ޕޭމަންޓް ސިސްޓަމް

ގައުމީ ޕޭމަންޓް ސިސްޓަމުން ލިބޭނެ ފަސޭހައަކީ ކޮބާ؟

Apr 1, 2021
2

ގައުމީ ޕޭމަންޓް ސިސްޓަމެއް ގާއިމު ކުރުމުގެ މައިގަނޑު މަގުސަދަކީ ރާއްޖޭގެ ކޮންމެ ރަށެއްގައި ދިރިއުޅޭ ނުވަތަ ކޮންމެ ބޭންކެއްގައި އެކައުންޓް ހުޅުވާފައިވާ ކޮންމެ ރައްޔިތަކަށް ވެސް އެ ސިސްޓަމް މެދުވެރިކޮށް ވަގުތުން ވަގުތަށް ފައިސާ ފޮނުވާ ލިބިގަތުމުގެ މަގު ފަހިކޮށް ދިނުމެވެ. ސިސްޓަމް މެދުވެރިކޮށް ހިނގާ ކޮންމެ މުއާމަލާތެއްގެ ފުރިހަމަ މައުލޫމާތު، ފައިސާ ފޮނުވާފަރާތާއި ލިބޭ ފަރާތަށް އޭރުން ވަގުތުން ލިބިގެން ދާނެ އެވެ. އެ ސިސްޓަމަކީ މާލީ ނިޒާމާއި ބީރައްޓެހި ފަރާތްތަކަށާއި ބޭންކް އެކައުންޓެއް ނެތް ފަރާތްތަކާއި އަދި ރާއްޖޭގެ ކޮންމެ ބޭންކެއްގައި އެކައުންޓް ހުޅުވާފައިވީ ނަމަވެސް، މި ސިސްޓަމް މެދުވެރިކޮށް ހިނގާ ކޮންމެ މުއާމަލާތެއްގެ ފަސޭހަތައް އެއް ހަމައެއްގައި ލިބުމަށް މަގު ފަހި ވެގެންދާނެ ގޮތަށް ފަރުމާ ކުރެވޭ ސިސްޓަމެކެވެ.

ރާއްޖެއަކީ ގިނަ ރަށްތަކަކަށް ބެހި، ހުރިހާ ރަށެއްގައި އެއް ވަރަކަށް މާލީ ހިދުމަތްދޭނެ ވަސީލަތްތައް ގާއިމުވެފައި ނުވާ ގައުމަކަށްވާއިރު މި ސިސްޓަމްގެ ސަބަބުން ރާއްޖޭގައި ފައިނޭންޝަލް އިންކްލޫޝަން އިތުރުވެ އާންމު ރައްޔިތުންނާއި ކުދި އަދި މެދު ފަންތީގެ ވިޔަފާރި ތަކަށް ޑިޖިޓަލް ވަސީލަތްތައް މެދުވެރިކޮށް މާލީ ހިދުމަތްތައް ހޯދާ ފަސޭހަ ކަމާއެކު ހެޔޮ އަގުގައި އެ ހިދުމަތްތައް ބޭނުން ކުރެވޭނެ އިންތިޒާމް ހަމަޖެހިގެންދާނެ އެވެ.

މި ސިސްޓަމްގެ ސަބަބުން، އެކަކު އަނެކަކަށް ފައިސާ ފޮނުވާލުމަށާއި ވިޔަފާރި އަކަށް -- ކެފޭ، ރެސްޓޯރަންޓް، ފިހާރަ ފަދަ ތަންތަން -- މުދަލެއް ނުވަތަ ހިދުމަތެއް ހޯދުމަށް ފަހު ފައިސާ ދެއްކުމަށާއި ސަރުކާރުގެ އެކި އިދާރާތަކުން ލިބިގަންނަ ހިދުމަތްތަކަށް ދައްކަން ޖެހޭ ފައިސާ ދެއްކުން، މިސާލަކަށް ޕާސްޕޯޓާއި އައިޑީ ކާޑު ނުވަތަ ލައިސަންސް ހެދުމަށް ޓެކްސް އާއި ޑިއުޓީ ދެއްކުމަށް އަދި އެހެނިހެން އިދާރީ ކަންކަމަށް ދައްކަންޖެހޭ ފައިސާ ފަދަ މުއާމަލާތްތައް ލުއި ފަސޭހަ ވެގެން ދާނެ އެވެ.

ސިސްޓަމް މެދުވެރިކޮށް އިތުރަށް ލިބިގެންދާނެ ފަސޭހަތަކުގެ ތެރޭގައި އެ މީހެއްގެ ނަމުގައިވާ ހުރިހާ ބޭންކް އެކައުންޓްތައް އެއްތަނަކުން ބަލާލައި ކޮންމެ މަހެއްގެ ހަރަދުތައް ފަސޭހަ ކަމާއެކު މެނޭޖް ކޮށްލެވޭނެ ފަދަ ސޮލިއުޝަންތައް ތައާރަފް ކުރުމަށް ފުރުސަތު ހުޅުވިގެން ދާނެ އެވެ.

އެކައުންޓް ކިޔައި ނުދީ ޕޭމަންޓް ހޯދާލެވޭނެ

އެކަކު އަނެކަކަށް ޕޭމަންޓް ހެދުމަށްޓަކައި ކަސްޓަމަރުންގެ ބޭންކް އެކައުންޓް ނަންބަރު ފަދަ ސެންސިޓިވް މައުލޫމާތު ހިއްސާ ކުރުމުގެ ބަދަލުގައި މޯބައިލް ނަންބަރާއި އީމެއިލް ފަދަ ހަނދާން ކުރަން ފަސޭހަ އައިޑެންޓިފަޔައާ ބޭނުން ކުރެވިދާނެ އެވެ. އަދި ވިޔަފާރިތަކަށް ފައިސާ ދެއްކުމަށް އެ ވިޔަފާރިއެއްގެ ނަން ޔުނީކް އައިޑެންޓިޓީ ނަންބަރެއް ނުވަތަ އީ- މެއިލްއާއި ގުޅިފައިވާ އެކައުންޓަށް ސީދާ ފައިސާ ދައްކާލުމުގެ ފަސޭހަވެސް ސިސްޓަމުގެ ތެރެއިން ފަހިވެގެންދާނެ އެވެ. މީގެ އިތުރުން ކިއު-އާރު ކޯޑް ބޭނުންކޮށްގެންވެސް ފައިސާ ދެއްކޭނެ ފަސޭހަ ގޮތްތަކެއް ސިސްޓަމްގެ ތެރެއިން ފަހި ވެގެންދާނެ އެވެ. ކިއު-އާރު ކޯޑަކީ ބޭނުންކޮށްލަން ފަސޭހަ އަދި އިންޑިޔާއާއި މެލޭޝިޔާގެ އިތުރުން ސިންގަޕޫރު ފަދަ ސަރަހައްދީ ގައުމުތަކުގެ އިތުރުން މިފަދަ ސިސްޓަމްތައް ޤާއިމުގެވެފައިވާ ގައުމުތަކުގައި ވެސް ކަސްޓަމަރުންގެ މެދުގައި މަގުބޫލު ވަސީލަތަކެވެ.

ކިއު-އާރު ކޯޑްގެ ސަބަބުން، ރައްދުވާ ފަރާތަށް ފަސޭހަ ކަމާއެކު ފައިސާ ފޮނުވާލެވޭނެ ގޮތްތައް ތައާރަފް ކުރުމުގެ މަގުފަހިވެގެންދާނެ އެވެ. އެގޮތުން މޯބައިލް އެޕްލިކޭޝަނުން ޖެނެރޭޓް ކުރެވޭ ކޯޑު މެދުވެރިކޮށް ވިޔަފާރީގެ އެކައުންޓަށް ސީދާ ފައިސާ ފޮނުވާލެވޭނެއެވެ. މިފަދަ ހިދުމަތެއްގެ ސަބަބުން ގިނަ އަދަދަކަށް ނަގުދު ފައިސާ ގެންގުޅެންޖެހޭ ފަރާތްތަކަށް ސީދާ އެކައުންޓަށް ފައިސާ ލިބޭނެ މަގު ފަހި ވެގެންދާނެ އެވެ. އަދި ކިއު-އާރު ކޯޑަކީ ފިހާރަތަކާއި ކެފޭ ރެސްޓޯރަންޓުތަކުގެ އިތުރުން މާރުކޭޓު ގޮޅިއެއްގައި ބަހައްޓާލައިގެން ވެސް ޕޭމަންޓް ހޯދާލަން ފަސޭހަ ގޮތަކަށްވެގެންދާނެ އެވެ.

ޗެކާއި ނަގުދު ފައިސާ ނޫން ގޮތެއް

ސިސްޓަމުން ލިބިގެން ދާނެ އިތުރު ފަސޭހަތަކުގެ ތެރެއިން ނަގުދު ފައިސާ އާއި ޗެކުފަދަ ވަސީލަތްތަކަށް ބަރޯސާވާ މިންވަރު މަދުކުރުމުގެގޮތުން ސަރުކާރުގެ އެކި އެކި އިދާރާތަކަށް، ޓެކްސް، ޑިއުޓީ އަދި އެ ނޫންވެސް ފީގެ ގޮތުގައި ދައްކަންޖެހޭ ފައިސާ ސިސްޓަމް މެދުވެރިކޮށް ޑިޖިޓަލް ވަސީލަތްތަކުން ދައްކާލުމުގެ މަގު ފަހި ވެގެންދާނެ އެވެ.


ނަގުދު ފައިސާ އަކީ ކަންމަތީ ފިހާރައަށް ނުވަތަ އެނޫންވެސް ތަނަކަށް ޕޭމަންޓް ދައްކާލުމަށް ފަސޭހަ ވަސީލަތެއްކަމުގައި ވީ ނަމަވެސް އެއީ އޭގައި ރިސްކްތަކެއް އެކުލެވިގެންވާ ކަމެކެވެ. ވަކީން ހާއްސަކޮށް ބޮޑެތި އަދަދުތަކުން މުއާމަލާތް ކުރާއިރު ނަގުދު ފައިސާގެ ބަދަލުގައި މި ސިސްޓަމް މެދުވެރިކޮށް ދެވޭ ޑިޖިޓަލް ވަސީލަތްތައް ބޭނުންކޮށްގެން ފައިސާގެ މުއާމަލާތައް ކުރުމަކީ މާ ރައްކާތެރި، އަދި ވަގުތުން ވަގުތަށް ފައިސާ ފޮނުވާލެވޭނެ ނިޒާމަކަށް ވެގެންދާނެ އެވެ. މީގެ އިތުރުން ޗެކު މެދުވެރިކޮށް ފައިސާ ގެ މުއާމަލާތް ކުރާއިރުވެސް ފައިސާ ލިބެންވީ ފަރާތައް އެ ފައިސާ ލިބުމުގައި ގިނަ ވަގުތުތަކެއް ހޭދަވެއެވެ. އެއި ޗެކް ކްލިއަރ ވުމަށް އެއް ދުވަސް ނުވަތަ ދެ ދުވަސް ވެސް އެބަ ހޭދަވެގެން ދެ އެވެ.

ޗެކް ޖަމާކޮށްލުމުން އެ ފައިސާ އެކައުންޓުން ނެގެން ވަގުތުތަކެއް ނަގާއިރު، އިންސްޓަންޓް ޕޭމަންޓް ސިސްޓަމް މެދުވެރިކޮށް ކުރާ މުއާމަލާތެއްގެ ފައިސާ ބޭނުންކުރުމަށް މަޑުކުރާކަށް ނުޖެހޭނެ އެވެ. ވުމާއެކު ރައްކާތެރި އަދި އަވަސް ވަސީލަތެއްގެ ގޮތުގައި ޗެކާއި ނަގުދު ފައިސާ ނޫން ގޮތެއް، ސިސްޓަމް މެދުވެރިކޮށް ހުޅުވާލެވިގެންދާ ތަފާތު ޑިޖިޓަލް ވަސީލަތްތަކުގެ އެހީގައި ރައްޔިތުންނަށް ފަސޭހަ ކަމާއެކު ހިޔާރު ކޮށްލެވޭނެ އެވެ. އަދި މި ސިސްޓަމް މެދުވެރިކޮށް ރައްޔިތުންނަށް ޔަޤީން ކޮށްދޭ އެންމެ ބޮޑު އެއް ފަސޭހައަކީ ކޮންމެ ގޮތަކަށް ޕޭމަންޓް ފޮނުވާލިކަމުގައިވިޔަސް ވަގުތުން ވަގުތަށް އެ ފައިސާ ރައްދުވާން ޖެހޭ ފަރާތަށް ލިބި، އޭގެ ބޭނުން ކުރެވޭނެ އިންތިޒާމް ހަމަޖެހިގެން ދިޔުމެވެ.

ބޭންކަށް ނުގޮސް އެކައުންޓް ހުޅުވުން

ސިސްޓަމް މެދުވެރިކޮށް މާލީ ހިދުމަތްތައް ފޯރުކޮށްދޭ ފަރާތްތަކަށް، ކަސްޓަމަރަކީ ކާކުކަން އަންގައިދޭ މައުލޫމާތު ކަށަވަރު ކުރުމަށް ބޭނުންވާ މައުލޫމާތު ހޯދުމަށް، ކަމާބެހޭ އިދާރާތަކުގެ ސިސްޓަމްތަކާއި އޭޕީއައި މެދުވެރިކޮށް ގުޅާލުމަށްވަނީ ރާވާފަ އެވެ. މިއާއިއެކު މާލީ ހިދުމަތްތައް ހޯދަން ބޭނުންވާ ފަރާތްތަކުން އެ ހިދުމަތެއް ހޯދުމަށްޓަކައި ރެޖިސްޓްރޭޝަން ޕްރޮސެސް ފުރިހަމަ ކުރުމުގު ގޮތުން އެ ފަރާތުގެ މައުލޫމާތުގެ ސައްހަ ކަން ކަށަވަރުކުރުމަށް ހިދުމަތް ދޭ ފަރާތްތަކުގެ އޮފީސް ތަކަށް ގޮސް ކިއުގައި ޖެހި ގިނަ ވަގުތުތަކެއް ހޭދަކުރަންނުޖެހި މޯބައިލް އެޕްލިކޭޝަން ނުވަތަ ކިއޮސްކް ފަދަ ޑިޖިޓަލް ވަސީލަތެއް މެދުވެރިކޮށް އެކަންވެސް ކޮށްލެވޭނެ އެވެ. އެގޮތުން މި ހިދުމަތް ހޯދުމުގައި މީގެ ކުރިން އެއްވެސް ބޭންކެއްގައި އެކައުންޓެއް ހުޅުވާފައިނުވާ ފަރާތަކުން ވެސް އެކައުންޓެއް ހުޅުވުމަށް ބޭނުންވާނަމަ ނުވަތަ ސިސްޓަމްގެ ތެރެ އިން ހިދުމަތް ހޯދުމަށް ބޭނުންވާނަމަ ބޭންކެއްގެ ބްރާންޗަކަށް ނުގޮސް ޑިޖިޓަލް ވަސީލަތްތައް މެދުވެރިކޮށް އެކައުންޓް ހުޅުވާ އެކްޓިވޭޓް ކޮށްލެވޭނެ ގޮތްތައް ސިސްޓަމްގެ ތެރެއިން ހަމަޖެހިގެންދާނެ އެވެ.

ރާއްޖޭގައި 18 އަހަރުން މަތީގެ އާބާދީގެ ބޮޑު ބަޔަކީ ބޭންކް އެކައުންޓެއް ހުޅުވާފައިވާ ފަރާތްތައް ކަމުގައި ވީ ނަމަވެސް، ގިނަ ރަށްތަކަކީ ބޭންކެއްގެ ބްރާންޗެއް ނުވަތަ އޭޓީއެމް ފަދަ ވަސީލަތްތައް އެންމެ ފުރިހަމަ ގޮތުގައި ގާއިމުވެފައިވާ ރަށްތަކެއް ނޫނެވެ. މީގެ ސަބަބުން މި ފަދަ ހިދުމަތްތައް ލިބިގަތުމުގައި އެކިކަހަލަ ދަތިތައް ދިމާވެފައިވާ ފަރާތްތަކަށް ހައްލެއް ހޯދައިދުނުމާއި އަސާސީ މާލީ ހިދުމަތްތައް ހޯދުމުގައި އެއްރަށުން އަނެއްރަށަށް ދަތުރު ކުރަން ޖެހުން ފަދަ އުނދަގޫ ތަކުން އަރައިގަނެވޭނެ މަގު ފަހި ކޮށްދިނުމަކީ މި ފަދަ ސިސްޓަމަކުން ރާއްޖޭގެ މާލީ ހިދުމަތްތައް ދޭ ފަރާތްތައް ގުޅާލުމުގެ އެންމެ ބޮޑު އެއް މަގުސަދެވެ. ސިސްޓަމް ގާއިމް ކުރުމުގެ މަސައްކަތް މިހާރުވެސް ހަލުވިކަމާއެކު ކުރިޔަށްދާއިރު މި އަހަރުގެ ފަހުކޮޅު މި ފަސޭހަތައް އާންމުންނާއި ހަމައަށް ލިބިގެން ދާނެ އެވެ.