ހަބަރު

އަގުބޮޑު ކޮށް އެއްޗެހި ވިއްކާ ފަރާތްތަކަށް ފިޔަވަޅު އަޅާނަން: މިނިސްޓްރީ

ގަވާއިދާ ހިލާފަށް، ހޯލްސޭލް އަގަށްވުރެ ބޮޑުކޮށް އަގުތަކަށް ބަދަލު ގެނެސްގެން ވިއްކާ ފަރާތްތަކާ މެދު ގާނޫނީ ގޮތުން އެޅެން ހުރި ފިޔަވަޅުތައް އަޅާނެ ކަމަށް އިކޮނޮމިކް މިނިސްޓްރީން މިއަދު ބުނެފި އެވެ.

ވެލާނާ ގޭގައި މިއަދު ނޫސްވެރިންނާ ބައްދަލުކޮށް އެ މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަބުދުﷲ މުހައްމަދު ވިދާޅުވީ ކޮންމެ އަހަރަކު ރޯދަމަހު ވިޔަފާރި ކުރާ ބައެއް ފަރާތްތަކުން ކާބޯތަކެތީގެ އަގުތަކަށް ގަވާއިދާ ހިލާފަށް ބޮޑު ކުރާ ކަމަށާއި ފިހާރަ ކުރިމަތީ ދުވާރު މަތީގައި ބައެއް ކަހަލަ ބާވަތްތައް ވިއްކަން ބަހައްޓާފައި ހުންނަ ކަމުގެ ޝަކުވާ މިނިސްޓްރީއަށް ލިބެމުންދާ ކަމަށެވެ. އެކަންކަން ހުއްޓުވަން ފުލުހުންނާއި ގުޅިގެން މިނިސްޓްރީގެ ޓީމެއް ހަރަކާތްތެރި ވާނެ ކަމަށާއި އަދި ފިޔަވަޅު އަޅަން ޖެހޭ ފަރާތްތަކާމެދު ފިޔަވަޅު އަޅާނެ ކަމަށް އަބުދުﷲ ވިދާޅުވި އެވެ.

އަބުދުﷲ ވިދާޅުވީ ވޭތުވެދިޔަ ތިން ހަފްތާ ތެރޭގައި ރާއްޖެއަށް މައިގަނޑު ގޮތެއްގައި ކާބޯތަކެތި އެތެރެ ކުރާ ފަރާތްތަކާ ބައްދަލުކޮށް ރޯދަމަހު ރާއްޖެއަށް އެތެރެ ކުރާ ތަކެތީގެ އަގުތަކާއި ބެހޭގޮތުން މަޝްވަރާ ކުރެވިފައިވާ ކަމަށެވެ. އަދިި ރޯދަ މަހު ވިއްކާ ރޯދައަށް ހާއްސަ ބާއްވަތް ތަކުގެ ހޯލްސޭލްކުރާ އަގުތަކަށް ބަދަލެއް ނާންނާނެ ކަމަށް އަބުދުﷲ ވިދާޅުވި އެވެ.

"ރީޓޭލް ކުރާ ބައެއް ފަރާތްތަކުން ހުސްވާން ހެދީމަ އަގު ބޮޑު ކޮށްލާ. އެގޮތަށް ވިޔަ ނުދިނުމަށް ފުލުހުންނާއި ގުޅިގެން މަސައްކަތް ކުރާނަން. ރޯދަ މަހު ރާއްޖެއަށް އެތެރެކުރާ ބާވަތް ތަކަށް ބަދަލެއް ނާންނާނެ. ގުދުރަތީ ހާދިސާ އަކާއި ގުޅިގެން ނޫނީ ހޯލްސޭލްކުރާ އަގުތަކަށް ބަދަލެއް ނާންނާނެ." އަބުދުﷲ ވިދާޅުވި އެވެ.

މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އާދަމް ތައުފީގް ވިދާޅުވީ ބިދޭސީން ނުވަތަ މުސްލިމުނޫން ފަރާތްތަކަށް ހާއްސަ ކޮޮށްގެން ހުއްދަ ދޫކުރެވިފައިވާ ތަންތަނުން ނޫނީ ކެއުން މަނާވާނެ ކަމަށާއި އެކަމަށް ހުއްދަ ހޯދަން ރެޖިސްޓާ ވުމުގެ ފުރުސަތު މިނިސްޓްރީން ހުޅުވާލާފައިވާ ކަމަށެވެ.

މިނިސްޓްރީގެ އެގްޒެކެޓިވް ކޯޑިނޭޓާ އަބުދުﷲ ޝިޔާޒް ވިދާޅުވީ ރޯދަމަހުގެ މެންދުރުފަހު 3:00 ފެށިގެން އިރުއޮއްސި 6:30 އަށް ގަނޑުކޮށް މުދާ އުފުލާ ފަރާތްތަކުން އެވަގުތު ހިދުމަތް ދިނުން މަނާވާނެ ކަމަށެވެ.

"އާންމު ގޮތެއްގައި ގަނޑުކޮށް މުދާ އުފުލާ ހަދަނީ ފެން އަދި ގޭސް ވިއްކާ ފަރާތްތަކުން. އަދި ބައެއް ފިހާރަތަކަށް މުދާ ފޯރުކޮށްދޭ ފަރާތްތައް ވެސް އެވަގުތު މުދާ ފޯރުކޮށް ދިނުން މަނާ ވާނެ." ޝިޔާޒް ވިދާޅުވި އެވެ.