ކުޅިވަރު

ކުރިއަށްއޮތް ހުރިހާ މެޗަކުން މޮޅުވާން ޓީސީއަށް މަޖުބޫރު

May 25, 2017

މާލޭ ލީގްގައި، ކުރިއަށް ހަތް މެޗުން މޮޅުވާން މަޖުބޫރު ކަމަށާއި، ދެން އެންމެ މެޗަކުން ބަލިވި ނަމަވެސް، ލީގްގައި ކުރިއަށް ދާން ޓީސީއަށް އުނދަގޫ ވާނެ ކަމަށް، ޓީސީގެ ކޯޗް މުހައްމަދު ނިޒާމް ބުނެފި އެވެ.

މިއަދު ވެލެންސިއާއާ ދެކޮޅަށް، ކުޅޭ މެޗަށް ނިކުންނައިރު، އެންމެ ފަހުން، ޓީސީ ކުޅުނު ތިން މެޗުގެ ތެރެއިން ދެ މެޗުން ބަލިވިއރު، އެއް މެޗުން ވަނީ އެއްވަރު ވެފަ އެވެ.

"ޓީސީއަކަށް ދެން މެޗުތައް ގެއްލުވާލުމުގެ ފުރުސަތެއް ނެތް، ޓީސީ ދެން ޖެހޭނީ ކުރިއަށް ހުރި ހުރިހާ މެޗެއް މޮޅުވެގެން ހަމަ ކުރިއަށްދާން، މިހާރު މިދާ ގޮތުން، ކަލްކިއުލޭޝަން ހަދާއިރު، މަދުވެގެން 21 ޕޮއިންޓް ބޭނުންވާނެ ގަދަ ހަތަރެއްގެ ތެރެއަށް ވަންނަން، އެހެންވީމަ އެއަށް ޓާގެޓް ކޮށްގެން މަސައްކަތް ކުރަން ޖެހޭނީ،" މިއަދު ވެލެންސިއާ އާ ދެކޮޅަށް ނިކުންނަ މެޗުގެ ކުރިން ވާހަކަ ދައްކަމުން، ނިޒާމް ބުންޏެވެ.

އޭނާ ބުނީ ލީގެއްގައި މެޗުތައް ގެއްލުން، އެއީ މާބޮޑު މައްސަލައެއް ނޫން ކަމަށާއި، ނަމަވެސް، މާލޭ ލީގްގެ ފޯމެޓް އޮތް ގޮތުން، ގެއްލޭ ކޮންމެ މެޗަކާއެކު، އިތުރަށް ޕްރެޝަރަށް ވެއްޓިގެންދާނެ ކަމަށެވެ.

މި މެޗަށްފަހު، ކުރިއަށް އޮތް މެޗާ ދެމެދަށް، ޓީސީއަށް 24 ދުވަހުގެ ބްރޭކެއް ލިބެ އެވެ. އެއީ އޭއެފްސީ ކަޕްގައި، މާޒިޔާ ބެންގަލޫރާ ދެކޮޅަށް ކުޅެން ހަމަޖެހިފައިވާ މެޗާއި، އޭޝިއަން ކަޕް ކޮލިފައިންގައި ބުޓާނާ ދެކޮޅަށް ކުޅެން ހަމަޖެހިފައިވާ، މެޗަށް، ވަގުތު ދިނުމުގެ ގޮތުން ނެވެ. ބްރޭކަށް ފަހު، ޓީސީ ނިކުންނާނީ ނިއުރޭޑިއަންޓާ ދެކޮޅަށެވެ.

ނިޒާމް ބުނީ، ޓީސީގެ ބައެއް ކުޅުންތެރިން އިންޖަރީގައި ތިބުމާއެކު، އެކުޅުންތެރިން ރިކަވާވެލަން ބްރޭކް ވަރަށް މުހިންމު ކަމަށެވެ. އޭނާ ބުނީ، ބްރޭކް ތެރޭގައި ޕްރެކްޓިސް ކުރިއަށް ގެންދާނީ ނިއުރޭޑިއަންޓް މެޗަށް އިސްކަން ދީގެން ކަމަށެވެ.

ފުރަތަމަ ބުރުގައި ވެލެންސިއާ ދެކޮޅަށް ކުޅުނު މެޗު ޓީސީ ވަނީ ރަނގަޅު ކުޅުމެއް ދައްކައި، 3-0 ން މެޗު ކާމިޔާބު ކޮށްފަ އެވެ. އެ މެޗަށްފަހު، ގައުމީ ޓީމް ފަލަސްތީނާ ދެކޮޅަށް ކުޅެން ހަމަޖެހިފައިވާ މެޗަށް ގާތްގަނޑަކަށް 25 ދުވަހަށް ލީގް މެދުކަނޑާލި އެވެ.

"ވެލެންސިއާއާ ދެކޮޅަށް ކުރިން ކުޅުނު މެޗަށް ފަހު އައި ބްރޭކަކީ ޓީސީއަށް ވަރަށް ބޮޑަށް ގޯސްކޮށް ދިޔަ ބްރޭކެއް، ޓީސީ ވަރަށް ރަނގަޅު ފޯމުގައި އޮއްވާ، އެއްކޮށް ކަހަލަ ގޮތަކަށް ފޯމް ގެއްލިގެން ދިޔަ، ޓީސީ އެންމެ ރަނގަޅު ފޯމްގައި ދެން ނިކުންނާނީ ކުރިއަށް ބްރޭކަށް ފަހު." ނިޒާމް ބުންޏެވެ.

އޭނާ ބުނީ އެ ބްރޭކްގައި އަނީޔާގައި ތިބި ކުޅުންތެރިން ޓީމާ ގުޅުމުގެ އިތުރަށް، ޓީމުގައި ތިބި ޒުވާން ކުޅުންތެރިންނަށް އިތުރަށް ފުރުސަތު ލިބޭނެހެން އެ ޓެކްޓިކްސްތަކާއެކު، މަސައްކަތް ކުރަން ފުރުސަތު ލިބޭނެ ކަމަށެވެ.

ނިޒާމްއަށް އޮތް އެންމެ ބޮޑު ހިތްހަމަ ޖެހުމަކީ، އެންމެ ފަހުން ގްރީން ސްޓްރީޓާ ދެކޮޅަށް ކުޅުނު މެޗުގައި، އޭނާ ބޭނުންވި ޓެކްޓިކަލް ގޭމުގައި ޓީސީ ކުޅެފައި ވުމެވެ. ނިޒާމް ބުނީ އެއީ މިއަހަރު މާލޭގައި ކުޅުނު މެޗުތަކުގެ ތެރެއިން އޭނާ ބޭނުންވި ގޮތަށް ޓެކްޓިކަލް ގޭމް މަސައްކަތް ކުރި މެޗު ކަމަށެވެ.
ވެލެންސިއާ ދެކޮޅަށް ކުޅެން، އެއްވެސް އިރެއްގައި ފަސޭހަ ނޫން ކަމަށާއި އެހެންވެ މެޗަށް ޓީސީ ނިކުންނާނީ، ޓީސީގެ އެންމެ ވަރުގަދަ ސްޓްރެންތާއެކު ކަމަށް ނިޒާމް ބުންޏެވެ.

ވެލެންސިއާގެ ކޯޗް އަހްމަދު މުޖުތޮބާ (ފެސްކޯ) ބުނީ ކޮންމެ މެޗެއްވެސް ކާމިޔާބު ކުރެވޭނީ ވަރަށް ބުރަކޮށް މަސައްކަތްކޮށްގެން ކަމަށާއި ޓީސީ ވިޔަސް ވަކި ހާއްސަ ގޮތަކަށް ވެލެންސިއާއިން މަސައްކަތް ނުކުރާނެ ކަމަށެވެ.

"ވެލެންސިއާ ވެލެންސިއާގެ ސްޓައިލްގައި ވެލެންސިއާގެ ބޯޅަ ކުޅެގެން ﷲ ގެ ރަހްމަތް ފުލާއެކު، ކުރިއަށް ދާނީ." ފެސްކޯ ބުންޏެވެ. އޭނާ ބުނީ، ވެލެންސިއާ އޮތް އަޑިގަނޑުން އަރައިގަތުމަށް ބޭނުން ވަނީ މޮޅެއް ކަމަށާއި އެކަން ސާސިލު ކުރުމަށް މިއަދުގެ މެޗުގައި ވެލެންސިއާއަށް ފުރުސަތު ދޭނެ ކަމަށެވެ.