ވިޔަފާރި

މިލަންދޫ ސެލްފް ސާވިސް ބޭންކިން އޭޓީއެމްގެ ހުޅުވައިފި

May 3, 2017
1

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ހިދުމަތްތައް ރާއްޖޭގެ ހުރިހާ ސަރަހައްދަަކަށް ފުޅާ ކުރަން ކުރާ މަސައްކަތްތަކުގެ ތެރެއިން ށ. މިލަންދޫގައި ސެލްސް ސާވިސް ބޭންކިން އޭޓީއެމް ހުޅުވައި ހިދުމަތް ދޭން ފަށައިފި އެވެ.

މިއީ ރާއްޖޭގެ ސަރަހައްދުތަކަށް ހިދުމަތް ފުޅާކޮށް ވީހާވެސް ގިނަ ރައްޔިތުންނަށް ބޭންކިން ހިދުމަތްތައް ފަސޭހަކަމާއެކު ލިބޭނެ ގޮތް ހެދުމަތް ބޭންކުން ފަށާފައިވާ 300 މިލިއަން ރުފިޔާގެ އިންވެސްޓްމަންޓް ޕްރޮގްރާމްގެ ދަށުން ދޭން ފެށި ހިދުމަތެކެވެ.

ބީއެމްއެލްއިން ބުނީ، އާންމުކޮށް ފައިސާ ނެގުމަށް އޭޓީއެމް ބޭނުންކުރަމުންދިޔަ ކަމުގައިވިޔަސް އެ އޭޓީއެމް މެދުވެރިކޮށް އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކަށް ފައިސާ އަދި ޗެކް ޖަމާކުރުމާއި ޓްރާންސްފާ ކުރުމުގެ ހިދުމަތްވެސް 24 ގަޑިއިރު ލިބިގެންދާނެ ކަމަށެވެ.

ހިދުމަތް އިފްތިތާހު ކޮށްދެއްވާފައިވަނީ މިއަދު މިލަންދޫގައި ބޭއްވި ރަސްމިއްޔާތެއްގައި ޑިރެކްޓާ އޮފް ބީއެމްއެލް އިސްލާމިކް ޒުލްގަރްނައިން ބިން ތަމަން އެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޒުލްގަރްނައިން ވިދާޅުވީ އެންމެ ޒަމާނީ ސެލްފް ސާވިސް ބޭންކިން އޭޓީއެމްއަކާއެކު މިލަންދޫގެ އާބާދީއަށް ހިދުމަތް ފޯރުކޮށްދޭން ފެށުމަކީ ލިބޭ ވަރަށް ބޮޑު ހިތްހަމަޖެހުމެއް ކަމަށެވެ.

"މިއީ ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް ފުޅާ ދާއިރާއެއްގައި ބޭންކިން ހިދުމަތްތައް ފޯރުކޮށްދިނުމަށް އަޅުގަނޑުމެން ފަށާފައިވާ އިންވެސްޓްމަންޓް ޕްރޮގްރާމްގެ ވަރަށް މުހިންމު ބައެއް." ޒުލްގަރްނަ ވިދާޅުވި އެވެ.

މުޅި ރާއްޖެ ހިމެނޭ ބޭންކިން ވިއުގަޔަކާއެކު 20 އަތޮޅުގައި 34 ބްރާންޗް، 86 އޭޓީއެމް، 4000 ޕީއޯއެސް މަރޗަންޓުން، 200 ކޭޝް އޭޖެންޓުން، 28 ސެލްފް ސަވިސް ބޭންކިން ސެންޓާ އަދި ފަސް ދޯނި ބޭންކިން ޔުނިޓުގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިން ހިދުމަތާއެކު ބޭންކް އޮފް މޯލްޑިވްސް ގެ އަމާޒަކީ އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުން ކަމަށް އެ ބޭންކުން ބުނެ އެވެ.