ހަބަރު

ފަސް އަހަރު ތެރޭ މަތީ ތައުލީމުގެ ފުރުސަތު 60 ޕަސަންޓަށް އިތުރު ކުރެވޭނެ: ޖިހާދު

ކުރިއަށް އޮތް ފަސް އަހަރު ދުވަހުގެ ތެރޭގައި މަތީ ތައުލީމުގެ ފުރުސަތު 60 ޕަސަންޓަށް އިތުރު ކުރެވޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަބްދުﷲ ޖިހާދު މިރޭ ވިދާޅުވެއްޖެ އެވެ.

މިިދިޔަ އަހަރުގެ އޭ ލެވެލް އިމްތިހާނުން ގަދަ 10 ހިމެނުނު ދަރިވަރުންނަށް އެވޯޑު ދިނުމަށް ދަރުބާރުގޭގައި ބޭއްވި ހަފްލާގައި ޖިހާދު ވިދާޅުވީ މީގެ ކުރިން މަތީ ތައުލީމު ހާސިލް ކުރުމަށް ފުރުސަތު ލިބިގެން ގޮސްފައިވަނީ 100 އަކުން ހަ ކުއްޖަކަށް ކަމަށެވެ. ނަމަވެސް އެ އަދަދު މިހާރު ވަނީ 32 ކުދިންނަށް އިތުރުވެފަ ކަމަށާއި އަަަދި އެ އަދަދު ކުރިއަށް އޮތް ފަސް އަހަރު ތެރޭގައި 60 ޕަސަންޓަށް އިތުރު ވެގެންދާނެ ކަމަށެވެ.

ޖިހާދު ވިދާޅުވީ މަތީ ތައުލީމު ހާސިލް ކުރުމަށް ތިން މާއްދާއިން ފާސްވާ ކޮންމެ ކުއްޖަކަށް ވެސް ލޯން ސްކީމް ގެ ދަށުން ތައުލީމު ހާސިލް ކުރުމުގެ ފުރުސަތު ސަރުކާރުން ފަހި ކޮށްދީފައިވާ ކަމަށެވެ. އެ ފުރުސަތުގެ ބޭނުން ޒުވާނުން ހިފުމަށާއި ގައުމު ބަލައިގަންނަ ހަރުދަނާ މީހަކަށް ވުމަށް ކޮންމެ ޒުވާނަަކު ވެސް މަތީ ތައުލީމު ހާސިލް ކުރުމަށް އަހަންމިއްޔަތުކަން ދޭން ޖެހޭނެ ކަމަށެވެ.

"ރާއްޖޭގެ އިގްތިސޯދާއި ކުރިއެރުމަށް އެންމެ މުހިންމު ބަޔަކީ ތަމްރީނު ވެފައިވާ މީހުން. ޒުވާނުން ހުނަރުވެރިކުރުމަށް ސަރުކާރުން ގިނަގުނަ ފުރުސަތު ތަކެއް ހުޅުވާލާފައިވޭ. އެ ފުރުސަތުތަކުގެ ބޭނުން ހިފުން ވަރަށް މުހިންމު."