ހަބަރު

މިރޭ 12 އިން ފެށިގެން ކުރިއެކޭ އެއްގޮތަށް އާސަންދަ ލިބޭނެ: އޭޑީކޭ

May 11, 2017

ސިއްހީ ހެލްތް އިންޝްއަންސް، އާސަންދައިގެ ސްކީމްގެ ހިދުމަތް މިރޭ 12:00 އިން ފެށިގެން އަލުން ލިބެން ފަށާނެ ކަމަށް ރާއްޖޭގައި މިވަގުތު ހުރި އެންމެ ބޮޑު ޕްރައިވެޓް ހޮސްޕިޓަލް، އޭޑީކޭ އިން ބުނެފި އެވެ.

ސިއްހީ ހެލްތް އިންޝްއަރެންސް ސްކީމްގެ ބޯޑުން ނިންމައިގެން މި މަހުގެ ހަ ވަނަ ދުވަހުގެ ރޭގެ މެންދަމުގެ ވަގުތުން ފެށިގެން އާސަންދައިގެ ދަށުން ހިދުމަތް ދިނުން އަމިއްލަ ހޮސްޕިޓަލްތަކުން ވަނީ ހުއްޓާލައިފަ އެވެ. އެހެން ނަމަވެސް ރައީސް އަބްދުﷲ ޔާމީންގެ އެންގެވުމަކަށް އޭގެ އަނެއް ދުވަހު ޕްރައިވެޓް ހޮސްޕިޓަލްތަކުން ވެސް އާސަންދަ ދިނުމަށް ވަނީ ނިންމައިފަ އެވެ. އެއާ އެކު އޭޑީކޭ ފިޔަވާ އެހެން ޕްރައިވެޓް ހޮސްޕިޓަލްތަކުން އާސަންދައިގެ ދަށުން ހިދުމަތް ދޭން ފެށި އެވެ.

އޭޑީކޭ އިން މިރޭ ނެރުނު ބަޔާނެއްގައި ބުނީ އާސަންދަ ކުންފުންޏާ އެކު މިއަދު އެއްބަސްވުމަކަށް އާދެވިފައިވާ ކަމަށެވެ. އެހެން ކަމުން މިރޭ 12:00 އިން ފެށިގެން ކުރިއެކޭ ވެސް އެއްގޮތަށް އާސަންދައިގެ ހިދުމަތް ދޭނެ ކަމަށް އޭޑީކޭ އިން ބުންޏެވެ. އާސަންދަ މެދުކެނޑުނު ދުވަސްތަކުގައި ބަލިމީހުން އުފުލަން ޖެހުނު އުނދަގުލާއި ތަކްލީފްތަކަށް އޭޑީކޭއިން ވަނީ މާފަށް އެދިފަ އެވެ.

އޭޑީކޭއާ އިން އާސަންދައާ އެކު އެއްބަސްވުމަކަށް އަންނަން ވަގުތު ނެގީ އެ ހިދުމަތް މެދުކަނޑާލަން އެންގި އިރު އޭޑީކޭއާ އެކު ވެފައިވާ އެއްބަސްވުން ހަމަވެފައި އޮތުމުން އާ އެއްބަސްވުމެއް ހަދަން ޖެހުމުންނެވެ.