މޯލްޑިވްސް މީޑިއާ ކައުންސިލް

ނޫސްވެރިކަމުގެ އިނާމު ދިނުމުގެ އުސޫލު އެކުލަވާލައިފި

މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އިން ނޫސްވެރިކަމުގެ އިނާމް ދިނުމުގެ އުސޫލެއް އެކުލަވާލައި އާންމުކޮށްފި އެވެ.

އަލަށް އެކުލަވާލި އުސޫލުގައި އިނާމް ދޭނެ އާ ދާއިރާއެއް ވަނީ ހިމަނާފަ އެވެ. އެއީ ފީޗާ ލިޔުމުގެ ދާއިރާ އެވެ. ދެން އެވޯޑް ދިނުމަށް ހަމަޖެހިފައިވާ ދާއިރާތަކަކީ، އިޖުތިމާއީ ދާއިރާ، ސިޔާސީ ދާއިރާ، ޝަރުއީ ދާއިރާ، ވިޔާފާރީގެ ދާއިރާ، ކުޅިވަރުގެ ދާއިރާ، ފޮޓޯ ޖާނަލިޒަމްގެ ދާއިރާ އަދި ވީޑިއޯ ޖާނަލަޒިމްގެ ދާއިރާ އެވެ.

މި އަށް ދާއިރާގެ އިތުރުން ލައިފްޓައިމް އެޗީވްމަންޓް އިނާމާއި އެންމެ އުއްމީދީ ނޫސްވެރިޔާގެ އިނާމް ވެސް ދިނުމަށް ވަނީ ނިންމާފަ އެވެ.

މީގެ ކުރިން ނޫސްވެރިކަމުގެ އެވޯޑް ދެމުން އައީ ކޮންމެ އަހަރަކަށް ވެސް ވަކި ގަވައިދެއް ހަދައިގެންނެވެ. އާ އުސޫލު އެކުލަވައިލީ އެގޮތަށް އެކަން ކުރުމުގައި ދަތިތަކެއް ހުރުން ކަމަށް އެމްއެމްސީއިން ބުންޏެވެ.

އުސޫލުގައިވާ ގޮތުން އެވޯޑަށް މީޑިއާ ކައުންސިލް މެންބަރަކަށް ކުރިމައްޗެއް ނުލެވޭނެ އެވެ. އަދި އެވޯޑަށް ކުރިމަތިލެވޭނީ އެ މީޑިއާއެއްގައި އެންމެ މަދުވެގެން ނުވަ މަސް ދުވަހު މަސައްކަތް ކޮށްފައިވާނަމަ އެވެ. އެވޯޑްގައި ބައިވެރިކުރެވޭނީ މިދިޔަ އަހަރު އެ ނޫސްވެރިޔަކު ތައްޔާރުކޮށްފައިވާ ރިިޕޯޓާއި ވީޑިއޯ އަދި ފޮޓޯ އެވެ.

އެމްއެމްސީ އިން މީގެ ދެ އަހަރު ކުރިން ފެށި، ނޫސްވެރިކަމުގެ އެވޯޑަކީ ކޮންމެ އަހަރެއްގެ ވެސް މޭ ތިނެއް ގައި ފާހަގަކުރާ ނޫސްވެރިކަމުގެ މިނިވަން ދުވަހު ދޭ އެވޯޑެކެވެ. ނަމަވެސް މި އަހަރުގެ އެވޯޑް ދިނުން ލަސްވީ އުސޫލު އެކުލަވާ ނުލެވިގެންނެވެ.