ހަބަރު

ރުހުން ދިންތާ ކުޑައިރުކޮޅެއްގެ ތެރޭގައި އުއްތަމަ ފަނޑިޔާރުގެ މަގާމަށް ސައީދު އައްޔަން ކުރައްވައިފި

Dec 14, 2014

އުއްތަމަ ފަނޑިޔާރުކަމުގެ މަގާމަށް އައްޔަން ކުރުމަށް ފަނޑިޔާރު އަބްދުﷲ ސައީދަށް ރައްޔިތުންގެ މަޖިލީހުން މިރޭ ރުހުން ދިންތާ ކުޑައިރުކޮޅެއްގެ ތެރޭގައި އޭނާ އެ މަގާމަށް އައްޔަން ކުރައްވައިފި އެވެ.

ކުރިން އިންތިގާލީ އުއްތަމަ ފަނޑިޔާރުކަން ވެސް ކުރެއްވި ސައީދު އުއްތަމަ ފަނޑިޔާރުގެ މަގާމަށް އައްޔަން ކުރެއްވީ މިރޭ ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގަ އެވެ. ސައީދަށް އުއްތަމަ ފަނޑިޔާރުކަމުގެ ހުވާ ލައި ދެއްވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދު މުހައްމަދެވެ.

ހުވާކޮށް ނިމުމުން ރައީސް އަބްދުﷲ ޔާމީން ވަނީ މަގާމުގެ ފަތްކޮޅު ސައީދަށް އަރުވައިފަ އެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު ފަހަކަށް މަދު ކުރުމުގެ ގޮތުން، އުއްތަމަ ފަނޑިޔާރަށް ހުންނެވި އަހުމަދު ފާއިޒު ހުސައިނާޢި ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާން އެ މަގާމުން ވަކިކުރަން މަޖިލީހުން މިއަދު މެންދުރު ވަނީ ފާސްކޮށްފަ އެވެ.