮޑު އެހެން މައްސަލަ އެކެވެ. މި ސިނާއަތުގައި ތިބި ކުންފުނިތައް ހުއްޓިއްޖެނަމަ ރާއްޖޭގައި އިޖުތިމާއީ މައްސަލަތައް އިތުރު ވުމުގެ ފުރުސަތު އެބައޮތެވެ. ސަބަބަކީ މި ސިނާއަތުގައި 40،000 އާއި 50،000 ދެމެދުގެ އަދަދަކަށް ބިދޭސީން އުޅެ އެވެ. ކުންފުނިތައް ބަނގުރޫޓުވެ ހުއްޓިގެން ދާވަރަކަށް ބިދޭސީން މަގުމަތިވާ އަދަދު އިތުރުވާނެ އެވެ. މިއީ ކަންބޮޑުވުން ބޮޑު މައްސަލަ އެކެވެ. މިއީ އިޖުތިމާއީ ގޮތުން ގައުމުގައި ނުކުންނާނެ ބޮޑު މައްސަލަ އެކެވެ. އެހެންވެ، މިހާރު ކުރަން ޖެހޭ ކަމަކީ ކޮންސްޓްރަކްޝަން ސިނާއަތް ކޮޅަށް ޖެހުމެވެ.

ޓޫރިޒަމް ރަނގަޅުވެ، އިގްތިސޯދު އަލުން ފެށިގެން އަންނައިރު ކޮންސްޓްރަކްޝަން ސިނާއަތް ދިރުވަން ޖެހެ އެވެ. މި ސިނާއަތަށް އެހީތެރިކަން ދީގެން މަސައްކަތް އިތުރު ކުރަން ޖެހެ އެވެ. ރައްޔިތުންނާއި ގައުމަށް ފައިދާހުރި ގޮތަކީމި އެވެ.