ވާހަކަ

މުޅިޖާންހިތާ

(30 އޭޕްރީލް 2017 އާ ގުޅޭ) -- "މިއޮތީ ދަރިފުޅުގެ ރައްޓެހި ކުއްޖަކު ގުޅާފައި" އަމީރު އަވަހަށް ފޯނު ދިއްކޮށްލިއެވެ.

"ލި... ލިޒީތަ؟ ލިޒީތަ ގުޅީ..." ކުއްލިއަކަށް އައިރާގެ ޠަބީޢަތް އަނެއްކާ ވެސް އިތުރަށް ގޯސްވި ކަހަލައެވެ.

އަމީރު އަތުގައި އޮތް ފޯނު ގެނެސް ކަންފަތުގައި ޖައްސާލެވުމާއެކު އައިރާއަށް ރޮވިއްޖެއެވެ. އެނދުގެ ފައިލާކޮޅުގައި އިށީނދެ އައިރާއަށް ރޮމުން ނިޔާނުގެ ޝަކުވާ ލިޒީގެ ގާތުގައި ކޮށްލެވުނެވެ. އޭނާއަށް ނިޔާނު އޮޅުވާލީ ކަމުގައި ބުނަމުންދިޔައެވެ. ދުނިޔޭގެ ހުރިހާ އުފަލެއް ދޭނަމޭ ބުނެ ނިޔާނު ދޮގު ހެދީއެވެ. ދަރިއަކު ބޭނުންވެގެން އުޅެފައި އެ ދަރިފުޅު އުފަން ވެސް ނުވަނީސް ނިޔާނު ދިޔައީއެވެ. އަބަދުގެ އަބަދަށް އައިރާއާ ވަކިވީއެވެ. އެއަށްވުރެ ބޮޑު ހިތްދަތިކަމެއް އައިރާއަށް ނުލިބޭނެކަމުގައި އޭނާ ބުނަމުންދިޔައެވެ. އޭރު އެ ހުރިހާ ވާހަކައެއް އަޑުއަހަން އެ ކޮޓަރި ތެރޭގައި ހުރި އަމީރުގެ ދެ ލޯ ވެސް ކަރުނުން ތެމިއްޖެއެވެ.

"ލިޒީ! އަހަރެން އެކަނިވެއްޖެ... އަނެއްކާ ވެސް މި އައިރާ ދުނިޔެއަށް ގިނަވެއްޖެ... ނިޔާނު ކީއްވެ އަހަންނަށް އެހެން އެ ހެދީ" ގިސްލަމުންދިޔަ އައިރާ ސުވާލުކުރިއެވެ. ނަމަވެސް ފޯނުގެ އަނެއްކޮޅުން ވާހަކަދައްކަމުން ދިޔަ ލިޒީއަށް ވެސް ރޮވެނީއެވެ. އޭނާއަށް ބުނާނޭ އެއްޗެއް ނޭނގުނެވެ. އިރުކޮޅެއް ފަހުން އިވިގެން ދިޔައީ މަލީހާގެ އަޑެވެ. އެ އަޑުގައި ވެސް ވަނީ ހިތާމައިގެ އަސަރެވެ. އޭނާއަށް އައިރާ ދެއްކި ވާހަކަ އަޑުއިވުނެވެ. މަޔަކު ދަރިއަށް ނަސޭޙަތް ދޭ ފަދައިން ރޮމުންދިޔަ އައިރާއަށް މަލީހާ ނަސޭޙަތްތެރިވިއެވެ. މަރުވުމަށްފަހު މައްޔިތާގެ ފުރާނައަށް އުނދަގޫވާނޭ ފަދަ ކަންކަން ނުކުރުމަށް މަލީހާ ނަސޭޙަތްތެރިވިއެވެ. ﷲއަށް ތަޤުވާވެރި އަޅަކުކަމުގައި ވުމަށް މަލީހާ ބުނަމުންދިޔައެވެ. އެއްވެސް އިންސާނަކަށް ނުއުފުލޭވަރުގެ ބުރަކަމެއް ﷲ މިންވަރު ނުކުރައްވާނެއެވެ. ކެތްތެރިކަމާއި ނަމާދުން މެނުވީ ރޫހަށް ހަމަޖެހުމެއްނުވާކަމުގައި މަލީހާ ބުންޏެވެ. މަރު އައިސް ބައްދަލުކުރާނީ ކޮންވަގުތަކުކަމެއް އެކަކަށް ވެސް ނޭނގޭނެއެވެ. އެމީހެއްގެ އަޛުލު ހަމަވުމުން އޭނާގެ ފުރާނަ ގެންދަވާނެއެވެ. އެކަމާ ދެކޮޅު ހެދޭނޭ ފުރާނައެއްނުވެއެވެ. މަރަށް އަބަދުވެސް ތައްޔާރުވެ ހުންނަން ޖެހެނީ އެހެންވެއެވެ.

"އަހަރެން ބޭނުންވަނީ ރަށަށް ދާން..." މަލީހާގެ ވާހަކަ ހުއްޓާލުމަށްފަހު އައިރާއަށް ލިޒީ ގޮވާލި ހިނދު އޭނާ ބުންޏެވެ.

"އަހަރެން މިހިރީނު އައިރާއެކު... އެއްވެސް ކަމަކާ އައިރާ ދެރަވާނެކަމެއްނެތް... އަހަރެން ހުރިއްޔާ އައިރާ ދުވަހަކުވެސް އެކަންޏެއް ނުވާނެ. އަހަރެން މާލެ ދާން ހުރިހާ ކަމެއް އެބަ ހަމަޖައްސަން. ފްލައިޓުގައި ދަނީ... އޭރުން އަވަހަށް އައިރާގެ ގާތަށް ދެވޭނެއެއްނު... އަހަރެން ގޮސްފައި އެނބުރި އަންނާނީ އައިރާ ބޭނުންނަމަ ގޮވައިގެން... ދެން ދެރަނުވޭ... މަންމަ ބުނިހެން ހިތްވަރުކުރޭ އައިރާ... އަހަރުމެން އެންމެންގެ ދުޢާވަނީ އައިރާއާއެކު... އިރާދަކުރެއްވިއްޔާ ދެރަގޮތެއްނުވާނެ... ހިތްވަރުކުރޭ..." ލިޒީ އޯގާތެރިކަމާއި ލޯތްބާއެކު އެންމެ ގާތް އެކުވެރިޔާއާ ވާހަކަދެއްކިއެވެ.

ލިޒީއާއި މަލީހާގެ އޯގާތެރި ބަސްތަކުން އައިރާއަށް ހިތްވަރު ލިބުނެވެ. އަތުގައި އޮތް ފޯނު ނިވުނުކަން އައިރާއަށް އެނގުނީ ދައްކަމުންދިޔަ ވާހަކަ މެދު ކެނޑުނީމައެވެ. އިއްޔެ ފޯނު ޗާޖު ކުރި ގޮތައްކަން އެ އޮތީ ހަނދާންވީ ދެނެވެ. އަވަސް އަވަހަށް އެނދުގެ އަރިމަތީ ކަބަޑު ކައިރިއަށް ޖެހިލިއެވެ. އަދި އެތާ ކައިރީ ފާރުގައި ހުރި ޕްލަގަށް ޖަހާފައިވާ ޗާޖަރު ވާގަނޑު ނަގާ ފޯނަށް ގުޅާލިއެވެ. ކުޑަކުޑަ ޗާޖުކޮޅެއް ފޯނުން ފެންނަ އިރަށް އައިރާ ފޯނު ހުޅުވާލިއެވެ. އަދި ލިޒީގެ ނަންބަރަށް އަލުން ގުޅިއެވެ.

"އަމީރު!" ކޮޓަރިއަށް ވަން ޝިމްލާއަށް ބުދެއްހެން އައިރާގެ ހަރަކާތްތަކަށް ބަލަން ފެންކަޅިވެފައި ހުރި އަމީރު ފެނި މަޑުމަޑުން ގޮވާލިއެވެ. އެހިނދު އަމީރު ކަނާއަތް މޫނުގައި ހިންގާލާ އަވަސްއަވަހަށް ދެލޯ ފުހެލިއެވެ.

"އައިރާއަށް އެއްޗެއް ދެވޭތޯ އުޅެންވީނު... މެންދުރުވަނީ... އަދިވެސް އެ ހުންނަނީ އެއްޗެއް ނުކައި... އޭނާއަށް މިއަދު އަހަރުމެންގެ އެހީއާ ނުލާ ދިރިއުޅުމާއިގެން ކުރިއަކަށް ނުދެވޭނެ" ޝިމްލާގެ އަތުގައި އޮތް ޖޫސްތަށްޓަށް އަމީރު ބަލާލިއެވެ. އަދި އެ ތަށި ޝިމްލާގެ އަތުން ނަގައިގެން އައިސް އައިރާގެ ގާތުގައި އިށީނެވެ.

"ދަރިފުޅާ! ލިޒީއަށް އަވަހަށް މާލެ އާދެވޭނީ ފޯނު ބޭއްވީމައެއްނު" ކުޑަކުއްޖަކާ ވާހަކަދައްކާ އުސޫލުން އަމީރު ބުންޏެވެ. އެއާއެކު އަމީރަށް ބަލާލި އައިރާ އަވަސް އަވަހަށް ބޯޖަހާލިއެވެ.

"ލިޒީ... އަވަހަށް އާދޭ... ފޯނު ބާއްވަނީ... އަވަހަށް ދޭ ފްލައިޓަށް އަރަން..." އައިރާގެ ޢަމަލުތައް ވެސް ހުރީ ކުޑަކުއްޖަކު ފަދައިންނެވެ. ފޯނުކޯލު ކަނޑާލުމާއެކު އަމީރަށް ބަލާލާފައި އައިރާ ވާހަކަދެއްކިއެވެ.

"ލިޒީ އެ އަންނަނީ... ފްލައިޓުގަ އެ އަންނަނީ"

"ލިޒީ އަންނަންއިރު އައިރާގެ ގައިގާ ވަރުނެތިގެން ހޮސްޕިޓަލުގައި ބާއްވަން ޖެހިއްޖެއްޔާ އޭނާ ކިހާ ދެރަވާނެ... އަން! މި ޖޫސްތަށި އަވަހަށް ބޯލާ... ދަރިފުޅު ތި ހުރީ ރޭ ސުރެން އެއްވެސް އެއްޗެއް ނުކައި... ހަމައެކަނި އައިވީއަކުން ނުފުދޭނެއެއްނު... އަވަހަށް ދެއަތުން ހިފާ ޖޫސްތަށި އެއްކޮށް ހުސްކޮށްލާ. ދައްތަ އެ ހުރީ އައިރާ ގޮވައިގެން ކާން ދާން އައިސް.. ބައްޕަ ވެސް މި ހުރީ ނުކައި... އައިރާއާއެކު ކާންވެގެން..." ކޮޓަރީގެ އެއްފަރާތުގައި ހުރި ޝިމްލާއަށް ހުރިހާ މަންޒަރެއް ފެންނަމުންދިޔައެވެ. އޭނާ ދޭތެރެއަކުން ނިކަން އަވަހަށް ކޯތާފަތް ފުހެލައެވެ. އައިރާގެ ނަފްސަށް ކޮށްފައިވާ އަސަރު އޭނާއަށް ފެނެއެވެ. މިއަދު އެ ކުއްޖާއަށް ޢާއިލާއެއްގެ އެހީތެރިކަން ނުހަނު ބޭނުމެވެ. އެ ހިތާމައިން އަރައިގަނެވޭނީ އޭރުންނެވެ. އެހެންނޫނީ އެ ކުއްޖާ ހިތްދަތިކަމުގައި ބަނދެވި ބުއްދި ފިލާ ހިނގައިދާނެއެވެ.

"މަންމައާއި ބައްޕަ ގާތަށް ދާން ބޭނުންވަނީ" އަމީރުގެ އޯގާތެރިކަން އިހުސާސް ކުރެވުނު ހިނދު އައިރާއަށް ދުލުން ބޭރުކޮށްލެވުނު ބަސްތައް ބޭރުކޮށްލެވުނީ ބޭއިޚްތިޔާރުގައެވެ. ނަމަވެސް އެ ކަމުން އަމީރާއި ޝިމްލާއަށް ލިބުނީ ހާސްކަމެވެ. އައިރާގެ މައިންބަފައިން މި ދުނިޔޭގައި ނެތްކަން އެނގޭއިރު އެ މައިންބަފައިންގެ ގާތަށް ދާން އައިރާ ބޭނުންވުމީ އެކުއްޖާ ދުނިޔޭގައި ހުންނަން ބޭނުންނުވާކަމުގެ ލިސާނެއްކަމުގައި ހީކުރެވުނީއެވެ.

"މިއަދުން ފެށިގެން އައިރާގެ މަންމައަކީ މީ... އަދި އައިރާގެ ބައްޕަ މީނީ އައިރާގެ ގާތުގައި... އައިރާ ކަމެއް ބޭނުންވެއްޖެނަމަ މި މަންމައާއި ބައްޕަގެ ގާތުގައި ބުނޭ" ކަންބޮޑުވެފައި ހުރި ޝިމްލާ ހަލުވިކޮށް އައިސް އައިރާގެ ކުރިމަތީ ކުޑަކަކޫ ޖަހާލިއެވެ. އަދި ކުލުނުން ފުރިގެންވީ ފިރުމުންތަކުން އައިރާގެ ބޮލާއި ކޮނޑުގައި ފިރުމާލިއެވެ.

އައިރާގެ ކޮޓަރި ދޮރުމަތީ ހުރި މައުރީނުގެ މޫނުމަތިން ފޫހިކަން ފާޅުވެގެންދިޔައެވެ. ނިޔާނު ވަކިވެ ދިއުމަށްފަހު އެއްފަހަރު ވެސް އެ ބައްޕަ އައިސް އޭނާގެ ހާލު އަހާނުލައެވެ. އެ ބައްޕަގެ ދަރިއަކީ އޭނާއެވެ. އެކަމަކު މިހާރު އެ ބައްޕަ އެ އުޅެނީ އައިރާ ދަރިއަކަށް ހަދައިގެންނެވެ. ތުންފިއްތާލުމާއެކު މައުރީން ދެލޯ އަޅާލިއެވެ. ނިޔާނަކީ އޭނާގެ ދޮންބެއެވެ. ދުނިޔެއަށް އުފަންވެ ހަނދާން ހުންނަން ފެށީއްސުރެ އެ ދޮންބެ އޭނާގެ ގާތުގައި ނެތް ހަނދާނެއް ނުވެއެވެ. އެ ދޮންބެގެ ހުރިހާ ސަމާލުކަން ވަނީ އޭނާއަށެވެ. ނަމަވެސް އެކަން ބަދަލުވީ އައިރާ އެ ގެއަށް އައި ފަހުންނެވެ. ފެންކަޅިވެގެން ދިޔަ ދެ ލޯ މައުރީން ފުހެލިއެވެ.

"ރީން! ދަރިފުޅު..." އެނދުން ތެދުވެ އެނބުރިލި ތަނާހެން އަމީރަށް ދޮރުމަތީ ހުރި މައުރީން ފެނި އެ ދަރިފުޅާ ވާހަކަދައްކަން އުޅުނެވެ. ނަމަވެސް ބުނަން އުޅުނު އެއްޗެއް ފުރިހަމަ ނުވަނީސް މައުރީން މޫނު އަނބުރާލާފައި އެތަނުން ހިނގައްޖެއެވެ. އަމީރަށް އޭނާގެ ނިތްކުރީގައި ހިފަހައްޓާލެވުނެވެ.

"މިދުވަސް ދެކެންޖެހިދާނެއޭ ދުވަހަކު ވެސް ހިތަކަށް ނާރާ" އަމީރު މަޑުމަޑުން ބުނެލިއެވެ. އެންމެންގެ ކުރިމަތީ އެންމެ ބޮޑު ހިތްވަރެއް ކުރަމުން ދިޔައީ އަމީރެވެ. ކެތްތެރިކަމާއެކު ޢާއިލާއަށް ހަމަޖެހުން ގެނެސްދެވޭތޯ އޭނާ އަތުކުރި އޮޅާލައިފައި ވެއެވެ. އަމިއްލަ ހިތަށް ލިބެމުންދިޔަ ވޭން ފަރުދާކުރަމުންނެވެ. ދެ ލޮލަށް ޖަމާވާ ކަރުނަ ދިރުވާލަމުންނެވެ.

ޝިމްލާއާއި އަމީރުގެ ހިތްވަރުގައި އައިރާ ކުޑަކޮށް ނަމަވެސް ކެއެވެ. އަމީރު މައުރީންގެ ގާތުގައި އެމީހުންނާއެކު ކެއުމުގައި ބައިވެރިވާން ބުނުމުން ވެސް އެ ކުއްޖާ އެއްބަހެއްނުވިއެވެ. އެނބުރި ދިޔައީ އޭނާގެ ކޮޓަރިއަށެވެ. ރުބީނާ ނުކުންއިރު ކާމޭޒު ދޮށުގައި އަމީރާއި ޝިމްލާގެ މެދުގައި ކަހަލަ ގޮތަކަށް އައިރާ އިންތަން ފެނި އޭނާގެ ޠަބީޢަތް ގޯސްވިއެވެ. ހީވީ މޭނުބައި ކުރާ ފަދަ ގޮތެއް އޭނާއަށް ވެގެންދިޔަހެނެވެ.

"އަދިވެސް އޭނާ ބޮލަށް ލައިގެން އުޅޭ... ދެން ނޭނގޭ ކާލާނީ ކާކުގެ ފުރާނައެއްކަމެއް" ރުބީނާ ނުރުހުމާއެކު ބުނެލިއެވެ.

"ރުބީނާ... މީހަކަށް މީހެއްގެ ފުރާނައެއް ކައެއްނުލެވޭނެ... އެވަރު ނޭނގިގެންތަ ތިކަހަލަ އެއްޗެހި ތި ކިޔަނީ... ބަލަ ނިޔާނުގެ އަންހެނުންނޭ މީ... އެކުއްޖާއަށް މިއަދު އަހަރުމެން ނޫނީ ކޮންބައެއްތަ ހިތްވަރު ދޭން ތިބީ"

"މަށަކަށް ނޭނގެ... ކަލޭމެން ތިކުޅިވަރު ކުޅޭ މި ތަނުން ބޭރުގައި... އަހަރެން ބޭނުމެއްނޫން އޭނާގެ އެ ނުލަފާ ސިފަ ވެސް ފެންނާކަށް... އަހަރެންގެ ދަރި މަރާލީ ހަމަ އޭނާ... އޭނާގެ ސުންޕާކަން... އެކަހަލަ އަންހެނަކާ ނުގުޅޭށޭ ނިޔާނު ގާތުގައި އަހަރެން އާދޭސްކުރިން... އާޚިރު ނަތީޖާ ފެނިއްޖެއެއްނު"

"ދެން ހެޔޮ! ރުބީނާ! ދެން ހެޔޮ!.... ތި އެއްޗެހިތަކެއް ކޮންމެހެން އައިރާއާ ދިމާއަށް ކިޔާނެކަމެއްނެތް... އަހަރެން އުޅޭތާކު އެކުއްޖާއަށް އުޅެވޭނެ... އަހަރެން ކާއެއްޗެއް އެކުއްޖާއަށް ވެސް ކާންދޭނަން... ރުބީނާ ވިސްނާނެކަމެއްނެތް... އައިރާގެ ހުރިހާ ޒިންމާއެއް އަހަރެން ނަގައިފިން... އޭނާ މިތަނަކު ނުހުންނާނެ... ޝިމްލާ! އައިރާ ގޮވައިގެން އޭނާގެ ކޮޓަރިއަށް ގޮސް އެކުއްޖާގެ އެއްޗެހި ތައްޔާރުކުރޭ... ހަމަ މިއަދު އަހަރުމެންގެ ބަޔަށް އައިރާ ބަދަލު ކުރަން އަހަރެން ބޭނުންވަނީ"

"ބައްޕާ!..." ކަންބޮޑުވެފައި އިން އައިރާ ގޮވާލިއެވެ.

"ދަރިފުޅު ހާސްވާނެކަމެއްނެތް... މިގެއަކުން ދަރިފުޅު ބޭރެއް ނުކުރެވޭނެ އެކަކަށް ވެސް... މީ އަހަރެންގެ ގެ... މީގެ ފަހުން ދަރިފުޅު ހުންނާނީ ބައްޕަ ގާތުގައި" އަވަސް އަވަހަށް އަމީރު ބުނެލުމާއެކު އައިރާގެ ބޮލުގައި ފިރުމާލިއެވެ. އަދި އެހާމެ އަވަހަށް ރުބީނާއަށް ބަލާލީ ނުރުހުމުގެ ނަޒަރަކުންނެވެ.

"މަށަށް ވަރިހަމަ... ރަނގަޅީ ވެސް އެ ނުލަފާ އަންހެނާ މިތަނުން ބޭރުކުރިއްޔާ... އަހަރެންނާ އަހަރެންގެ ދެން ހުރި ދަރިފުޅަށް އޭނާގެ ހިޔަނި އެޅޭކަށް ބޭނުމެއްނޫން" ރުބީނާ ރުޅި އައިސްގެން ހަޅޭލަވައިގަތެވެ. އަދި ހަލުވިކޮށް އެނބުރި ކޮޓަރިއަށް ދިޔައެވެ. އޭރު އޭނާގެ ދެ ލޯ ފެންކަޅި ވެއްޖެއެވެ. ނިޔާނު ނެތުމުންނެވެ. އޭނާ އައިރާދެކެ އިތުރަށް ރުޅި އައިސްގެން އެ އުޅެނީ އެހެންވެއެވެ. އެ ދަރިފުޅާ މުޅި އުމުރަށް ވަކިވާން ޖެހުނީތީއެވެ.

ފެންވަރާލުމުން އައިރާގެ ހަށިގަނޑަށް ވަރަށް ބޮޑަށް ލުއިކަން އިހުސާސް ކުރެވުނެވެ. އައިރާ ދެން އަވަސްވެގަތީ މެންދުރު ނަމާދު ނުކޮށް ހުރީތީ ނަމާދުކޮށްލާށެވެ. އޭނާ ކެތްތެރިވާން މަސައްކަތްކުރިއެވެ. ނިޔާނުގެ ފުރާނައަށް އޭނާގެ ސަބަބުން ތަކުލީފުތަކެއް އުފުލަން ޖެހޭކަށް އޭނާ ނޭދެއެވެ. ނަމާދަށްފަހު ނިޔާނުގެ މައްޗަށް އައިރާ ދުޢާ ކުރިއެވެ. މިއަދު އޭނާގެ ދުޢާ ފިޔަވާ ނިޔާނާ ހަމައަށް އޭގެ އަސަރު ފޯރާނޭ އެކައްޗެއް ވެސް ނުވެއެވެ. ނަމާދުން އަވަދިވުމާއެކު ރޫހަށް އިތުރު ހަމަޖެހުން ހޯދުމަށް ޓަކައި އިރުކޮޅަކު ޤުރުއާން ކިޔަވާލަން އައިރާ މަޑުކޮށްލިއެވެ.

ޝިމްލާ އައިސް އައިރާގެ ކޮޓަރިއަށް ވަނީ އަޞުރުގެ ފަހުންނެވެ. އޭރު އެނދުގެ ހެޑްބޯޑުގައި ލެނގިލައިގެން އުނގުގައި ބާލީހެއް ބާއްވާލައިގެން އައިރާ އިންތަން ފެނުނެވެ. އެ ރީތި ކޯތާފަތުގައި ކަރުނައިގެ އަސަރު ނެތުމުން ހިސާބެއްގެ ހިތްހަމަޖެހުމެއް ޝިމްލާއަށް ލިބުނެވެ. އެހެންނަމަވެސް އެ ދޮންމޫނުވަނީ މުޅިން މިލާފައެވެ. ރޮއެރޮއެ ދެ ލޯ ދުޅަވެ މޫނު ރަތްވެފައި ވެއެވެ.

"ބައްޕަ ބުނެގެން މިއައީ..." ޝިމްލާ އައިސް އައިރާގެ ގާތުގައި އެނދުގައި އިށީންނަމުން ބުންޏެވެ. އަދި އައިރާގެ ފައިގާ އަތްބާއްވާލިއެވެ. އެއާއެކު އައިރާ ބޯޖަހާލިއެވެ. މިވަގުތު އޭނާއަށް އެއްވެސް ކަމެއް ނުވިސްނެއެވެ. ރުބީނާއާއި މައުރީންގެ ގާތުގައި މަޑުކުރަންވީކަމެއް ނޫނީ އަމީރު އެދުނު ފަދައިން އެބައިގައި އުޅެން ބަދަލުވާންވީ ކަމެވެ.

"ދުވަސްކޮޅަކުން އެނބުރި މި ކޮޓަރިއަށް ބަދަލުވާނީ... މިހާރު އިހަށް ހިނގާ ބައްޕަ އުޅޭ ބަޔަށް" އައިރާ ވިސްނަނީ ކޮންކަމެއްހެން ހީވެ ޝިމްލާ ބުންޏެވެ. ދެން ވެސް އައިރާ މަޑުމަޑުން އިނދެފައި ބޯޖަހާލިއެވެ. ޝިމްލާގެ އެހީގައި އެނދުން ތެދުވުމާއެކު އަލަމާރި މަތީ އޮތް ފޮށްޓަށް ބަލާލިއެވެ. އެ ފޮށި އެތަނުގައި ބޭއްވީ ނިޔާނެވެ. އައިރާގެ އަތް އެހިސާބަށް ނުފޯރާތީ ނިޔާނު ވަރަށް ދިމާކޮށް ހެދިއެވެ. އެ ހަނދާންތައް އާވުމާއެކު އައިރާއަށް ފަހަތަށް ފިޔަވަޅެއް އަޅާލެވުނެވެ.

"ދައްތަ ނަގާފާނަން" އައިރާގެ ކޮނޑުގައި ހިފަހައްޓާލި ޝިމްލާ ބުންޏެވެ. އަދި ރީތިވާ މޭޒު ކައިރީ ހުރި ގޮނޑި ގެނެސް އޭގެ މައްޗަށް ޝިމްލާ އަރާ އަލަމާރި މަތިން ފޮށި ނެގިއެވެ. ތަޅުންމަތީ ފޮށި ބަހައްޓާލުމަށްފަހު އަލަމާރި ހުޅުވާލިއެވެ. އެވަގުތު އައިރާގެ ފޯނަށް މެސެޖެއް އައެވެ. ކުރަން އުޅުނު ކަންތައް ހުއްޓާލާފައި އޭނާ އަވަހަށް އައިސް އެނދުމަތީ އޮތް ފޯނު ނަގާ ބަލާލިއެވެ.

"އެޑްރެސް ބުނެބަލަ... އޭރުންނު ދެވޭނީ" އައިސްފައި އޮތް ލިޒީގެ މެސެޖު އައިރާ ކިޔާލިއެވެ. އަދި އަވަސްއަވަހަށް ލިޒީއަށް ގޭގެ އެޑްރެސް ލިޔެފައި އައިރާ ފޮނުވާލިއެވެ. އެވަގުތު ފަނޑު ނަމަވެސް ހިނިތުންވުމެއް އެ ތުންފަތުގައި ދުވެލިއެވެ.

"އައިރާ..."ޝިމްލާ ގޮވާލިއެވެ. އެއާއެކު އޭނާ އަނެއްކާ ވެސް އައިސް އަލަމާރި ކައިރީ ހުއްޓުނެވެ. އެ އަލާމާރީގައި ހުރި ނިޔާނުގެ ހެނދުންތައް ވެސް އޭނާ ދާތަނަކަށް ގެންދަން ބޭނުންވިއެވެ. މަޑުމަޑުން ކުރިއަށް ޖެހިލާ ނިޔާނުގެ ޓީޝާޓެއްގައި އަތްޖައްސާލިއެވެ. -- (ނުނިމޭ)