އެމެރިކާ

ް

May 18, 2017

ރަޝިޔާގެ ފޮރިން މިނިސްޓަރު ސަރްގެއި ލަވްރޯވްއަށް އެމެރިކާގެ ސިއްރު މައުލޫމާތުތަކެއް އެ ގައުމުގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދެއްވި ކަމަށް ފެތުރުފައިވާ ހަބަރަށް ރަޝިޔާގެ ރައީސް ލަޑީމިއާ ޕުޓިން ޖޯކް ޖައްސަވައިފި އެވެ.

ރަޝިޔާގެ ފޮރިން މިނިސްޓަރު ސަރްގެއި ލަވްރޯވް އެމެރިކާއަށް ކުރެއްވި ދަތުރުފުޅުގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއެކު ބޭއްވެވި ބައްދަލުވުމުގައި އެމެރިކާގެ ސިއްރު މައުލޫމާތެއް ލަވްރޯވާ ހިއްސާކުރެއްވި ކަމަށް ނަން ހާމަ ނުކުރާ އޮފިޝަލަކާ ހަވާލާދީ އެމެެރިކާގެ މީޑިއާތަކުން ވަނީ ރިޕޯޓްކޮށްފަ އެވެ.

ލަވްރޯވް ވެސް އިންނެވި ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަަމުން ޕުޓިން އެއް މިޔަކަނުން ހިނިތުންވެވަޑައިގަންނަވަމުން ޕުޓިން ވިދާޅުވީ އެމައްސަލައިގައި ލަވްރޯވް ކުށްވެެރިކުރައްވަން ޖެހިވަޑައިގެެންފައިވާ ކަމަށެވެ.

"... އެހެނީ އޭނާ އަޅުގަނޑުމެންނަކާ ހިއްސާއެއް ނުކުރައްވާ މި ސިއްރުތަކެއް. އަޅުގަނޑަކާ ވެސް ރަޝިޔާގެ ޖާސޫސީ ހިދުމަތްތަކުގެ މަންދޫބުންނަކާ ވެސް. އެއީ އޭނާ ވަރަށް ގޯސްކޮށް ކުރެއްވިކަމެއް،" ބީބީސީން މިއަދު ޝާއިއުކުރި ވީޑިއޯގައި ޕުޓިން ވިދާޅުވެފައި ވެއެވެ.

ޕުޓިން އެހެން ވިދާޅުވުމުން ލަަވްރޯވްއާއި ރަޝިޔާގެ އެހެން އޮފިޝަލުން ހިނިފުޅުވެޑުވިއެވެ.

އެމެރިކާ ސަރުކާރުން ބޭނުންވާ ނަމަ ލަވްރޯވްއާއި ޓްރަމްޕްގެ ބައްދަލުވުމުގައި ދެއްކި ވާހަކަފުޅުތަކުގެ ޓްރާންސްކްރިޕްޓެއް އެމެރިކާ ކޮންގްރެސްއަށް ފޮނުއްވައިފާނެ ކަަމަށް ވެސް ޕުޓިން ވިދާޅުވި އެވެ.

ޓްރަމްޕް ސިއްރު މައުލޫމާތު ހިއްސާ ކުރެއްވީ ލަވްރޯވްއާއި އެމެރިކާގައި ހުންނަވާ ރަޝިޔާ ސަފީރު ސަރްގެއި ކިސްލިޔަކްއާއެކު ބޭއްވެވި ބައްދަލުވުމެއްގައި ކަމަށް އެ މުއާމަލާތާ ބެހޭ މައުލޫމާ ލިބިފައިވާ ދެ އޮފިޝަލުންނާ ހަވާލާދީ ރޮއިޓާސް ބުންޏެވެ.

ޓްރަމްޕް އެގޮތަށް އަމަލުކުރެއްވި ކަމަށް ބުނާ ރިޕޯޓް އެންމެ ފުރަތަމަ ޝާއިއުކުރީ އެމެރިކާގެ ވޮޝިންޓަންޕޯސްޓް ނޫހުންނެވެ. އެ ރިޕޯޓް ޝާއިއު ކުރުމާއެކު އެމެރިކާގެ ރިޔާސީ ގަނޑުވަރު ވައިޓްހައުސް އިން ވަނީ އެވާހަކަ ދޮގު ކޮށްފައެވެ.

ވައިޓްހަައުސްގައި ނޫސްވެރިންނާ ވާހަކަފުޅުދައްކަވަމުން ޓްރަމްޕްގެ ނެޝަނަލް ސެކިއުރިޓީ އެޑްވައިޒަރު އެޗްއާރް މެކް މާސްޓާ ވިދާޅުވީ ޓްރަމްޕާއި ލަވްރޯވް މަޝްވަރާ ކުރެއްވީ ދެ ގައުމަށް ދިމާވެފައިވާ އެކިއެކި ނުރައްކާތަކާބެހޭ ގޮތުން ކަމަށާއި އެގޮތުން މަޝްވަރާ ކުރެއްވި ދާއިރާތަކުގެ ތެރޭގައި ސިވިލް އޭވިއޭޝަން ދާއިރާ ހިމެނެ އެވެ.

"ޖާސޫސީ މަސްދަރުތައް ނުވަތަ ކަންތައްތައް ކުރާނެ ގޮތްތަކާބެހޭ ގޮތުން ބައްދަލުވުމުގެ އެއްވެސް ހިސާބެއްގައި މަޝްވަރާއެއް ނުކުރޭ. އާއްމުކޮށް މިހާރުވެސް ހާމަކޮށްފައި ނުވާ އެއްވެސް އަސްކަރީ އޮޕަރޭޝަނަކާ ބެހޭ މައުލޫތެއް ރައީސް ހާމައެއް ނުކުރައްވާ. އަހަރެެން އެ ކޮޓަރީގައި އިނިން. އެކަމެއް ނުހިނގާ،" ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަމުން މެކްމާސްޓާ ވިދާޅުވި ކަމަށް ރޮއިޓާސްގެ ހަބަރުގައި ވެއެވެ.

ޓްރަމްޕް ލަވްރޯވްއާ ސިއްރު މައުލޫމާތު ހިއްސާކުރެއްވި ކަމަށް ތުހުމަތު ކުރައްވާ އެއް އޮފިޝަލް ވިދާޅުވެފައި ވަނީ ޓްރަމްޕް ހާމަކުރެއްވި މައުލޫމާތަކީ މަދު އިންޓެލިޖެންސް އޮފިޝަލުން ކޮޅަކަށް ނޫނީ ނުހުޅުވޭ ވަކި ކޮމްޕާޓްމަންޓެއްގައި ރައްކާކޮށްފައިވާ މައުލޫމާތެއް ކަމަށެވެ. ޓްރަމްޕް އެމައުލޫމާތު ލަވްރޯވްއާ ހިއްސާ ކުރެއްވުމުން އޮފިޝަލުން ވަނީ އެމެރިކާގެ ސެންޓްރަލް އިންޓެލިޖެންސް އެޖެންސީ (ސީއައިއޭ) އާއި ނެޝަނަލް ސެކިއުރިޓީ އެޖެންސީއަށް އެކަން ވަގުތުން އަންގާފަ އެވެ.

އެމެރިކާގެ ރައީސްކަމުގައި ޓްރަމްޕް މިހައިތަނަށް ހޭދަ ކުރެއްވި މަދު ދުވަސްކޮޅުގެ ތެރޭގައި އޭނާ ވަނީ ހައިރާންވާ ފަދަ އެތައް ފިޔަވަޅުތަކެއް އަޅުއްވާފައެވެ. އެގޮތުން އެންމެ ފަހުން އެޅުއްވި އެންމެ މައްސަލަ ބޮޑު އެއް ފިޔަވަޅަކީ ފެޑެރަލް ބިއުރޯ އޮފް އިންވެސްޓިގޭޝަންސް (އެފްބީއައި) ގެ ޑިރެކްޓަރުކަމުގެ މަގާމުން ޖޭމްސް ކޯމޭ ވަކި ކުރެއްވުމެވެ. އެމެރިކާގެ އިދިކޮޅުފަރާތްތަކުން ތުހުމަތުކުރާ ގޮތުގައި ޓްރަމްޕް ކޮމޭ ވަކިކުރެއްވީ ޓްރަމްޕަަށް ރިޔާސީ އިންތިހާބު ކާމިޔާބުކޮށްދޭން ވެގެން ރަޝިޔާއިން އިންތިހާބަށް ނުފޫޒުފޯރުވި ކަމަށް ބުނާ މައްސަލައިގެ ތަހުގީގަށް ހުރަސް އެޅުއްވުމަށެވެ.