ރިޕޯޓް

ކާޑުގެ އަގު ހެޔޮ މިވީ ކިހާވަރަކަށް؟

May 18, 2017
1
  • ހަނޑޫ، ހަކުރު ބަސްތާއަކުން 60ރ. ހެޔޮވި
  • ފުށް ބަސްތާއަކުން 35ރ. ހެޔޮކޮށްފައިވޭ
  • ޒޯންތަކަށް އަގު ކަނޑައެޅުމުގައި ނާލު ހިމެނޭ

ކާޑަށް ކުރިން ދެމުން ދިޔަ ސަބްސިޓީ ކަނޑާލާފައި ވަނީ މިދިޔަ އަހަރު ނިމެން އުޅެނިކޮށެވެ. މި ބަދަލުގެ، ބޭނުމެއް ކަމަށް ސަރުކާރުން ބުނީ، ސަބްސިޑީ އަށް އެންމެ ބޭނުންވާ މީހުންނަށް އެ ދިނުމެވެ. މި ބަދަލާއެކު ކާޑުގެ އަގުތަކަށް ބަދަލު އައިތަން ފެނުމެވެ. ނަމަވެސް މި ބަދަލާއެކު، ރާއްޖެއަށް ކާޑު އެތެރެކުރާ ސަރުކާރު ކުންފުނިން ވައުދެއްވި އެވެ. އެ ވައުދަކީ ކާޑުގެ އަގު ހެޔޮކުރުމުގެ ވައުދެވެ. އެގޮތުން، އެ ކުންފުނިން ވަނީ މިދިޔަ މަހުގެ 20 ވަނަ ދުވަހުން ފެށިގެން ކާޑު ވިއްކާ އަގަށް ބަދަލު ގެނެސްފަ އެވެ. ސުވާލަކީ މި ބަދަލާއެކު ހެޔޮވެގެން ދިޔައީ ކިތަށް ރުފިޔާ ހެއްޔެވެ؟

އެސްޓީއޯ އިން އިއުލާނުކޮށްފައިވާ ގޮތުގައި، ކާޑުގެ ބާވަތްތަކުގެ އަގު ވަނީ 15 ޕަސެންޓް ހެޔޮފަ އެވެ. މި ބަދަލު ގެނެސްފައިވަނީ ބައެއް ހަރަދުތައް ކުޑަކޮށް ސަރުކާރުން ދޭ ޕޭމަންޓު ތަކަށް ބަދަލު ގެނެސްގެން ކަމަށް އެ ކުންފުނިން ބުނެފައިވެ އެވެ.

"ކާޑުގެ އަގުތައް ކުޑަ ކުރުމަށް ލޮޖިސްޓިކްސް އާއި ޕޭމަންޓް ޓާމްސް އަދި ސޯސް ކުރުމަށް ބަދަލުތަކެއް ގެނެސް ކާޑުގެ އަގުތައް ކުޑަ ކުރުމަށް ބަލަމުން ދިޔައިން. މިގޮތުން މިހާރަށް ވުރެ ރަނގަޅަށް ސޯސް ކުރުމާއި ލޮޖިސްޓިކް ހަރަދުތައް ކުޑަކުރުމާއި މިހާރު އެއްބަސްވެފައިވާ ޕޭމަންޓް ޓާމްސްތައް އަވަސް ކުރުން،" އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަހީރު ވިދާޅުވެފައިވެ އެވެ.

ކާޑު މިހާރު ވިއްކާ އަގު

  • ހަނޑޫ ބަސްތާއެއް 338ރ. އަށް، ކިލޯއެއް 6.7ރ. އަށް
  • ހަކުރު ބަސްތާއެއް 340ރ.އަށް، ކިލޯއެއް 6.8ރ. އަށް
  • ފުއް ބަސްތާއެއް 298ރ. އަށް، ވަކިން ކިލޯއެއް 5.26ރ. އަށް

ނަމަވެސް، ކާޑުގެ އަގު އެސްޓީއޯ އިން ހެޔޮ ކުރުމުން، ހަނޑުލާއި ހަކުރު ބަސްތާއަކުން 15 ޕަސެންޓް ވަނީ ދަށްވެފަ އެވެ. މި ބަދަލާއެކު ހަނޑުލާއި ހަކުރު ބަސްތާއަކުން 60ރ. ހެޔޮވެފައިވެ އެވެ. އަދި ފުއް ބަސްތާއަކުން 12 ޕަސެންޓް ހެޔޮކޮށްފައިވެ އެވެ. މި ބަދަލުގެ ސަބަބުން ފުއް ބަސްތާ އަކުން 35ރ. ހެޔޮވި އެވެ.

އަގަށް އެސްޓީއޯއިން ގެންނައި ބަދަލާއެކު ކުރިން 398ރ. އަށް ވިއްކި ހަނޑޫ ބަސްތާއެއް މިހާރު ވިއްކަނީ 338ރ. އަށެވެ. އަދި ކުރިން 400ރ. އަށް ވިއްކި ހަކުރު ބަސްތާއެއްގެ މިހާރުގެ އަގަކީ 340ރ. އެވެ. އަދި ކުރިން 298ރ. އަށް ވިއްކި ފުއް ބަސްތާއެއްގެ އަގު ވަނީ 263ރ. އަށް ވެއްޓިފަ އެވެ.

އެސްޓީއޯގެ މި ބަދަލާއެކު، ކުރިން ކާޑު ވިއްކި އަގުތައް ވަނީ ބަދަލުވެފަ އެވެ. މި ބަދަލާއެކު، ކާޑުގެ ބާވަތްތައް ރަށްރަށުގައި ވެސް ވިއްކޭނެ އެންމެ މަތީއަގު ވަނީ އިކޮނޮމިކް މިނިސްޓްރީން ކަނޑައަޅާފަ އެވެ.

ޒޯން އެކެއް (ހއ، ހދ، ށ)

  • ހަނޑޫ ކިލޯއެއް: 7.78 ރުފިޔާ
  • ހަކުރު ކިލޯއެއް: 7.82 ރުފިޔާ
  • ފުށް ކިލޯއެއް: 6.28 ރުފިޔާ

ޒޯން ދެއެއް (ނ، ރ، ބ، ޅ، ކ، އއ، އދ، ވ، މ، ފ ދ، ތ)

  • ހަނޑޫ ކިލޯއެއް: 7.58 ރުފިޔާ
  • ހަކުރު ކިލޯއެއް: 7.62 ރުފިޔާ
  • ފުށް ކިލޯއެއް: 6.08 ރުފިޔާ

ޒޯން ތިނެއް (ލ، ގއ، ގދ، ޏ، ސ

  • ހަނޑޫ ކިލޯއެއް: 7.97 ރުފިޔާ
  • ހަކުރު ކިލޯއެއް: 8.01 ރުފިޔާ
  • ފުށް ކިލޯއެއް:6.47 ރުފިޔާ

މި ބަދަލު ގެނައުމުގައި ރާއްޖެ ތިން ޒޯންއަށް ވަނީ ބަހާލާފަ އެވެ. އަގުތައް ހިމެނުމުގައި މަޖޫރީންގެ އަގާއި ކާޑު އުފުލާ ބޯޓު ފަހަރަށް ނަގާ ނާލު އަދި އެހެނިހެން ހަރަދުތައް ވެސް ހިމަނާފައިވެ އެވެ.