ކުޅިވަރު

މަގާމު ދިފާއު ކުރުމަށްފަހު އީގަލްސް ބްރޭކަށް

May 23, 2017

ޔުނައިޓަޑް ވިކްޓަރީގެ މައްޗަށް 1-0ގެ ނަތީޖާ އަކުން ކާމިޔާބު ހޯދައި، ގަދަ ހަތަރަކަށް ޖެހިލުމަށްފަހު އީގަލްސްގެ ކުޅުން ތެރިން ބްރޭކަށް ހިނގައްޖެ އެވެ.

ހޯމަ ދުވަހުގެ ރޭ ކުޅެން ތާވަލު ކޮށްފައި އޮތް މެޗަށް، މާލެއަށް، ކުރިމަތިވި ގަދަ ވަޔާ ވިއްސާރައިގެ ސަބަބުން، މެޗު ފަސް ކުރުމުން، އިއްޔަ ހަވީރުގެ މެޗުގައި ވިކްޓަރީން މާޒިޔާ ބަލި ކުރުމުން، އީގަލްސް އާއި ޔުވީ މެޗު ނިމެންދެން، ގަދަ ހަތެއްގައި އޮތީ ވިކްޓަރީ އެވެ.

ނަމަވެސް، ލިބުނު ހަނި މޮޅާއެކު، އީގަލްސް ވަނީ އަލުން ތާވަލުގެ ހަތަރަކަށް އަރާފަ އެވެ. އަދި މި މެޗަށްފަހު، ކުރިއަށް އޮތް މެޗާ ދެމެދު ގިނަ މުއްދަތެއް އޮތުމުން، އީގަލްސްގެ ކޯޗް އިހްސާން އަބްދުލް ގަނީ ސާންތީ ވަނީ، އެޓީމުގެ ކުޅުންތެރިންނަށް 10 ދުވަހުގެ ބްރޭކެއް ދީފަ އެވެ.

"މިހުރީ ވަރަށް ހިތްހަމަ ޖެހިފައި، 1-0 ނަމަވެސް މޮޅުވުމުން، ތިން ޕޮއިންޓް އަޅުގަނޑުމެން ބޭނުންވީ، ހަވީރު، މާޒިޔާ އަތުން ވިކްޓަރީ މޮޅުވުމުން އަޅުގަނޑުމެންނަށް މަޖުބޫރުވި، ތިން ޕޮއިންޓް ހޯދުން އިރާދަކުރެއްވިއްޔާ ބްރޭކަށްދާއިރުވެސް ގަދަ ހަތަރެއްގެ ތެރޭގައި އޮންނާނީ،" ސާންތީ ބުންޏެވެ.

މެޗުގައި، އީގަލްސް އަށް ފުރުސަތު ތައް ލިބުނު ނަމަވެސް، ލަނޑު ޖެހުމުގެ މައްސަލަ މި މެޗުގައިވެސް ކުރިމަތިވި އެވެ. "ފެންނާނެ، އަޅުގަނޑުމެން ގޯލެއް ޖަހަން ކުރަން ޖެހޭ މަސައްކަތް،" ކަންބޮޑުވުމާއެކު ސާންތީ ހިއްސާ ކުރި އެވެ.

ނަމަވެސް، މެޗުގެ 66 ވަނަ މިނެޓްގައި އަހްމަދު ނައުފަލް ކާމިޔާބު ކުރި ލަނޑުން، އީގަލްސް މޮޅުވެގެން، ނިންމާލުމުން ސާންތީ ހުރީ ހިތްހަމަ ޖެހިފަ އެވެ.

ޔޫވީގެ ކޯޗް މުހައްމަދު ނަޒީހް ބުނީ، ލަނޑު ވަނީ، ޔޫވީގެ ކުޅުންތެރިން އަމިއްލައަށް ހެދުނު މިސްޓޭކެއްގެ ސަބަބުން ކަމަށާއި، ބޭރުކޮށްލަން ޖެހޭ ބޯޅައެއް ޕެނަލްޓީ އޭރިއާ ތެރޭގައި ކޮށްޓަން އުޅުމުން ދެރަ ލިބުނީ ކަމަށެވެ.

މި މެޗަށް ފަހު އީގަލްސްއަށް ދެން މެޗެއް އޮންނާނީ އަންނަ މަހު 19 ގައި މާޒިޔާއާ ދެކޮޅަށެވެ. އެ މެޗު އެހާ ފަސް ކުރީ، އޭއެފްސީ ކަޕްގައި އިންޑިއާގެ ބެންގަލޫރު އެފްސީއާ ދެކޮޅަށް އިންޑިއާގައި ކުޅޭ މެޗަށް ތައްޔާރުވުމުމަށް މާޒިޔާއަށް ވަގުތު ދިނުމުގެ ގޮތުން ނެވެ. އަދި އެއަށްފަހު، އޭޝިއަން ކަޕް ކޮލިފައިންގައި، ބުޓާނާ ދެކޮޅަށް ކުޅޭ މެޗަށްވެސް، ލީގް މެދު ކަނޑާލާނެ އެވެ.

ލީގްގައި ދެން ކުޅެންޖެހޭ މެޗުގައި، ވާދަ ކުރާނީ، ޓީސީ ސްޕޯޓްސް އާއި ކުލަބު ވެލެންސިއާ އެވެ. އެ މެޗު އޮންނާނީ ބުރާސްފަތި ދުވަހު އެވެ.