ހަބަރު

ދެމެހެއްޓެނިވި ޓޫރިޒަމެއް އޮންނާނީ ތިމާވެށި ހިމާޔަތް ކޮށްގެން: ތޯރިގް

ރާއްޖޭގެ ފަތުރުވެރިކަން ދެމެހެއްޓެނިވި ގޮތެއްގައި ބާއްވަން ތިމާވެށި ހިމާޔަތް ކުރުމަކީ އެންމެ މުހިންމު އެއް އަސާސް ކަމަށް ތިމާވެއްޓާބެހޭ މިނިސްޓަރު ތޯރިގު އިބްރާހިމް މިއަދު ވިދާޅުވެއްޖެ އެވެ.

ބައިނަލް އަގުވާމީ ދިރޭތަކެތީގެ ނަސްލުތަކުގެ ދުވަހާއި ގުޅިގެން މިނިސްޓަރު ވިދާޅުވީ ފަތުރުވެރިކަން ދެމެހެއްޓެނިވި ގޮތެއްގައި ގާއިމް ކުރަން ތިމާވެއްޓަށް ލިބޭ ގެއްލުން ކުޑަކޮށް ދެމެހެއްޓެނިވި ގޮތެއްގައި އެ ސިނާއަތް ބައްޓަން ކުރުން މުހިންމު ކަމަށެވެ. އެގޮތުން ގެއްލުން ލިބިފައިވާ ދިރޭތަކެތީގެ މާހައުލުތައް އަލުން އާރާސްތު ކުރުމާއި ތިމާވެށީގެ ނާޒުކު ސަރަހައްދުތައް ހިމާޔަތްކޮށް ފަތުރުވެރިކަމުގެ ސިނާއަތުގެ ތެރެއިން ދިރޭތަކެތީގެ ނަސްލާއި ގުޅޭގޮތުން ހޭލުންތެރިކަން އިތުރު ކުރުމުން ހަރުދަނާ ނަތީޖާ ނުކުންނާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ތިމާވެށްޓާއި އޭގައި ހިމެނޭ ދިރުންތަކަކީ ދިވެހި ސިނާއަތްތަކުގެ ނާރެސް ކަމުން އެ ތަރިކަ ރައްކާތެރިކޮށް ދެމެހެއްޓުމަކީ އެންމެންގެ ވެސް ޒިންމާއެއްކަން ދެކެން ޖެހޭނެ ކަމަށެވެ.

"ދިވެހި ފަތުރުވެރިކަން ބިނާވެފައިވާ މައިގަނޑު އަސާސަކީ 1972 ވަނަ އަހަރުވެސް ފަތުރުވެރިން ރާއްޖެއަށް ޝައުގުވެރިވި ސަބަބުތައް. އެއީ ރާއްޖޭގެ ސާފު ގޮނޑުދޮށްތަކާއި، ފަރުތަކާއި ކަނޑުތަކުގެ މުއްސަނދިކަމާއި ރީތިކަން. އެހެން ކަމުން ތިމާވެށި ހިމާޔަތް ކުރުމަކީ ފަރުދީ ޒިންމާ އެއް ކަމަށް ދެކެން ވާނެ." މިނިސްޓަރު ވިދާޅުވު އެވެ.

ދިރޭތަކެތީގެ ނަސްލުތަކުގެ ދުވަހުގެ މިއަހަރުގެ ޝިއާރަކީ "ބަޔޯޑައިވަސިޓި އެންޑް ސަސްޓެއިނަބަލް ޓުއަރިޒަމް" ނުވަތަ ދިރޭތަކެތީގެ ނަސްލުތަކުގެ މުއްސަނދިކަމާއި ދެމެހެއްޓެނިވި ފަތުރުވެރިކަމެވެ.