އުރީދޫ ރާއްޖެގައި މުއާސަލާތީ ހިދުމަތް ފެށުން ވެގެން ދިޔައީ، ރާއްޖޭގެ ކޮމިއުނިކޭޝަން ދާއިރާއަށް ކުރިމަތިވި އެންމެ ބޮޑު އިންގިލާބަށެވެ. ނަމަވެސް އޭރުވެސް ދިވެހިން ދުއްގޮތުގައި އުރީދޫއަކީ ބޭރުގެ ކުންފުންޏެކެވެ. އެހެންވެ އެ ކުންފުންޏާއި ދިވެހިން ތިބީ "ތަންކޮޅެއް ދިރުގަ" ގަ އެވެ. އެހެންވެ އުރީދޫން މިވަނީ ދިވެހިންގެ ހިއްސާ އެ ކުންފުނީގައި ހިމެނުމަށް ދިގު ފިޔަވަޅެއް ނަގާފަ އެވެ. އެގޮތުން އެ ކުންފުނީގެ ހިއްސާ އާއްމުކޮށް ދަނީ ވިއްކަން ފަށާފަ އެވެ. ސުވާލަކީ އުރީދޫ ގަންނަން ޖެހޭ ސަބަބަކީ ކޮބައި ހެއްޔެވެ؟
"ރާއްޖޭގެ ސްޓޮކް މާކެޓުގައި ލިސްޓުކޮށްފައި ހުރި ކުންފުނިތަކުގެ ތެރެއިން ހަމައަކަނި އޮތް މަލްޓިނޭޝަނަލް ކުންފުންޏަކީ އަޅުގަނޑުމެން [އުރީދޫ] އަދި މިއީ ޓެލެކޮމް ކުންފުންޏެއް. މި ދާއިރާ މިހުރީ ކުރިއަށް. ޓެލެކޮމް ކުންފުންޏެއްގައި އިންވެސްޓް ކުރުމަކީ ދުނިޔޭގެ ލެވަލްގައި ކުރެވޭނެ އެންމެ ބޮޑު އިންވެސްޓަށްވާނެ،" އުރީދޫ މޯލްޑިވްސް ހެޑް އޮފް ސޭލް ހުސެއިން ނިޔާޒު "އަވަސް" އަށް ވިދާޅުވި އެވެ.
އުރީދޫ ގްރޫޕުގައި 138 މިލިއަން ކަސްޓަމަރުން ހިމެނެ އެވެ. އަދި އުރީދޫ ގްރޫޕުގެ އަގަކީ ގާތްގަނޑަކަށް 3.1 ބިލިއަން ޑޮލަރެވެ. މި ގްރޫޕުން ހިދުމަތްދޭ ގައުމުތަކުގެ ތެރޭގައި ފަލަސްތީނާއި އޮމާން އަދި އަލްޖީރިއާ އާއި ޓިއުނީޝިޔާ އަދި އިރާގާއި އަލްޖީރިއާ އަދި އިންޑޮނޭޝިޔާ ހިމެނެ އެވެ. އުރީދޫ މޯލްޑިވްސް އިން ރާއްޖޭގައި ހިދުމަތް ފަށާފައިވަނީ 2005 ވަނަ އަހަރު އެވެ. ދެހާސް ހަ ވަނަ އަހަރު އުރީދޫން ފުރަތަމަ ފަހަރަށް އެސްއެމްއެސް މެދުވެރިކޮށް މައުލޫމާތު ފޯރުކޮށް ދޭން ފެށިއެވެ. މީގެ އިތުރުން ތްރީީޖީ އާއި ފޯޖީ އަދިރާއްޖޭގަައި މޮބައިލް މަނީގެ ހިދުމަތް ތައާރަފުކޮށްފަ އެވެ. މީގެ އިތުރުން އިންޓަނެޓުގެ ހިދުމަތް ފަށަން އެ ކުންފުންޏަށް ލައިސަންސް ލިބުމާއެކު "ސުޕަނެޓު" ގެ ހިދުމަތް މިދިޔަ އަހަރު ވަނީ ފަށާފަ އެވެ.
އުރީދޫ ހިއްސާ ވިއްކުން
އެގާރަ އަހަރު ކުރިން ރާއްޖޭގައި ހިދުމަތް ފެށި އުރީދޫން ފުރަތަމަ ވިއްކަން ނިންމާފައިވަނީ 59.1 މިލިއަން ހިއްސާ އެވެ. އަދި އެ އަދަދަށް ވިކިއްޖެނަމަ އެ ކުންފުންޏަށް 1.7 ބިލިއަން ރުފިޔާ ހޯދޭނެ އެވެ. މިގޮތުން އެ ކުންފުނިން ފުރަތަމަ ވިއްކަން ހުޅުވާލާފައިވަނީ 22 މިލިއަން ހިއްސާ އެވެ.
އުރީދޫ ގްރޫޕްގެ ޑެޕިއުޓީ ސީއީއޯ ވަލީދު މުހައްމަދު އަލް ސައްޔިދު ވިދާޅުވީ ދުނިޔޭގެ އެކި ގައުމުތަކުގައި ހިންގާ އެ ގްރޫޕްގެ ހުރިހާ އޮޕަރޭޝަންތަކުގެ ތެރެއިން އެންމެ ބޮޑު ކުރިއެރުމެއް ހޯދާފައިވަނީ ރާއްޖެ ކަމަށެވެ.
"މިއީ [އުރީދޫ] އަކީ ދިވެހިންނަށް ފައިދާ ހޯދައިދޭނެ ކުންފުންޏެއް. އެ ޔަގީންކަން އަޅުގަނޑު ތި ހުރިހާ ބޭފުޅުންނަށާއި ދިވެހިންނަށް ދެން،" ވަލީދު ވިދާޅުވި އެވެ.
އުރީދޫގެ ހިއްސާގެ ތެރެއިން ކޮންމެ މީހަކު މަދުވެގެން ގަނެވޭނީ 50 ހިއްސާ އެވެ. އެއީ 30ރ ގެ މަގުން 1،500ރ. އެވެ.
އުރީދޫ ހެޑް އޮފް ސޭލްސް ހުސެއިން ނިޔާޒު ވިދާޅުވީ ހިއްސާގެ އަގު ކަނޑައެޅުމުގައި ދިވެހިންގެ އާމްދަނީއަށް ވަރަަށް ބޮޑަށް ބެލި ކަމަށެވެ.
"އާއްމުކޮށް ދިވެހިންގެ އާމްދަނީ މިއުޅެނީ 3،000-5،000ރ. އާ ދެމެދު. މަސްވެރިން އަށްވުރެ ގިނައިން ލިބޭ. ސަތޭކަ ޝެއާ އެބަލިބޭ 3،000ރ. އަށް. މާކަ ދަތިކަމެއް ނޫން މި ގަނެލާފަ ބައިންދާކަށް،" ނިޔާޒު ވިދާޅުވި އެވެ.
ހިއްސާގެ ފައިދާ އަށް ލިބޭނީ ކިހާ ވަރެއް؟
ހިއްސާގެ ތަޖުރިބާ ކުރިން މާކަ ރަނގަޅެއް ނޫނެވެ. އެކަމަށް ކުރި ހޭދަ ލިބުނު ނަމަވެސް މާބޮޑު ފައިދާއެއް ވި ކަމަށް ގަބޫލެއް ނުކުރެ އެވެ. އެހެންވެ އުރީދޫ ހިއްސާއަށް ދާއިރު އެ ސުވާލު މީހުންގެ ހިތުގައި އުފެދޭނެ އެވެ. ސުވާލަކީ އުރީދޫ ހިއްސާ އިން ކިހާވަރެއްގެ ފައިދާއެއް ލިބޭނެ ހެއްޔެވެ؟
ސޭލްސް ހެޑް ހިޔާޒު ވިދާޅުވީ ހިއްސާ ގަންނަ މީހުންނަށް ފައިދާގެ ގޮތުގައި ފުރަތަމަ އަހަރު ވެސް 10 ޕަސެންޓް ލިބޭނެ ކަމަށެވެ.
"އަށް އަހަރު ތެރޭގައި ޝެއާ ޑަބަލް ވެގެންދާނެ. އެހެންވެ މިއީ މުހިންމު ކަމެއް. މިހާރު އަޅުގަނޑުމެން އަންދާޒާ ކުރަން 2021 ވަނަ އަހަރު 16 ޕަސެންޓަށް އަރާނެ ކަމަށް،" ނިޔާޒު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ގިނައިން ހިއްސާ ވިއްކަނީ އާއްމުން ކަމަށެވެ.
"ކުންފުނިތަކަށް ވުރެ ގިނައިން މި ގަންނަނީ އާއްމުން. އާއިލާތަކުން،" ނިޔާޒު ވިދާޅުވި އެވެ.
ހިއްސާ ގަންނާނީ ކިހިނެއް؟
އުރީދޫގެ ހިއްސާ ގިނަ ތަންތަނުން ގެނެވޭނެ އެވެ. މީގެ އިތުރުން އެންމެ ފަސޭހައިން ގަނެލެވޭނީ މޯލްޑިވްސް ސްޓޮކް އެކްސްޕޭޖުން ފަރުމާކޮށްފައިވާ ވެބްސައިޓް މެދުވެރިކޮށެވެ.