ބޮލީވުޑް

ޝާހްރުކްގެ ބަތަލާގެ ރޯލު އާލިއާ ދޫކޮށްލީ؟

May 22, 2017

ސުޕަސްޓާ ޝާހްރުކް ޚާން ދެން އެންމެ އަވަހަށް ޝޫޓިން ފަށާ ޑައިރެކްޓަރު އަނަންދް އެލް ރާއީގެ ފިލްމުގެ ވާހަކަ ދެކެވެމުން އަންނަތާ ލައްކަ ދުވަސްވެއްޖެ އެވެ.

ޝާހްރުކް މި ފިލްމުގައި ޑްވާފެއްގެ ރޯލުން ފެނިގެންދާއިރު، ފިލްމުގެ އޭނާ އާއެކު ބަތަލާގެ ރޯލުން ފެނިގެންދާނީ ކެޓްރީނާ ކައިފް އާލިއާ ބަޓް އެވެ. އާލިއާ އަށް މި ރޯލު ލިބުނީ ކުރިން މި ރޯލު ކުޅެން ހަމަޖެއްސި ބަތަލާ ދިޕިކާ ޕަދުކޯން ކުޅެމުން އަންނަ ފިލްމު "ޕަދްމާވަތީ" ގެ ޝޫޓިންއާ ހެދި ވަގުތު ނެތް ކަމަށް ބުނެ މި ފިލްމު ދޫކޮށްލުމުންނެވެ.

މި ފިލްމުގެ ޝޫޓިން ފެށުމުގެ އެންމެ ފަހުގެ ތައްޔާރީތައް ވަމުން އަންނައިރު، އާލިއާ ފިލްމުގެ ބަތަލާގެ ރޯލުން ދޫކޮށްލާފައިވާ ކަމުގެ ވާހަކަތަކެއް އަންނަނީ ދެކެވެމުންނެވެ.

ޝާހްރުކް އެކޭ އެއްގޮތަށް އާލިއާ ވެސް މި ފިލްމުގައި ކުޅެން ހަމަޖެހިފައި އޮތީ ޑްވާފެއްގެ ރޯލެވެ. ނަމަވެސް އެހެން ފިލްމުތަކަށް ވަގުތު ދޭން ޖެހި މި ފިލްމަށް ވަގުތު ދެވެން ނެތުމުން އާލިއާ މިވަނީ މި ފިލްމު ދޫކޮށްލާފަ އެވެ.

މާޗް މަހުގެ ތެރޭގައިި ނިކުތް "ބަދްރިނާތްކީ ދުލްހަނިޔާ" އިން އެންމެފަހުން ފެނިގެންދިޔަ އާލިއާ މިހާރު އަންނަނީ ރަންބީރު ކަޕޫރާ އެކު ކުޅޭ ސުޕަހީރޯ ފިލްމު "ޑްރެގަން" އަށް ތައްޔާރުވަމުންނެވެ.

އަދި ނަމެއްދީފައިނުވާ މި ފިލްމުގެ ޓީމުގައި ހިމެނޭ މީހަކު ނޫސްތަކަށް ބުނެފައިވަނީ ފިލްމުގެ މަސައްކަތް ނުފެށި ލަސްވަނީ މި ފިލްމުގައި ލީޑްރޯލުން ފެނިގެންދާ ތަރިން ކުޅޭ ރޯލުތަކަކީ އުނދަގޫ ރޯލުތަކަށް ވުމުން އެ ރޯލުތަކަށް ތައްޔާރުވާން ވަގުތު ބޭނުންވާތީ ކަމަށް ބުނެފަ އެވެ.

"މި ފިލްމަކީ މިހާތަނަށް ޑައިިރެކްޓްރު އަނަންދު އުފައްދާ އެންމެ އުނދަގޫ ފިލްމު. ފިލްމުގެ ރޯލުތަަކަކީ އުނދަގޫ ރޯލުތަކަށް ވުމުން ތަރިން ވަރަށް ގިނަ ވަގުތު ބޭނުންވޭ ތައްޔާރުވާން. އަދި ފިލްމުގެ ޝޫޓިން ނިންމާލެވޭނީ ވެސް ވަރަށް ދުވަހުން،" ފިލްމުގެ ފަރާތުން ވާހަކަދެއްކި ފަރާރުން ބުނެފައިވެ އެވެ.

އެންމެފަހު ވަގުތު އާލިއާ މި ފިލްމު ދޫކޮށްލުމުން ފިލްމު އުފައްދާ ފަރާތަށް މިވަނީ އިތުރު ބަތަލާއެއް ހޯދަން ޖެހިފަ އެވެ. ފިލްމުގެ އަނެއް ބަތަލާ ކެޓްރިނާ އަތުގައި ފުލުފުލުން ކުޅެން ފިލްމުތައް އެބަހުއްޓެވެ. އޭނާ މިހާރު ސަލްމާން ޚާން އާއެކު "ޓައިގާ ޒިންދާހޭ" ކުޅެމުން އަންނައިރު އާމިރް ޚާން އާއި އަމީތާބް ބައްޗަން އާއެކު ކުޅޭ "ތަގްސް އޮފް ހިންދޮސްތާން" ހިމެނެ އެވެ.

އާލިއާ ވަނީ މިދިޔަ އަހަރު ނިކުތް "ޑިއާ ޒިންދަގީ" އިން ޝާހްރުކް އާއެކު ފެނިގެން ގޮސްފަ އެވެ.