ވިޔަފާރި

އެމްޓީސީސީ އަސާސީ ގަވާއިދަށް ބަދަލު ގެންނަން ސީއެމްޑީއޭގެ ހުރަސް!

May 18, 2017
2

އެމްޓީސީސީގެ އަސާސީ ގަވާއިދަށް ބަދަލު ގެންނަން ކުރާ އާއްމު ޖަލްސާ އަށް ހުށަހެޅި އިސްލާހު ކެޕިޓަލް މާކެޓް ޑިވްލޮޕްމަންޓް އޮތޯރިޓީ އޮފް މޯލްޑިވްސް (ސީއެމްޑީއޭ) އިން ހުއްޓުވައިފި އެވެ.

އެމްޓީސީސީގެ އަސާސީ ގަވައިދަށް އިސްލާހު ގެންނަން ހޮޓެލް ޖެންގައި މިރޭ ބޭއްވި ހާއްސަ ގޮތުން ކުރާ އާއްމު ޖަލްސާއަށް ހުށަހަޅާފައިވަނީ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުގައި ހިމެނޭ ޑިރެކްޓަރުންގެ އަދަދު 10 އިން ހަތަކަށް މަދު ކުރުމާއި ހިއްސާގެ މޫނުމަތީ އަގު ދަށް ކުރުމާއެކު ރައިޓްސް އިޝޫ ކުރުމެވެ. ނަމަވެސް ޖަލްސާ ބާއްވަން ކައިރިވެފައި ވަނިކޮށް ސީއެމްޑީގެ އެދުމުގެ މަތިން އެ އިސްލާހު ނުގެންނަ ގޮތަށް ވަނީ ނިންމާފަ އެވެ.

މި އިސްލާހާ ބެހޭ ގޮތުން ވާހަކަ ދައްކަވަމުން އެ ކުންފުނީގެ ޗެއާމަން އަހްމަދު ނިޔާޒް ވިދާޅުވީ އަސާސީ ގަވާއިދަށް އިސްލާހު ނުގެންނަން ނިންމީ ސީއެމްޑީއޭ އިން ފޮނުވި ސިޓީއަކާ ގުޅިގެން ކަމަށެވެ.

"ސީއެމްޑީއޭއިން ވިދާޅުވެފައިވަނީ ކޯޕަރޭޓް ގަވަނަންސްގެ މައްސަލަ ތަކެއް އެކަމުގައި ހުރި ކަމަށް. އެހެންވެ އެ އިސްލާހު ނުގެންނަން ނިންމީ،" ނިޔާޒު ވިދާޅުވި އެވެ.

އެމްޓީސީސީން މިރޭ ބޭއްވި ހާއްސަ ޖަލްސާއަށް 123 ހިއްސާދާރުން ހާޒިރުވެފައިވެ އެވެ. މިގޮތުން ޕްރޮކްސީ ހިފައިގެން ގޮސްތިބީ މީގެ ތެރެއިން 82 މީހެކެވެ.

އެމްޓީސީސީގެ ހާއްސަ ގޮތުން ކުރި އާއްމު ޖަލްސާގައި އަސާސީ ގަވައިދަށް އިސްލާހު ހުށަހަޅަން ނުނިންމި ނަމަވެސް އެ ކުންފުނީގެ ހިންގާ ގަވާއިދަށް ވަނީ އިސްލާހު ގެނެސްފަ އެވެ.