ހަބަރު

ޔާމީން މަރުގެ ތަހުގީގުގެ ފޯކަސް ބަދަލު ކުރަން އުޅޭތީ ކަންބޮޑުވޭ: ފުލުހުން

މިދިޔަ މަހު 22 ވަނަ ދުވަހު މަރާލާފައި އޮއްވާ ފެނުން ބްލޮގަރު ޔާމީން ރަޝީދުގެ މައްސަލައިގެ ތަހުގީގުގެ ފޯކަސް ބަދަލުކޮށްލަން އުޅޭތީ ކަންބޮޑުވާ ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުން މިހެން ބުނީ ޔާމީން މަރުގެ މައްސަލަ އަވަސްކޮށްދިނުމަށް އެދި އާއިލާ އާއި ހެޔޮ އެދޭ ފަރާތްތަކުގެ ސޮޔާއެކު 800 ސިޓީ ފުލުސް އޮފީހަށް މިއަދު ހުށަހަޅާފައިވަނިކޮށެވެ.

އެކަމާ ގުޅިގެން "އަވަސް"އިން ކުރި ސުވާލެއްގެ ޖަވާބުގައި ފުލުހުންގެ ތަރުޖަމާނު، ސުޕްރިޓެންޑެންޓު އޮފް ޕޮލިސް އަހުމަދު ޝިފާން ވިދާޅުވީ އާންމުންގެ ކަންބޮޑުވުންތަކެއް ފުލުހުން ބަލާ ނުގަންނަ ކަމަށް ބުނާ ވާހަކައަކީ ދޮގެއް ކަމަށެވެ. އެހެން ނަމަވެސް ޔާމީންގެ ބައްޕަ ބުނީ، 800 ސިޓީ ބަލައި ނުގަނެ ފުލުހުން އޭނާއާ އެ ސިޓީތައް އަނބުރާ ރައްދުކޮށްފައިވާ ކަމަށެވެ. ޝިފާން ވިދާޅުވީ، ކޮންމެ ރައްޔިތަކުން އެ ފަރާތެއްގެ ކަނބޮޑުވުމެއް ލިޔެ، ފުލުސް އޮފީހާ ހިއްސާ ކުރުމުން އެކަމެއް އެ އިދާރާއިން ބަލައިގަންނާނެ ކަމަށެވެ. އޭގެ ބަދަލުގައި މައްސަލައިގެ "މޯޓިވް" އެހެން ދިމާލަކަށް އަނބުރާލަން މަސައްކަތް ކުރާ ފަދަ އަމަލުތައް ކުރަމުންދާތީ ކަންބޮޑުވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"ރަސްމީ މުއައްސަސާތަކަށް މީހެއްގެ ކަންބޮޑުވުންތައް ހިއްސާ ކުރަން އުސޫލެއްގެ ތެރެއިން ސިޓީފަދަ ތަކެތި ހުށަހަޅަން ޖެހޭ ހަމަތަކެއް އެބަ އޮވޭ. އާއިލާތަކާއި ހެޔޮއެދޭ ފަރާތްތަކުގެ ހުރިހާ ކަންބޮޑުވުންތަކަށް އަޅުގަނޑުމެން އިހުތިރާމް ކުރަން އަދި އާއިލާއާ ވެސް ވަރަށް ގާތްކޮށް މަސައްކަތް ކުރަމުން މިދަނީ. އަދި އެ ކަންބޮޑުވުންތައް ރިޖެކްޓު ކުރީކީ ނޫން. ނަމަވެސް ފުލުހުންގެ ވެސް ހައިސިއްޔަތުތަކެއް އަދި ގަބޫލު ކުރާ ހަމަތަކެއް އޮވޭ. އެހެންވެ އެގޮތަށް މޯޓިވް ބަދަލުވާ ގޮތަށް ކަންތައް ކުރަމުން ދާތީ ކަންބޮޑުވޭ،" ޝިފާން ވިދާޅުވި އެވެ.

ޝިފާން އިތުރަށް ވިދާޅުވީ ޔާމީންގެ މަރުގެ މައްސަލާގައި ވަރަށް ކައިރިން އާއިލާއާ ތަހުގީގުގެ ކުރިއެރުންތައް ހިއްސާ ކުރަމުން އަންނަ ކަމަށާއި އެހެންކަމުން މޯޓިވް ބަދަލުވާ ފަދަ ގޮތަކަށް އަމަލު ނުކުރުމަށް އިލްތިމާސް ކުރައްވާ ކަމަށެވެ.

ޔާމީނަށް އިންސާފު ހޯދައިދިނުމަށް އޭނާގެ އާއިލާ ފަރާތުން ފުލުހަށް ހުށަހެޅި ސިޓީތަކުގައި ބުނެފައިވާ ގޮތުން އެ ތަހުގީގުގައި ބޭރު ފަރާތްތަކުގެ އެހީ ހޯދުމަށް އެދުމާއި ތަހުގީގު އަވަސްކޮށްދިނުމަށާއި ކުރިއެރުންތައް ހިއްސާ ކުރުމަށް އެދިފައިވެ އެވެ. ނަމަވެސް އެ ސިޓީތައް ބަލާ އައުމަށް ޔާމީންގެ ބައްޕައަށް ފުލުހުން ވަނީ އަނގައިފަ އެވެ.