ލައިފްސްޓައިލް

ކުޑަ ދަރިފުޅަށް ފޯނު ދިނުމުން ވާހަކަ ދެއްކުން ލަސްވޭ!

May 7, 2017

އެންމެ ތުއްތު އިރުން ފެށިގެން ދަރިފުޅަށް ދިއްކޮށްލެވެނީ މޯބައިލް ފޯނެވެ. ނުވަތަ އައިޕެޑް އެވެ. ގޭތެރޭގެ މަސައްކަތްތަކާއި އެހެން ކަންތައްތައް ކުރުމަށް ފުރުސަތެއް ލިބެނީ ދަރިފުޅު ނުރޮއެ އިންނަ ނަމަ އެވެ. އެހެން ކަމުން ކޮންމެވެސް ކަހަލަ ނާސަރީ ރައިމެއް ނުވަތަ ގޭމެއް އަޅުވާފައި ދެނީ އެވެ. އެއިން ކުއްޖާގެ ސިއްހަތަށް ގެއްލުން ލިބޭކަން ވެސް އެނގެ އެވެ. ނަމަވެސް އެ ނޫން ހައްލެއް ފެންނަ ކަމަށް ޒުވާން ބެލެނިވެރިންނަށް ގަބޫލު ވެސް ނުކުރެވެނީ ކަންނޭނގެ އެވެ.

ހޮސްޕިޓަލް ފޯ ސިކް ޗިލްރަން އިން ޓޮރޮންޓޯ އިން ދާދި ފަހުން ކުރިއަށް ގެންދިޔަ ދިރާސާއަކުން ދައްކާ ގޮތުގައި އެންމެ ތުއްތު އުމުރުން ފެށިގެން ސްމާޓް ފޯނު ނުވަތަ އައިޕެޑް ފަދަ އެއްޗެހި ދޭ ކުދިން ވާހަކަ ދައްކަން ފަށާލެއް ލަހެވެ. އުމުރުން 18 މަހުގެ 900 ކުދިން ބޭނުންކޮށްގެން ކުރިއަށް ގެންދިޔަ މި ދިރާސާގައި ކުދިންނަށް ސްމާޓް ފޯނު ދޭ ވަގުތުތައް ވަނީ ބަލާފަ އެވެ.

އެ އުމުރުގެ ކުދިން ވާހަކަ ދައްކަން ދަސްކޮށް ތަރައްގީ ވަމުން އަންނަ އައުން ސްމާޓް ފޯނާއެކު ކުދިން ހޭދަ ކުރާ ވަގުތާއި ވަރަށް ބޮޑަށް ގުޅިފައިވާ ކަމަށް މި ދިރާސާއިން ދައްކަ އެވެ. މި ދިރާސާގައި ކުދިންގެ ސަމާލުކަން ހޯދެނީ ވާހަކަ ދައްކައިގެންތޯ ނުވަތަ އިވޭ އެހެނިހެން އަޑުތަކަށްތޯ ބަލައި ދެނެގަނެފައިވެ އެވެ.

ސްމާޓް ފޯނުގެ ސްކްރީނަށް ކުދިންގެ ލޮލާއި ސަމާލުކަން ހުންނަ ކޮންމެ 30 މިނެޓަކަށް ކުއްޖާ ވާހަކަ ދެއްކުން ލަސް ވުމަށް 49 ޕަސަންޓުގެ ފުރުސަތު އޮންނަ ކަމަށް ދައްކަ އެވެ.

މި ދިރާސާ ކުރި ހޮސްޕިޓަލުން ބުނެފައިވަނީ އަދިވެސް މިފަަދަ އިތުރު ދިރާސާތަކެއް ކުރިއަށް ގެންދަން ޖެހޭ ކަމަށެވެ. އެއީ މި ދިރާސާ އިތުރަށް ޔަގީން ކުރުމަށް ކަމަށް ބުނެފައިވެ އެވެ.

ތުއްތު ކުދިން ސްމާޓް ފޯނާއި އައިޕެޑް ބޭނުންކުރާ މިންވަރު ދެނެގަތުމަށް 2013 ވަނަ އަހަރު ކުރިއަށް ގެންދިޔަ ދިރާސާއެއްގައި ބުނެފައިވަނީ އުމުރުން ދެ އަހަރުން ދަށުގެ ކުދިން 2011 ވަނަ އަހަރުން ފެށިގެން 2013 ވަނަ އަހަރަށް 40 ޕަސަންޓު އިތުރުވެފައިވާ ކަމަށެވެ.

ސައިންސްވެރިން ބުނަނީ އުމުުރުން ދެ އަހަރު ވާން އަންނަ ދުވަސްވަރަކީ ވާހަކަ ދެއްކުމާއި މީހުންނާ ގުޅުން އުފެދޭ މިންވަރު އިތުރު ކުރަން ޖެހޭ އުމުރެއް ކަމަށެވެ. އެއީ ސޯޝަލީ ގޮތުން ކުއްޖާއަކީ ހަރަކާތްތެރި ކުއްޖަކަށް ވުމަށް މަގުފަހި ކުރުވާ ކަމަކަށްވާތީ އެ އުމުރުގައި ވީހާވެސް ގިނައިން ކުއްޖާ އާއި ވާހަކަ ދައްކަން ޖެހޭ ކަމަށެވެ.