ހަބަރު

ޔާމީންގެ "ގާތިލުން"ގެ މައްޗަށް ދައުވާ އުފުލައިފި

ބްލޮގާ އަދި ސޯޝަލް މީޑިއާ އެކްޓިވިސްޓް ޔާމީން ރަޝީދު މަރާލި ކަމަށް ތުހުމަތު ކުރާ މީހުންގެ މައްޗަށް ދައުވާ ކުރުމަށް ނިންމައި ޕީޖީ އޮފީހުން އެ މައްސަލަ ކުރިމިނަލް ކޯޓަށް ފޮނުވައިފި އެވެ.

ޔާމީންގެ މަރުގެ މައްސަލާގައި ތުހުމަތު ކުރެވޭ ފަރާތްތަކަށް ދައުވާކޮށް ކުރިމިނަލް ކޯޓަށް މިއަދު ފޮނުވާފައިވާ ކަމަށް "އަވަސް"އަށް ވަނީ އެ ކޯޓްގެ އޮފިޝަލަކު ކަށަވަރުކޮށްދީފަ އެވެ. ނަމަވެސް މިކަމާ ގުޅޭ ގޮތުން ޕީޖީ އޮފީހުގެ ބަހެއް ލިބިފައިނުވާތީ ދައުވާކޮށްފައިވަނީ ކިތައް މީހުންގެ މައްޗަށް ކަމެއް އަދި ކޮށްފައިވަނީ ކޮން ދައުވާތަކެއް ކަމެއް އަދި ސާފެއް ނުވެ އެވެ.

ޔާމީން މަރާލި މީހުން ކަމަށް ފުލުހުން ތުހުމަތު ކުރަނީ މ. ތާއިފް، އިސްމާއިލް ރަޝީދާއި ހ. އަންނާރުމާގެ އިސްމާއިލް ހައިޝަމް ރަޝީދާއި މ. އިރާސްމިކްގެ އަހުމަދު ޒިހާން އިސްމާއިލެވެ. އެ މީހުންނާ އެކު އެ މައްސަަލައިގައި ފުލުހުން ޖުމްލަ ހަތް މީހަކު ހައްޔަރު ކުރި އެވެ.

ފުލުހުން ބުނެފައިވާ ގޮތުގައި ޔާމީންގެ މަރުގެ މައްސަލާގެ ތަހުގީގަށް މާލޭ އެކި ސަރަހައްދުތަކުން ނެގި ސީސީޓީވީ ފުޓޭޖާއި މާލޭގައި ހަރުކޮށްފައިވާ ފުލުހުންގެ ސީސީޓީވީ ކެމެރާތަކުގެ ފުޓޭޖްތައް ހިމެނޭ ގޮތަށް ޖުމްލަ 1850 ގަޑިއިރަށްވުރެ ގިނަ ވަގުތުގެ ފުޓޭޖްތައް އެނަލައިޒްކޮށް ބަލާފައިވާ ކަމަށެވެ. އޭގެ އިތުރުން 20 އަހަރާއި 40 އަހަރާ ދެމެދުގެ 40،000 އަށްވުރެ ގިނަ މީހުންގެ ފޮޓޯތައް ބަލައި އެނަލައިޒްކޮށްފައިވާ ކަމަށެވެ.

ރަހުމު ކުޑަ ގޮތަކަށް ޔާމީން އޭނާ ދިރިއުޅޭ ގޭ ސިޑިގޮޅީގައި މަރާލާފައި ވަނީ މިދިޔަ އޭޕްރިލް 22 ވަނަ ދުވަހުގެ ދަންވަރުގެ ވަގުތެއްގަ އެވެ. އޭނާގެ ގައިގެ 24 ތަނަށް ވަނީ ވަޅި ހަރާފަ އެވެ. އެ މައްސަލަ ފުލުހުންގެ ސީރިއަސް އެންޑް އޮގަނައިޒްގެ ކްރައިމް ޑިޕާޓްމަންޓުން ތަހުގީގުކޮށް ޔާމީން ގަތުލު ކުރި މީހުން ހައްޔަރު ކުރުމަށް ފަހު މިދިޔަ މަހު 18 ވަނަ ދުވަހު ފުލުހުން ވަނީ އެ މީހުންގެ ވަނަވަރު ހާމަކޮށްފަ އެވެ.