މިދިޔަ މަހުގެ 22 ވަނަ ދުވަހުގެ ރޭ ރަހުމުކުޑަ ގޮތަކަށް މަރާލާފައި އޮއްވާ ފެނުން ބްލޮގާ ޔާމީން ރަޝީދުގެ އާއިލާއާ އިހުތިރާމް ކުޑަގޮތަކަށް ފުލުހުން މުއާމަލާތް ކުރި ކަމަށް ބުނާ ވާހަކަތައް ފުލުހުން ދޮގުކޮށްފި އެވެ.
ފުލުހުން މިހެން ބުނީ ޔާމީންގެ މަރުގެ މައްސަލަ މިނިވަން އަދި އަވަސް ތަހުގީގެއް ހިންގައިދޭން އެދި އޭނާގެ އާއިލާއާއި ހެޔޮ އެދޭ ފަރާތްތަކުން އިއްޔެ ފުލުސް އޮފީހަށް ހުށަހެޅި ސިޓީތައް އަނބުރާ ރައްދުކުރި އިރު އިހުތިރާމް ކުޑަ ގޮތަކަށް މުއާމަލާތްކޮށްފައިވާ ކަމަށް ޔާމީންގެ ބައްޕަ ތުހުމަތު ކުރުމާ ގުޅިގެނެވެ.
އެކަމާ ގުޅިގެން "އަވަސް"އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ފުލުހުންގެ ތަރުޖަމާނު، ސުޕްރިޓެންޑެންޓު އޮފް ޕޮލިސް އަހުމަދު ޝިފާން ވިދާޅުވީ ޔާމީންގެ ބައްޕައާ އިހުތިރާމް ކުޑަ ގޮތަކަށް ވާހަކަދައްކާފައިވާ ކަމުގެ ޝަކުވާ ފުލުހުންގެ ޕްރޮފެޝިނަލް ސްޓޭންޑަޑް ކޮމާންޑަށްއަށް ލިބިފައިވާ ކަމަށާއި އެގޮތުން ޔާމީންގެ ބައްޕައާ ވާހަކަދެއްކި ފަރާތްތަކާ އެތަނުގައި ތިބި އެހެން ފަރާތްތަކާ ވެސް ސުވާލުކޮށް އެ މައްސަލަ ބަލާފައިވާ ކަމަށެވެ. އަދި އެ މައްސަލަ ރަނގަޅަށް ބެލުމަށް ފަހު، އިހްތިރާމް ކުޑަ ގޮތަކަށް އާއިލާއާ މުހާތަބުކޮށްފައި ނުވާ ކަމަށް ފުލުހުންގެ ޕްރޮފެޝިނަލް ސްޓޭންޑާޑް ކޮމާންޑްސް ކަށަވަރުކޮށްދޭ ކަމަށް ޝިފާން ވިދާޅުވި އެވެ.
"އިހުތިރާމް ކުޑަކޮށް ޔާމީނން ރަޝީދުގެ އާއިލާއާ މުއާމަލާޓް ކުރިކަމުގެ ޝަކުވާ ފުލުހުނަނަށް ލިބިގެން އެކަން ބަލާފައި މިއަދު މެންދުރު ފަހު ޕްރޮފެޝިނަލް ސްޓޭންޑާޑް ކޮމާންޑްސް އިން މައުލޫމާތު ދެނީ އެފަދަ އެއްވެސް ކަމެއް ނުހިނގާ ކަމަށް. އެ ގޮތަށް ނިންމީ އެކަމުގައި އުޅުން ހުރިހާ ފަރާތްތަކާ ރަނގަޅަށް ސުވާލުކޮށް މައްސަލަ ބެލުމަށް ފަހުގައި،" ޝިފާން ވިދާޅުވި އެވެ.
ޔާމިންގެ މަރުގެ މައްސަލާގައި އާއިލާ އާއި ހެޔޮ އެދޭ ފަރާތްތަކުން އެއްފަހަރާ 800 ސިޓީ ވެސް ވަނީ ފުލުސް އޮފީހަށް ހުށަހަޅާފަ އެވެ. ނަމަވެސް ފުލުހުން ބުނެފައި ވަނީ ޔާމީންގެ މައްސަލާގެ ފޯކަސް އަނބުރާލުމަށް މަސައްކަތް ކުރާތީ ކަނބޮޑުވާ ކަމަށާއި އެފަދަ ކަންތައް ނުކުރެއްވުމަށެވެ. އަދި ޔާމީންގެ މަރުގެ މައްސަލަ ވަރަށް ބާރަށް ތަހުގީގުކޮށް ކުރިއެރުންތައް ހޯދަމުން އަންނަ ކަމަށް ވެސް ފުލުހުން ބުނެފައިވެ އެވެ.