އެމްޓީސީސީ

އެމްޓީސީސީ އޭޖީއެމް މިމަހު 20 ގައި

Jun 8, 2021

އެމްޓީސީސީން ފަސް ކޮށްފައިވާ އަހަރީ އާއްމު ޖަލްސާ މި މަހުގެ 20 ވަނަ ދުވަހު ބާއްވަން ނިންމައިފި އެވެ.

އެމްޓީސީސީން ބުނީ އެ ކުންފުނީގެ މިދިޔަ އަހަރުގެ އަހަރީ އާންމު ޖަލްސާއަށް ކުންފުނީގެ ހިއްސާދާރުންނަށް ދައުވަތު އަރުވާ ކަމަށާ، ޖަލްސާ އޮންނާނީ މޯލްޑިވްސް ސެކިއުރިޓީޒް ޑިޕޮސިޓަރީގެ އޮންލައިން ވެބް އެޕްލިކޭޝަން "ފަހިވޯޓް" މެދުވެރިކޮށް 20 ވަނަ ދުވަހުގެ މެންދުރު ފަހު 1:00 ޖަހާއިރު ކަމަށެވެ.

އެ ޖަލްސާގައި ބައިވެރިވެވޭނީ މިމަހުގެ 19 ވަނަ ދުވަހުގެ ނިޔަލަށް ހިއްސާދާރުންގެ ދަފްތަރުގައި ރަޖިސްޓްރީ ކޮށްފައިވާ މީހުނަށެވެ.

ސަރުކާރުގެ އެންމެ ގިނަ މަޝްރޫއު ހިންގާ ކުންފުނީގެ އޭޖީއެމް ލަސްކުރީ ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ (ސީއެމްޑީއޭ) ގެ ހުއްދައާއެކު އެވެ. އެ އޮތޯރިޓީން ވަނީ މި މަސް ނިމުމުގެ ކުރިން އޭޖީއެމް ބާއްވަން އެ ކުންފުނީގައި އެދިފަ އެވެ.

އެމްޓީސީސީއަށް މިދިޔަ އަހަރު ވަނީ ރެކޯޑް އަދަދެއްގެ ފައިދާ ހޯދާފަ އެވެ. މިދިޔަ އަހަރު އެ ކުންފުންޏަށް ލިބުނު 1.3 ބިލިއަން ރުފިޔާގެ ތެރެއިން ފައިދާގެ ގޮތުގައި ލިބުނު 224.7 މިލިއަން ރުފިޔާ އިން ހިއްސާ އަކަށް ތިން ރުފިޔާ ބަހަން އަހަރީ އާންމު ޖަލްސާ އަށް ހުށަހަޅަން ބޯޑުން ނިންމާފައިވެ އެވެ.