ސިވިލް ކޯޓް

ސިވިލް ކޯޓްގެ ބައެއް ސެކްޝަންތަކުގެ ޝަރީއަތްތައް މެދުކެނޑިއްޖެ

މާލެއަށް މިއަދު ކުރި ވިއްސާރައިގައި ސިވިލް ކޯޓުގައި ޝަރީއަތް ކުރާ ބައެއް މާލަން ތަކަށާއި އެ ކޯޓްގެ ބައެއް ސެކްޝަންތަކުގެ ތެރެއަށް ވާރޭވެހި ބޮޑެތި ގެއްލުންތައް ލިބުމާ ގުޅިގެން އެ ކޯޓްގެ ބައެއް ސެކްޝަންތަކުގެ ޝަރީއަތްތައް ވަގުތީ ގޮތުން މެދުކަނޑާލައިފި އެވެ.

މިއަދު ހަވީރު އައި ކޮޅިގަނޑަކާއެކު މާލެއަށް ބޯކޮށް ވާރޭ ވެހުނު އިރު ސިވިލް ކޯޓުގެ ފުރާޅުން ކޯޓުގެ ތެރެއަށް ފެންބޮޑުވުމުގެ ސަބަބުން ކޯޓްގެ ބައެއް ސިސްޓަމްތަކަށާއި ލިޔެކިޔުންތަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށް އެ ކޯޓުން މިރޭ ވަނީ ބުނެފަ އެވެ.

ބުނީ މިއަދު ކުރި ވިއްސާރައިގެ ސަބަބުން ސިވިލް ކޯޓުގެ ބައެއް ސެކްޝަންތަކަށާއި ޝަރީއަތް ހިންގާ ބައެއް މާލަންތަކަށް ބޮޑެތި ގެއްލުންތައް ލިބުމުގެ ސަަބަބުން އެ ސެކްޝަންތަކުގެ ޝަރިއަތްތަކާއި އިދާރީ މަސައްކަތްތައް ކުރިއަށް ގެންދެވެން ނެތި އެކަންކަން ހައްލު ކުރެވެންދެން ހިދުމަތްތައް މެދުކަނޑާލާފައިވާ ކަމަށެވެ.

ގެއްލުން ލިބުނު ތަކެއްކާއި ތަންތަން މަރާތު ކުރެވުމުން އަލުން ހިދުމަތް ފަށާނެ ކަމަށް ވެސް އެ ކޯޓުން ބުންޏެވެ. މިއަދު ވާރޭ ވެހި ގެއްލުން ވެފައި ވަނީ އެ ކޯޓުންޖަސްޓިސް ބިލްޑިންގުގައި ހިންގާ ބަަޔަށެވެ. ޖަސްޓިސް ބިލްޑިންގަކީ ވަރަށް ގިނަ ދުވަސްވެފައިވާ އިމާރާތަކެވެ.