ހަބަރު

އެމިރޭޓްސް ގެ ހިދުމަތް ރާއްޖެއަށް ދޭތާ 30 އަހަރު ފުރުން ފާހަގަކޮށްފި

އެމިރޭޓްސްގެ ހިދުމަތް ރާއްޖެއަށް ދެމުންދާތާ 30 އަހަރު ފުރުން މިއަދު ފާހަގަކޮށްފި އެވެ.

ތިރީސް އަހަރު ފުރުން ފާހަގަ ކުރުމުގެ ގޮތުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް ގެ އެމްޑީ އާދިލް މޫސާ ވިދާޅުވީ އެމިރޭޓްސް ގެ ހިދުމަތާއެކު އެއާޕޯޓަށް ގިނަ ފައިދާތަކާއި ފަސޭހަ ތަކެއް ވެގެން ދިޔަ ކަމަށާއި އަދި ރާއްޖޭގެ ޓޫރިޒަމަށް އިތުރު ކުރިއެރުންތަކެއް ވެސް ލިބިގެން ގޮސްފައިވާ ކަމަށެވެ.

"އެމިރޭޓްސް ގެ ހިދުމަތް އެންމެ ފުރަތަމަ ދޭން ފެށީ 1987 ވަނަ އަހަރުގެ މޭ މަހު. އެމިރޭޓްސް އިން ފުރަތަމަ ދަތުރުތަށް ރާއްޖެއަށް ފެށިއިރު އޭރު ކުރީ ހަފުތާ އަކު ދެ ދަތުރު،" އާދިލް ވިދާޅުވި އެވެ.

މި ރަސްމިއްޔާތުގައި އެމިރޭޓްސް ގެ ޑިސްޓްރިކްޓް މެނޭޖާ ޑެރާލް ސޮއާޓްސް ވިދާޅުވީ އެމިރޭޓްސް އަކީ ރާއްޖޭގައި ފްލައިޓް އޮޕަރޭޓް ކުރާ އެންމެ ބޮޑު އެއް ކުންފުނި ކަމަށާއި އެމިރޭޓްސްގެ ހިދުމަތް އަބަދުވެސް ރާއްޖޭގައި ފުޅާ ކުރަން އިތުރު މަސައްކަތް ކުރަމުންދާނެ ކަމަށެވެ.

އެމިރޭޓްސް ގެ ހިދުމަތް އެންމެ ފުރަތަމަ ރާއްޖެ އަށް ފެށީ 1987 ވަނަ އަހަރުގެ މޭ މަހު އެވެ. އެންމެ ފުރަތަމަ އޮޕްރޭޓް ކުރީ ބީ727 މަރުކައިގެ މަތިންދާ ބޯޓެކެވެ. އެމިރޭޓްސް އިން ހިދުމަތް ފެށިއިރު ކުރީ ހަފުތާއަކު ދެ ދަތުރެވެ. މިހާރު ދުވާލަކު ހަތަރު ދަތުރު ކުރާއިރު އޮޕަރޭޓް ކުރަމުންދަނީ 360 ސީޓްގެ ބީ777-300 އީއާރު މަރުކައިގެ މަތިންދާ ބޯޓެވެ.