އާސަންދަ

އާސަންދައިގެ ދަށުން އައިވީއެފް ހެދުމަށް ފުރުސަތު ހުޅުވާލައިފި

އާސަންދައިގެ ދަށުން އައިވީއެފް އަދި އައިޔޫއައި ހެދުމަށް އެހީ ބޭނުންވާ މީހުންނަށް އެ ފުރުސަތު ހުޅުވާލައިފި އެވެ.

އެންސްޕާއިން އިއްޔެ ކޮށްފައިވާ އިއުލާނެއްގައި ވަނީ އައިޔޫއައި އަދި އައިވީއެފް ހެދުމަށް ދައުލަތުގެ އެހީތެރިކަން ބޭނުންވާ މީހުން މިއަހަރުގެ މެއި 15 ދުވަހުގެ ކުރިން ފޯމު ހުށަހެޅުމަށް އެދިފަ އެވެ.

އިއުލާންގައިވާ ގޮތުން މިއަހަރު މި ފުރުސަތު ދިނުމަށް ހަމަޖެހިފައިވަނީ ކުރިމަތިލާ މީހުންގެ ތެރެއިން ޝަރުތު ހަމަވެ، އެންމެ ގިނަ ޕޮއިންޓް ލިބޭ 100 ދެމަފިރިންނަށެވެ. އައިވީއެފްގެ ފަރުވާ ރާއްޖެއިން ބޭރުން ހޯދުމަށްވެސް އާސަންދަ ހަމަޖެހޭނެ ކަމަށް އެންސްޕާ އިން ބުނެ އެވެ.

އާސަންދަ އިން އެހީ ހޯދައިގެން އައިވީއެފް ހެދުމަށް ބޭނުންވާ މީހުންނަށް އެހީ ދިނުމުގައި އަމަލުކުރާނެ ގޮތްތަކެއް ހިމެނޭ އުސޫލެއް ކުރިން ވަނީ އާންމުކޮށްފަ އެވެ.

އުސޫލުގައިވާ ގޮތުން އާސަންދަ މެދުވެރިކޮށް އައިވީއެފް ހަދަން ހުށަހެޅޭނީ ކައިވެނި ކުރިތާ ތިން އަހަރުވެފައިވާ ދެމަފިރިންނަށެވެ. އެމީހުންނަށް އާސަންދަ އިން ފަރުވާ ކުރަން ބޭނުންވާނަމަ ހުށަހެޅޭނީ ތިން ފަހަރު ކަމަށާއި އަދި އަމިއްލަ ހަރަދުގައިވެސް އައިވީއެފް ތިން ބުރު ފުރިހަމަކޮށްފައި ހުރެގެން ނުވެ އެވެ.

އުސޫލުގައިވާ ގޮތުން އައިވީއެފް ހެދުމަށް ހުށަހެޅޭނީ އަންހެން މީހާގެ އުމުރު 30-41 އަހަރުގެ އުމުރުފުރާއެއްގައި ހުރެފައި ފިރިމީހާގެ އުމުރު 55 އަހަރަށް ވުރެ މަތި ނުވާނަމަ އެވެ. ނަމަވެސް އަނބިމީހާގެ އުމުރުން 25 އަހަރުވުމުން އައިވީއެފް ހެދުމަކީ އެ އަންހެން މީހާގެ ސިއްހީ ހާލަތު ހުރި ގޮތުން މާބަނޑުވުމަށް އެންމެ ރަނގަޅު ގޮތް ކަމަށް ސްޕެޝަލިސްޓަކު ލަފާ ދެއްވައިފިނަމަ އެފަދަ މީހަކަށްވެސް އައިވީއެފް ހެދުމަށް ހުށަހެޅި ދާނެ އެވެ.

މީގެއިތުރުން ގުދުރަތީ ގޮތުން ދަރިމައިވުމަށް ހުރަސްއެޅޭ ކަހަލަ ސިއްހީ ސަބަބެއް މެދުވެރިވުމާއި ނުވަތަ ސަބަބު ދެނެނުގަނެވި، ދަރިމައިވުމަށް ފާއިތުވި ތިން އަހަރު ނުކުޅެދިފައިވާ މީހުންނަށްވެސް އައިވީއެފް ހެދުމަށް ހުށަހެޅިދާނެ އެވެ. އައިވީއެފް ހެދުމަށް އާސަންދަ އިން އެހީ ހޯދުމަށް ބޭނުންވާ ދެމަފިރިން އެހީ ހޯދުމަށް ހުށަހެޅުމުގެ ހަ މަސް ދުވަސް ކުރިން ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓާލުމަށްވެސް އުސޫލުގައި ލާޒިމުކޮށްފައިވެ އެވެ.

އާސަންދަ އިން އެހީ ދީގެން އައިވީއެފް ހެދުމަށް ފުރުސަތު ދިނުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދެކެވެ.