ހަބަރު

ޔާމީން މަރާލި މައްސަލަގެ ތަހުގީގު ނިމި، ދައުވާ ކުރަން ފޮނުވައިފި

ބްލޮގާ އަދި ސޯޝަލް މީޑިއާ އެކްޓިވިސްޓް ޔާމީން ރަޝީދު މަރާލި މައްސަލާގެ ތަހުގީގު ނިންމައި ދައުވާ ކުރުމަށް ޕީޖީ އޮފީހަށް ފޮނުވައިފި އެވެ.

ފުލުހުން ބުނީ ޔާމީންގެ މަރުގެ މައްސަލާގައި ތުހުމަތު ކުރެވޭ ފަރާތްތަކަށް ދައުވާ ކުރަން ޕީޖީ އޮފީހަށް ފޮނުވާފައި ވަނީ މިއަދުގެ ވަގުތެއްގައި ކަމަށެވެ. ނަމަވެސް ދައުވާ ކުރަން ފޮނުވީ ކިތަން މީހުންނަށް ކަމެއް ނުވަތަ ކޮން ދައުވާއެއް ކަމެއް ފުލުހުން ހާމައެއް ނުކުރެ އެވެ. ނަމަވެސް ވަރަށް އަވަހަށް އެ މައުލޫމާތުތައް ވެސް ހާމަ ކުރާނެ ކަމަށް ފުލުހުން ބުންޏެވެ.

ޔާމީން މަރާލި މީހުން ކަމަށް ފުލުހުން ތުހުމަތު ކުރަނީ މ. ތާއިފް، އިސްމާއިލް ރަޝީދާއި ހ. އަންނާރުމާގެ އިސްމާއިލް ހައިޝަމް ރަޝީދާއި މ. އިރާސްމިކްގެ އަހުމަދު ޒިހާން އިސްމާއިލެވެ. ފުލުހުން ބުނީ އެ މައްސަލާގެ ތަހުގީގަށް މާލޭ އެކި ސަރަހައްދުތަކުން ނެގި ސީސީޓީވީ ފުޓޭޖާއި މާލޭގައި ހަރުކޮށްފައިވާ ފުލުހުންގެ ސީސީޓީވީ ކެމެރާތަކުގެ ފުޓޭޖްތައް ހިމެނޭ ގޮތަށް ޖުމްލަ 1850 ގަޑިއިރަށްވުރެ ގިނަ ވަގުތުގެ ފުޓޭޖްތައް އެނަލައިޒްކޮށް ބަލާފައިވާ ކަމަށެވެ. އޭގެ އިތުރުން 20 އަހަރާއި 40 އަހަރާ ދެމެދުގެ 40،000 އަށްވުރެ ގިނަ މީހުންގެ ފޮޓޯތައް ބަލައި އެނަލައިޒްކޮށްފައިވާ ކަމަށެވެ.

ރަހުމު ކުޑަ ގޮތަކަށް ޔާމީން އޭނާ ދިރިއުޅޭ ގޭ ސިޑިގޮޅީގައި މަރާލާފައި ވަނީ މިދިޔަ އޭޕްރިލް 22 ވަނަ ދުވަހުގެ ދަންވަރުގެ ވަގުތެއްގަ އެވެ. އޭނާގެ ގައިގެ 24 ތަނަށް ވަނީ ވަޅި ހަރާފަ އެވެ. އެ މައްސަލަ ފުލުހުންގެ ސީރިއަސް އެންޑް އޮގަނައިޒްގެ ކްރައިމް ޑިޕާޓްމަންޓުން ތަހުގީގުކޮށް ޔާމީން ގަތުލު ކުރި މީހުން ހައްޔަރު ކުރުމަށް ފަހު މިދިޔަ މަހު 18 ވަނަ ދުވަހު ފުލުހުން ވަނީ އެ މީހުންގެ ވަނަވަރު ހާމަކޮށްފަ އެވެ.