ހަބަރު

ހޮޓް އެއާ ބެލޫން ފެސްޓިވަލް އީދު ދުވަހަށް ބާއްވަން ނިންމައިފި

ރާއްޖޭގައި ފުރަތަމަ ފަހަރަށް ބާއްވާ ހޮޓް އެއާ ބެލޫން ފެސްޓިވަލް އަންނަ އީދު ދުވަހު ބޭއްވުމަށް ނިންމައިފި އެވެ. ޔޫތު މިނިސްޓްރީއާ ގުޅިގެން ޔުނިކްސް ސްޕޯޓިން އިން އިންތިޒާމްކުރާ މި ފެސްޓިވަލް ކުރިން ބޭއްވުމަށް ހަމަޖައްސާފައި އޮތީ މި މަހު 19 ގައެވެ.

"އަވަސް" އާ ވާހަކަ ދައްކަވަމުން ޔުނިކްސް ސްޕޯޓިންގެ މެނޭޖިން ޑިރެކްޓާ ރޭޝަން ޝަރީފް ވިދާޅުވީ ކުރިން މި މަހު 19 ގައި ހޮޓް އެއާ ބެލޫން ފެސްޓިވަލް ބޭއްވުމަށް ހަމަޖައްސާފައިވީ ނަމަވެސް އެ އިވެންޓު އެންމެ ރަނގަޅަށް ބޭއްވޭ ވަރަަށް މޫސުން ޖާގައެއް ނުދޭ ކަމަށެވެ. އެގޮތުން ހޮޓް އެއާ ބެލޫން ފެސްޓިވަލް އަންނަ އީދު ދުވަހު ބާއްވަން ނިންމާފައިވާ ކަމަށާއި އެ ދުވަހު މޫސުން އަދި ލަފާކޮށްފައި އޮތީ ވެސް އެ ފެސްޓިވަލް ބޭއްވުމަށް އެންމެ އެކަށީގެން ގޮތަށް ކަމަށް ރޭޝަން ވިދާޅުވި އެވެ.

"އަޅުގަނޑުމެން މި ދަނީ މީޓިއޮރޮލޮޖިކަލް ޑިޕާޓްމަންޓާ ވެސް ފުދޭވަރަކަށް ގާތްކޮށް މަސައްކަތް ކުރަމުން ދުވަހުން ދުވަހަށް މޫސުމާ ބެހޭ ރިޕޯޓުތައް ވެސް ބަލަމުން މިދަނީ. އަޅުގަނޑުމެން މި އިވެންޓު ލަސް ކުރީ ފޯކާސްޓުން ދައްކާ އެންމެ ރަނގަޅު ދުވަހަކަށް ނަސީބު ދިމާ ކުރި ގޮތުން އެއީ އީދު ދުވަސް. އެހެންވެ ވަރަށް ރަނގަޅު މަޖާ އީދަކަށް މި ފަހަރު ވެގެން ދާނެ،" ރޭޝަން ވިދާޅުވި އެވެ.

ރޭޝަން ވިދާޅުވީ ހޮޓް އެއާ ބެލޫން ފެސްޓިވަލް އީދަށް ފަސް ކުރުމާ ގުޅިގެން، ގިނަ ބަޔަކަށް އެ ފެސްޓިވަލުގަިއ ބައިވެރިވުމުގެ ފުރުސަތު ދިނުމަށް ވެސް ނިންމާފައިވާ ކަމަށެވެ. އެގޮތުން ޓިކެޓު ވިއްކާ އަދަދު އިތުރުކޮށް 2000 އެއްހާ މީހުންނަށް ހޮޓް އެއާ ބެލޫނަށް އެރުމުގެ ފުރުސަތު ދޭނެ ކަމަށެވެ.

އޭނާ ވިދާޅުވީ މަހު ހަތެއްގައި ޓިކެޓު ވިއްކަން ފަށާނެ ކަމަށާއި ހިލޭ ޓިކެޓު ދިނުމަށް ސޯޝަލް މީޑިއާގައި "ލައިކް އެންޑް ޝެއާ" ޕްރޮމޯޝަނެއް ވެސް ކުރިޔަށް ގެންދަން ނިންމާފައިވާ ކަމަށެވެ. -- ޓިކެޓެއްގެ އަގަކީ 700 ރުފިޔާ އެވެ.

މި ފެސްޓިވަލް އަށް ބެލޫންތައް ގެންނަނީ ބޭރުގެ ފަރާތާކުންނެވެ. އަދި އެ ބެލޫންތައް އޮޕަރޭޓު ކުރަނީވެސް އެ ފަރާތުންނެވެ.