އެމްއެމްއޭ

ރާއްޖޭގެ އިންސްޓަންޓް ޕޭމަންޓް ސިސްޓަމާއެކު ބަދަލުވާނީ ކޮންކަމެއް؟

Aug 25, 2023

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން ތައާރަފްކުރަން ތައްޔާރުވެފައިވާ މޯލްޑިވްސް އިންސްޓަންޓް ޕޭމަންޓް ސިސްޓަމްގެ ޚިދުމަތާއެކު ރާއްޖޭގައި ފައިސާގެ މުއާމަލާތްތައް ކުރުމުގެ ނިޒާމުގެ މަލަމަތި އެއްކޮށް ބަދަލުކޮށްލާނެއެވެ. އެއް ބޭންކުން އަނެއް ބޭންކަށް ފައިސާ ފޮނުވުމުގައި ދިމާވަމުންދިޔަ ތުރާތަކަށް ނިމުމެއް އަންނާނެއެވެ. މިތަނުގައި މޯލްޑިވްސް އިންސްޓަންޓް ޕޭމަންޓް ސިސްޓަމްގެ ފުރަތަމަ ފޭސް ނިމި ޚިދުމަތް ފަށާއިރު ލިބޭނެ ޚިދުމަތްތަކަށް ކުރުގޮތަކަށް ބަލާލާނަމެވެ.

ވަގުތުން ފައިސާ ފޮނުވޭ ޚިދުމަތް (އިންސްޓަންޓް ޕޭމަންޓްސް)

މިއީ މި ސިސްޓަމްގެ އެންމެ މުހިންމު ސިފައެވެ. ވަގުތުން ފައިސާ ފޮނުވުމެވެ. މި ސިސްޓަމްގައި ބައިވެރިވާ ކޮންމެ ބޭންކެއްގެ ކޮންމެ ކަސްޓަމަރަކަށް ކޮންމެ ތާކު ހުރެ ވެސް މި ޚިދުމަތް ލިބިގެންދާނެއެވެ. އެއް ބޭންކުން އަނެއް ބޭންކަށް ކުރާ ޓްރާންސްފާތައް ލިބުމުގައި މިހާރު ހޭދަވާ ގަޑިއިރުތައް ނުވަތަ ދުވަސްތަކުގެ ފަރަގު މަދު ސިކުންތުކޮޅަކަށް މި ސިސްޓަމުން މަދުކުރެއެވެ.

ފައިސާ ހޯދުމަށް ފަސޭހަގޮތެއް (ރިކުއެސްޓް ޓު ޕޭ)

ޕޭމަންޓް ސިސްޓަމްގައި ހިމެނޭ މި ޚިދުމަތުގެ ބޭނުންކޮށްގެން މީހަކު ފައިސާއެއް ދޭން އޮވެއްޖެނަމަ އެކަން ހަނދާން ކޮށްދެވޭނެއެވެ. އެ ފައިސާއެއް ފޮނުވައިދިނުމަށް ސިސްޓަމްގެ ތެރެއިން އެދެވޭނެއެވެ. މި ޚިދުމަތަކީ ޕޭމަންޓް ޚިދުމަތް ފޯރުކޮށްދޭ ފަރާތްތަކުން ޕޭމަންޓް ޚިދުމަތްތައް ދިނުމުގައި އެތައް ގުނަ ފަސޭހަތަކެއް ލިބިގެންދާނެ ކަމެކެވެ. ކަސްޓަމަރުން ގަންނަ އެއްޗެއްސަށް ދޭންޖެހޭ ފައިސާއަށް ފަސޭހަކަމާއެކު އެދިލެވޭނެއެވެ. ނޮޓިފިކޭޝަނެއްގެ ސިފައިގައި ނުވަތަ މެސެޖަކުން އަންނަ މި އެދިލުމަށް އިޖާބަދިނުމާއެކު އެ ފަރާތެއްގެ އެކައުންޓުން ރައްކާތެރިކަމާއެކު ފައިސާ އުނިކުރެވި ލިބެންވީ ފަރާތުގެ އެކައުންޓަށް ވަގުތުން ޖަމާކުރެއެވެ.

އެކައުންޓް ނަންބަރު ނޫން ގޮތެއް (ސްމާޓް އެޑްރެސިންގ)

އަމިއްލަ އެކައުންޓް ނަންބަރު ވެސް ހިތުން ކިޔާލަން ނޭގެއެވެ. އެއަށް ވުރެ ކުރު ނަންބަރުތައް ވެސް ހަނދާނުގައި ބެހެއްޓުން ބައެއް ފަހަރު ދަތިކަމަކަށް ވެއެވެ. މިފަދަ ހާލަތްތަކަށް ޕޭމަންޓް ސިސްޓަމް އޮތީ ތައްޔާރަށެވެ. ހަނދާނުގައި ބަހައްޓަން ފަސޭހަ އެއްޗެއް އިޚްތިޔާރުކޮށްލާށެވެ. މޯބައިލް ނަންބަރު ނުވަތަ އީމެއިލް އެޑްރެސް ފަދަ އެއްޗެކެވެ. މިފަދަ "އޭލިއަސް" އަކާ އެކައުންޓު ލިންކުކުރެވެއެވެ. ފައިސާއެއް ފޮނުވާންވީމައި އެކައުންޓު ނަންބަރުގެ ބަދަލުގައި ލިޔާނީ މިއެވެ. ޕޭމަންޓް ސިސްޓަމް ލޯންޗުކުރާއިރު އޭލިއަސްގެ ގޮތުގައި ބޭނުންކުރެވޭނީ މޯބައިލް ނަންބަރާއި އީމެއިލް އަދި އައިޑީ ކާޑު ނަންބަރެވެ. ނަމަވެސް، އިތުރު އޭލިއަސްތައް ސްމާޓް އެޑްރެސިންގައި ހިމެނުމުގެ މަސައްކަތް ދަނީ ކުރިއަށެވެ.

އެކައުންޓުގެ ސައްހަކަން ކަށަވަރުކުރުން (އެކައުންޓް ވެރިފިކޭޝަން)

ޕޭމަންޓް ސިސްޓަމާއެކު އެއްބޭންކު އަނެއްބޭންކާ ސިސްޓަމްގެ ތެރެއިން ރައްކާތެރި ގުޅުމެއް (އިންޓައޮޕަރެބެލިޓީ) ގާއިމުކުރެވިގެންދާނެއެވެ. މިއާއެކު، މިހާރު ވަކިވަކި ބޭންކުތަކުން ދެމުންދާ އެކައުންޓް ވެރިފިކޭޝަން ނުވަތަ ކާކުގެ އެކައުންޓެއްކަން ކަށަވަރުކުރުމުގެ ޚިދުމަތް އެއްކުރެވިގެންދާނެއެވެ. މިސާލަކަށް ބޭންކް އޮފް މޯލްޑިވްސް ބޭނުންކުރާ ފަރާތަކުން މޯލްޑިވްސް އިސްލާމިކް ބޭންކުގައި އޮތް އެކައުންޓަކަށް ފައިސާ ޖަމާކުރިޔަސް އެކައުންޓު ނަންބަރު ނުވަތަ އޭލިއަސް ލިޔުމާއެކު، އެއީ ކޮން ފަރާތެއްގެ އެކައުންޓެއްކަން އެނގޭނެއެވެ. މިކަމުގެ ސަބަބުން އޮޅިގެން އެހެން އެކައުންޓަކަށް ފައިސާ ޖަމާވުން މަދުވެގެންދާނެއެވެ.

މޯލްޑިވްސް އިންސްޓަންޓް ޕޭމަންޓް ސިސްޓަމްގެ ފުރަތަމަ ފޭސް ނިންމައި މި މަހު ލޯންޗުކުރަން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ ދަނީ ތައްޔާރީތައް ވަމުންނެވެ. މިއީ ރާއްޖޭގެ ޕޭމަންޓް އިންފްރާސްޓްރަކްޗާއަށް މި ފަހުން އަންނާނެ އެންމެ ބޮޑު ބަދަލެވެ. އަދި މި ސިސްޓަމްގެ ދެވަނަ ފޭސް ނިމޭއިރުގައި ޚިދުމަތްތައް ފުޅާކުރެވި އައު ކަންތައްތައް ތައާރަފްކުރެވި މާފަސޭހަ އީޖާދީ ބަދަލުތަކެއް ރާއްޖޭގެ މާލީ ނިޒާމަށް ގެނެސްދޭނެއެވެ.