ހަބަރު

ޔާމީން މަރާލުމުގެ އަޑީގައި ތިބި މީހުންގެ މައްސަލަ ތަހުގީގު ކުރަނީ

ރަހުމުކުޑަ ގޮތަކަށް މަރާލާފައި އޮއްވާ ފެނުނު ސޯޝަލް މީޑިއާ އެކްޓިވިސްޓް ޔާމީން ރަޝީދު މަރާލަން ވިސްނުންދީ ހިތްވަރުލާ ދިނުމަށް އަޑީގައި ތިބެގެން ބަޔަކު މަސައްކަތް ކުރި ކަމަށާއި އެ މައްސަލަ ވަކިން ތަހުގީގު ކުރަމުން އަންނަ ކަމަށް ފުލުހުން ބުނެފި އެވެ.

ޔާމީންގެ މަރާ ގުޅޭ ތަފްސީލުތައް ހާމަ ކުރުމަށް އިސްކަންދަރުކޮށީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް އަހުމަދު ޝަމީމް ވިދާޅުވީ ޔާމީން މަރާރާލާފައި ވަނީ 25 އަހަރުން ދަށުގެ، ވަރަށް ދޮށީ ބައެއް ކަމަށެވެ. އަދި ދީނަށް ފުރައްސާރަ ކުރާ މީހުންނާއި އެ މީހުންގެ ހިޔާލާ ތަފާތު ކަމަށާއި އެގޮތުން ޔާމީންއަކީ ވެސް ދީނަށް ފުރައްސާތަ ކުރާ މީހެއް ގޮތުގައި އެ މީހުން ދެކޭ ކަމަށް ޝަމީމް ވިދާޅުވި އެވެ.

ޔާމީން މަރާލީ އެ ހިޔާލު ތަފާތުވުންތަކުގެ ތެރެއިން ކަމަށާއި އެ މައްސަލާގައި ސިޔާސީ ކަމެއް ނުވަތަ ޖަމިއްޔާ ޖަމާއަތެއްގެ އަތެއް ވާކަމަކަށް މިހާތަނަށް މައުލޫމާތު ލިބިފައި ނުވާ ކަމަށް ޝަހީމް ވިދާޅުވި އެވެ. ނަމަވެސް ޔާމީން މަރާލުމަށް ވިސްނުންދީ އެކަމަށް ހިތްވަރު ލާދިނުމަށް ބަޔަކު ޑީގައި ތިބެގެން މަސައްކަތް ކުރި ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށާއި އެ މައްސަލަ ވަކިން ތަހުގީގު ކުރަމުން އަންނަ ކަމަށް ޝަމީމް ވިދާޅުވި އެވެ.

"[ޔާމީން މަރުގެ މައްސަލާގެ އަޑީގައި] ތިބި މީހުންނާ ގުޅޭ މައުލޫމާތުތަކާ އޭގެ ހަގީގަތްތައް ބަލާ އެނަލައިޒް ކުރަމުން މ ވަގުތު ވެސް އެބަދޭ. އެ މަސައްކަތް ކުރިޔަށް ގެންދަނީ މޭޖާ ކްރައިމް ސެންޓަރުން. އަދި މައުލޫމާތުތައް ހާމަވާ ވަރަކުން ހިއްސާ ކުރަމުން ގެންދާނަން،" ޝަމީމް ވިދާޅުވި އެވެ.

ޔާމީން މަރާލުމުގައި އަމަލީ ގޮތުން ބައިވެރިވީ ހ. އަންނާރުމާގޭ އިސްމާއިލް ހައިޝަމް ރަޝީދާއި މ. އިރާސްމިކުގޭ އަހުމަދު ޒިހާން އިސްމާއިލް ކަމަށާއި ޔާމީންގެ ގޭ ކުރިމަތީ ފާރަލައިގެން ހުރީ ގ. ތާއިފް އިސްމާއިލް ރަޝީދު ކަމަށް ފުލުހުން ބުންޏެވެ. އަދި އެ މައްސަލާގައި އަށް މީހަކަށް ދައުވާ ކުރުމަށް ޕީޖީ އޮފީހަށް ވަނީ ފޮނުވައިފަ އެވެ.