ރާއްޖޭގައި މިހާތަނަށް އެންމެ ރަހުމުކުޑަ ގޮތަކަށް، އެތައް ހަމަލާތަކެއްދީ މަރާލާފައިވަނީ ބްލޮގާ ޔާމީން ރަޝީދެވެ. އެ ޒުވާނާގެ އެތައް މިތަނަށް ގިނަ ހަމަލާތަކެއްދީފައިވާކަން ފުލުހުން ވެސް ވަނީ ބުނެފަ އެވެ. އެހާ ރަހުމުކުޑަ ގޮތަށް އެތައް ހަމަލާތަކެއް އިންސާނަކަށް ދީފައިވާ މަންޒަރު ދުށުމަކީ އެހެން އިންސާނަކަށް ކެތްވާވަރު ކަމަކަށް ނުވާނެ އެވެ. ހަމަ ގައިމުވެސް އެ މަންޒަރުތައް ފެނިއްޖެ ނަމަ ޔާމީންގެ މަންމަގެ ހިތްފަޅައިގެން ހިނގައިދާނެ އެވެ.
އަވަސްއަށް މީގެކުރިން ދިން އިންޓަވިއުއެއްގައި ޔާމީން ރަޝީދުގެ މަންމަ ވެސް ބުނެފައިވަނީ ދަރިފުޅަށް ދީފައިވާ ޒަހަމްތައް އޭނާއަށް ނުފެންނަ ކަމަށެވެ. ޔާމީންގެ ބައްޕަ ބުނި ގޮތުގައި ދަރިފުޅިގެ ހަށިގަނޑު އޭނާއަށް ދެއްކީ ވެސް ފުލުހުންނަށް އެތައް އާދޭސްތަކެއް ކޮށްގެން އެވެ. ޔާމީންގެ މަންމައަށް ފެނިފައިވަނީ އޭނާގެ ކަރުން މައްޗެވެ. ޔާމީންގެ ބައްޕަ ވެސް ފުލުހުން ދައްކާފައިވަނީ މެއިން ފެށިގެން މައްޗެވެ. ފުލުހުން އެގޮތަށް ކަންތައްކޮށްފައިވަނީ ޔާމީންއަށް ލިބިފައިވާ ޒަހަމްތަށް ފެނި، އެކަން އެ މައިންބަފައިންނަށް ކެތް ނުކުރެވިދާނެތީ އެވެ.
ޔާމީން ރަޝީދުގެ މަރުގެ ފުން ހިތާމާގައި ތިބި އެ އާއިލާއަށް ރޭ އެވަނީ އަނެއްކާވެސް ބޮޑު މާޔޫސްކަމެއް ލިބިގެން ގޮސްފަ އެވެ. ޔާމީން ރަޝީދަށް އެ އަނިޔާތައް ދީފައިވަނިކޮށް ނަގާފައިވާ ފޮޓޯއެއް ރާއްޖެޓީވީގެ އޮންލައިން "ރާއްޖެޑޮޓްއެމްވީ" އިން ވަނީ އާންމުކޮށް ޝާއިއުކޮށްފަ އެވެ. އެ ފޮޓޯއަށް ބިނާކޮށް ރާއްޖެ ޑޮޓްއެމްވީގައި ބޮޑު ނިއުސްފީޗާއެއް ވެސް ފޮޓޯއާ އެކު ޝާއިއުކުރި އެވެ. އިންޒާރަކާ އެކު އެ ފޮޓޯއާންމު ކުރި ނަމަވެސް ގިނަ ދިވެހިންނަށް މިކަން އެއްގޮތަކަށް ވެސް ގަބޫލެއް ނުކުރެވުނެވެ. ހާއްސަކޮށް ޔާމީންގެ މަރަށް އިންސާފު ހޯދައިދޭން މަސައްކަތް ކުރާ ފަރާތްތަކާއި އާއިލާއަށް މިކަން ވެފައި މި އޮތީ އެ މީހުންގެ މެޔަށް ޖެހި ހަންޖަރަކަށެވެ.
ހަބަރު ޖެހިތާ މާގިނަ އިރުތަކެއް ނުވެ އެ ހަބަރު ނެގި އެވެ. އާއިލާގެ އެދުމުގެ މަތިން ކަމަށް ވަނީ ބުނެފަ އެވެ. އެ ފޮޓޯ އާންމުކުރުމާއެކު އެތައް ފާޑުކިޔުންތަކެއް ވެސް ރާއްޖެޓީވީއަށް އަމާޒުވި އެވެ. މިހާރު އެ ހަބަރު ނެގިޔަސް ވާނެ ހައެތި މި އޮތީ ވެފަ އެވެ. ގިނަ މީހުންގެ ޝަކުވާއަކީ މިއީ އެވެ. އެ ލާއިންސާނީ މަންޒަރުތައް ފެނި އެތައް ބައެއްގެ ހިތް ކުދިކުދި ވެއްޖެ އެވެ.
ޓްވިޓާގައި ހިޔާލުފާޅުކޮށްފައިވާ ބައެއް މީހުން ބުނެފައިވަނީ އެފަދަ މަންޒަރުތައް އާންމުކުރުމަކީ މާޔޫސްކަމުގައި ތިބޭ އާއިލާތަކަށް ދެވޭ ފޫނުބެއްދޭވަރުގެ ގެއްލުމެއް ކަމަށެވެ. ނޫސްވެރިކަމުގެ މިނިވަންކަމުގެ ނަމުގައި އެފަދަ ކަންކަން ނުކުރެވޭނެ ކަމަށެވެ. ނޫސްވެރިކަމަށް ވެސް އެއީ ހުތުރެއް ކަމަށް ގިނަ ބަޔަކު ބުނެ ރާއްޖެޓީވީއަށް މި ވަނީ އެތިވަރު ގޮވަން ފަށައިފި އެވެ.
މޯލްޑިވްސް މީޑިއާ ކައުންސިލުން އެކުލަވާލާފައިވާ ދިވެހި މީޑިއާގެ ހަމަތަކާއި އަހްލާގީ މިންގަނޑަށް ބަލާލި ނަމަވެސް ޔާމީންގެ އެ ފޮޓޯ އެގޮތަށް ޝާއިއުކުރެވިގެން ނުވާނެ ކަމަށް ނޫސްވެރިން ވެސް ދަނީ ބުނަމުންނެވެ. އެ ފޮޓޯ އާންމުކޮށްފައިވަނީ ޔާމީންގެ މޫނު ފިޔަވައި އެހެން އެއްވެސް ތަނެއް އެއްވެސް ވަރަކަށް ފުސްކުރުމެއް ނެތިކަން ވެސް ފާހަގަކޮށްލެވެ އެވެ. ޔާމީންގެ ހަށިގަނޑަށް ވަޅިން ދީފައިވާ ރަހުމްކުޑަ ޒަހަމްތައް އެއްވެސް ކަހަލަ ފުސްކުުރުމެއް ނެތި ފެނުމުން ކުރާނެ އަސަރު އަމިއްލައަށް ވެސް ތަސައްވަރުކޮށްލާށެވެ.
އަސާސީ މިންގަނޑުގައި ބުނެފައިވާ ގޮތުގައި، ލާއިންސާނީ ނުވަތަ އަނިޔާވެރި މަންޒަރު ސިފަކޮށްދޭ ފޮޓޯއާއި، ވީޑިއޯއާއި އޯޑިއޯ ނުވަތަ އެފަދަ އެއްވެސް އެއްޗެއް ޝާއިއުކުރާނަމަ، އެއެއްޗެއް އާންމު މަސްލަހަތާ ގުޅުންހުރި މިންވަރެއްގެ މައްޗަށް ރިއާޔަތްކުރަންޖެހޭނެ އެވެ. އަދި، ހަބަރާއި މައުލޫމާތު ޝާއިއުކުރުމުގައި، އަނެކާގެ ޒާތީ ދިރިއުޅުން ރައްކާތެރިކުރުމުގެ ހައްގަށް ރިއާއަތްކުރަން ޖެހޭނެ ކަމަށެވެ.
މީގެއިތުރުން ހިތާމައާއި މާޔޫސްކަމުގެ ހާދިސާއެއް މެދުވެރިވެފައިވާ ހާލަތެއްގައި ކަންކަން އޮޅުންފިލުވައި އަދި ޝާއިއުކުރާނީ އެހިތާމައެއް ނުވަތަ މާޔޫސްކަމެއް ކުރިމަތިވެފައިވާ ބައެއްގެ އިންސާނީ ކަރާމާތްތެރިކަމަށް އުނިކަން ނާންނާނޭ ގޮތުގެ މަތިން ކަމަށް ވެސް އެ މިންގަނޑުގައި ބުނެފައިވެ އެވެ.
މީޑިއާ ކައުންސިލްގެ މެންބަރަކު ވިދާޅުވި ގޮތުގައި، ރޭ އާންމުކުރި ފޮޓޯ ހިމެނޭ ހަބަރުގައި އިންޒާރުތަކެއް ދީފައިވީ ނަމަވެސް އަސާސީ މިންގަނޑުގައި ބުނާ ކަންކަމަށް ރިޔާއަތްކޮށްފައިވާ ކަމަށް ގަބޫލުނުކުރެވޭ ކަމަށެވެ. އެއީ، އެ ފޮޓޯގެ ސަބަބުން ޔާމީންގެ މަރާ ގުޅިގެން މާޔޫސްކަމުގައި ތިބި އާއިލާ އާއި ރައްޓެހިންގެ އިންސާނީ ކަރާމާތަށް އެއްވެސް ވަރަކަށް ބެލިފައިނުވާތީ އެވެ. އަދި އެ ފޮޓޯ އާންމުކުރުމުގައި އާންމު މަސްލަހަތާ ގުޅުންހުރި މިންވަރަށް ރިއާޔަތްކޮށްފައިވާ ކަމަށް ވެސް ގަބޫލު ނުކުރެވޭ ކަމަށް މެންބަރު ވިދާޅުވި އެވެ.
ޔާމީންގެ ފޮޓޯ އާންމުކުރުމާ ގުޅިގެން ފުލުހުން ވެސް ވަނީ ޓްވީޓެއްކޮށް އެފަދަ ކަންކަން ނުކުރުމަށް އިލްތިމާސްކޮށްފަ އެވެ. ފުލުހުން ވަނީ، އެފަދަ ފޮޓޯތައް އާންމުކުރުމުގެ ބަދަލުގައި އެ އާއިލާތަކަށް އިހްތިރާންކުރުމަށް ގޮވާލާފަ އެވެ.
މިކަމާ ގުޅިގެން އެތައް ބައެއްގެ ފާޑުކިޔުން އަމާޒުވަމުންދާއިރު ރަސްމީ އެއްވެސް މުއައްސަސާއަކުން ރަސްމީ ގޮތެއްގައި މިކަމުގައި އެއްވެސް އެއްޗެއް ބުނެފައެއް ނުވެ އެވެ. އަދި އެ މީޑިއާއިން ވެސް އެކަމުގައި މިހާތަނަށް ވަކި އެއްޗެއް ބުނެފައެއް ނުވެ އެވެ.