މޫސުން

ފޮނަދޫ ނެރުމައްޗަށް ބޯއްޓެއް އަރައިފި

މާލެއިން ފުރައިގެން ލ. ފޮނަދޫއަށް ދިޔަ މުދާ އުފުލާ ބޯޓެއް ފޮނަދޫ ނެރުމަށްޗަށް އަރައިފި އެވެ.

އެމްއެންޑީއެފްއިން ބުނީ މާލެއިން މުދާ ބަރުކޮށްގެން ފޮނަދޫއަށް ދިޔަ ބޯޓު ނެރުމަށްޗަށް އެރީ މިރޭ 20:30 އެހާއިރު ކަމަށާއި އޭގައި ތިން ދިވެހިންނާއި ބިދޭސީންގެ ފަސް މީހަކު ތިބި ކަމަށެވެ. އޭގައި ގިނަ އަދަދަކަށް މުދާ ބަރުކޮށްފައި ވެސް ހުރި ކަމަށެވެ.

މަތަންޖީ" ބޯޓު ފޮނަދޫ ނެރުމަށްޗަށް އެރިކަމުގެ މައުލޫމާތު ލިބިފައިވަނީ މިރޭ 20:45 އެހާއިރު ކަމަށް އެމްއެންޑީއެފްއިން ބުންޏެވެ. އެމްއެންޑީއެފްއިން އިތުރަށް ބުނީ އެ ހަބަރު ލިބުމާއެކު ކޯސްޓްގާޑުން އެ ސަރަހައްދަށް ގޮސް އޭގައި ތިބި މީހުންނާއި މުދާ ފޮނަދޫއަށް ބާލާފައިވާ ކަމަށެވެ. އަދި ބޯޓުގެ ވެރިފަރާތާ ގުޅިގެން އެ ބޯޓު ފުންކުރުމުގެ މަސައްކަތުގައި ސިފައިން ހަރަކާތްތެރިވަމުންދާ ކަމަށެވެ.

ހުޅަނގު މޫސުމުގައި ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި އިއްޔެ ކަންނެލި ދޯންޏެއް އަޑިއަށް ގޮސް ފައިވާއިރު ހަ މީހުނާއެކު ދަތުރު ކުރަމުންދިޔަ ކޮޅުވެއްޓި އެއް ވަނީ ގެއްލިފަ އެވެ. މީގެ އިތުރުން 21 މީހުނާއެކު ދަތުރު ކުރި މަސް ދޯންޏެއްވެސް ވަނީ ގިރިއަކަށް އަރައިފަ އެވެ. މޫސުން ގޯސްވުމާ ގުޅިގެން ކަނޑު ދަތުރުފަތުރު ކުރުމުގައި ރައްކާތެރި ފިޔަވަޅުތައް އަޅައި ސަމާލުވުމަށް މޫސުމާބެހޭ އިދާރާ އާއި ސަލާމަތީ ހިދުމަތްދޭ ފަރާތްތަކުން ވަނީ އިލްތިމާސްކޮށްފަ އެވެ.