- ޔާމީން މަރާލީ ދެ މީހަކު ވެގެން
- އަށް މީހަކު މުޅި މައްސަލައިގައި ޝާމިލްވޭ
- ދީނީ ޖަމާއަތެއް އަދި ސިޔާސީ ބަޔަކާ ގުޅުމެއްނެތް
ބްލޮގަރު އަދި ސޯޝަލް މީޑިއާ އެކްޓިވިސްޓް ޔާމީން ރަޝީދު މަރާލީ ދީނީ ގޮތުން ހައްދުފަހަނަ އެޅި ބަޔަކުކަން ކަށަވަރުވެފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޔާމީން ރަޝީދުގެ މަރުގެ ތަހުގީގު ކުރިޔަށް ދިޔަ ގޮތާ ގުޅޭ ގޮތުން ދެއްކި ރިޕޯޓެއްގައި ބުނީ، ޔާމީން މަރާލި މީހުންނަކީ އެކަށީގެންވާ މިންވަރަށް ކިޔަވައިގެން ތިބި ބަޔަކަށްވި ނަމަވެސް ދީނީ ގޮތުން ބަސް ބުނެވޭ ވަރުގެ އެއްވެސް ރަސްމީ ލިޔުމެއް އެ މީހުންނަށް ލިބިފައި ނުވާ ކަމަށެވެ. ނަމަވެސް އެ މީހުން ގަބޫލު ކުރާ ގޮތުގައި ޔާމީންއަކީ ދީނަށް ފުރައްސާރަ ކުރާ މީހެއް ކަމަށާއި އަދި އެ މީހުންނަކީ ދީނަށް ފުރައްސާރަ ކުރާ މީހުން ބަލައިގަންނަ ބައެއް ނޫން ކަމަށް ޔާމީންގެ ގާތިލުން ތަހުގީގުގައި ބުނެފައިވާ ކަމަށެވެ.
ޔާމީން މަރާލީ އޭނާ ދީނަށް ފުރައްސާރަ ކުރަމުން އަންނާތީ ކަމަށް ގަބޫލު ކުރާ ބަޔަކު ކަމަށާއި އެ މަރުގެ ފަހަތުގައި އެއްވެސް ހާއްސަ ޖަމާއަތެއް ނޫނީ ސިޔާސީ ކަމަކާ ވެސް ގުޅުމެއް ނެތް ކަމަށް ފުލުހުން ބުންޏެވެ.
"ޔާމީންގެ މަރުގެ މައްސަލާގައި އެއްވެސް ސިޔާސީ ނުވަތަ ޖަމިއްޔާ ޖަމާއަތެއްގެ ބައިވެރިވުން އޮތްކަން ތަހުގީގަށް އެނގިފައެއް ނެތޭ. މިފަދަ ރަހުމު ކުޑަ ފިނޑި އަމަލުތައް އެންމެ ހަރުކަށި ބަހުން ދިވެހި ފުލުހުން އަބަދުވެސް ކުށްވެރި ކުރަން، އިސްލާމް ދީނުގެ ނަމުގައި އެއްވެސް ނާތަހުޒީބު އަމަލުތައް ނުހިންގުމަށާއި އިސްލާމް ދީނަށް ފުރައްސާރަ ކުރުމުގެ އަމަލެއް ނުކުރުމަށް އިންޒާރު ކުރަން،" ޔާމީންގެ މަރާ ގުޅިގެން ފުލުހުން ތައްޔާރުކޮށްފައިވާ ރިޕޯޓުގައި ބުނެ އެވެ.
ފުލުހުން ބުނީ ޔާމީން މަރާލި މައްސަލައިގައި މުޅިއަކު އަށް މީހަކު ބައިވެރިވި ކަމަށާއި އެ މީހުންނަށް ދައުވާކޮށްދިނުމަށް އެދި ޕްރޮސެކިއުޓާ ޖެނަރަލް (ޕީޖީ) އޮފީހަށް ހުށަހަޅާފައިވާ ކަމަށެވެ. އަދި ޔާމީން މަރާލީ އެ މީހުން ދެ ބަޔަކަށް ބެހިގެން ކަމަށާއި އެއް ބަޔަކު ޔާމީންއަށް ފާރަލި އިރު އަނެއް ބަޔަކީ އޭނާ މަރާލުމުގައި އަމަލީ ގޮތުން ބައިވެރިވި މީހުން ކަމަށް ފުލުހުން ބުންޏެވެ.
ޔާމީން މަރާލުމުގައި އަމަލީ ގޮތުން ބައިވެރިވީ ހ. އަންނާރުމާގޭ އިސްމާއިލް ހައިޝަމް ރަޝީދާއި މ. އިރާސްމިކުގޭ އަހުމަދު ޒިހާން އިސްމާއިލް ކަމަށާއި ޔާމީންގެ ގޭ ކުރިމަތީ ފާރަލައިގެން ހުރީ ގ. ތާއިފް އިސްމާއިލް ރަޝީދު ކަމަށް ފުލުހުން ބުންޏެވެ.
ޔާމީން މަރާލުމުގައި ކުށްވެރިން އަމަލު ކުރި ގޮތް ތަފްސީލުކޮށް ކިޔާ ދެމުން ފުލުހުން ބުނީ ޔާމީން އެ ރޭ އޮފީހުން ނިކުމެގެން ގޮސް ގާޒީ ބިލްޑިން އިރު މަތީ ގޯޅިން ދިޔުމާ ހަމަޔަށް ދެ މީހަކު އޭނާގެ ފަސް ފަހަތުން ފާރަލަމުން ތިން ނަމްބަރު ފާލަމާ ހަމަޔަށް ގޮސްފައިވާ ކަމަށެވެ. އަދި އެ ދެ މީހުންގެ ތެރެއިން އެކަކު މީހަކާ ފޯނުން މުއާމަލާތް ކުރަމުން ދިޔަކަން ފާހަގަވެފައިވާ ކަމަށެވެ.
އެ ރޭ ދަންވަރު، 2:30 ހާއިރު ތިން މީހަކު ދެ ސައިކަލުގައި ގޮސް ޔާމީން ރަޝީދު ގޭގެ ކައިރީ މަޑު ކުރުމަށް ފަހު އެ ގޭ ތެރެއަށް ވަނީ ދެ މީހެއް ކަމަށެވެ. އަދި ގެޔަށް ވަނުމަށް ފަހު ގޭތެރޭގައި ހަރުކޮށްފައިވާ ކެމެރާ އަނބުރާލުމަށް ފަހު އެތަނުގެ ބޮކި ނިއްވާލި ކަމަށް ފުލުހުން ބުންޏެވެ. އަދި އެ މީހުން ޔާމީންގެ ގެޔަށް ވަތް އިރު ޔާމީން ރަޝީދު ހުރީ ޗާންދަނީ މަގުގައި ކަމަށެވެ. އަދި ޔާމީން ގެޔަށް ވަދެ ލިފްޓަށް އަރަން ލިފްޓު ހުޅުވުނު ވަގުތު ޔާމީންއަށް ހަމަލަދިން ކަމަަށް ފުލުހުން ބުންޏެވެ. އަދި އޭނާއަށް ހަމަލާދެމުން ދިޔަ އެ މަންޒަރު ލިފްޓުގައި ހަރުކޮށްފައި ހުރި ކެމެރާ ފްޓޭޖްތަކުން ތަހުގީގަށް ލިބިފައިވާ ކަމަށް ފުލުހުން ބުންޏެވެ.