ކުޅިވަރު

ގައުމީ ޓީމު މެޗުތައް އަތޮޅުތަކުގެ ތެރެއަށް

May 25, 2017

އަންނަ އަހަރުން ފެށިގެން ސީނިއާ ގައުމީ ޓީމުން އަތޮޅުތަކުގެ ތެރެއަށް ދަތުރުކޮށް، ޓީމުތަކާ ދެކޮޅަށް މެޗުތައް ކުޅެން އެފްއޭއެމުން ހަމަޖައްސައިފި އެވެ.

ގައުމީ ޓީމުގެ މެއިން ސްޕޮންސަރުގެ ގޮތުގައި، ދިވެހިރާއްޖޭގެ ގައުމީ ބޭންކު (ބީއެމްއެލް) އާއެކު ސޮއިކުރުމަށް، ބޭއްވި ހަފުލާގައި، އެފްއޭއެމްގެ ރައިސް ބައްސާމް އަދީލް ޖަލީލް ވިދާޅުވީ، އަންނަ އަހަރުން ފެށިގެން ކޮންމެ އަހަރަކު، ގައުމީ ޓީމުން އަތޮޅު ތެރެއަށް ދަތުރުކޮށް، އަހަރަކު، މަދުވެގެން ހަ މެޗު އަތޮޅު ތެރޭގެ ޓީމު ތަކާ ދެކޮޅަށް ކުޅޭނެ ކަމަށެވެ.

ގައުމީ ޓީމުން އަތޮޅު ތެރެއަށް ދަތުރުކޮށް، މެޗުތައް ކުޅެން ނިންމުމުން، އަތޮޅު ތެރެއިން ގިނަ ޒުވާން ކުޅުންތެރިންތަކެއް ގެނެސް ތަމްރީން ކުރަމުންދާ އީގަލްސްގެ ކޯޗް އިހްސާން އަބްދުލް ގަނީ (ސާންތީ) ވަނީ އެކަމަށް ވަރަށް ބޮޑަށް މަރުހަބާ ކިޔާފަ އެވެ.

ސާންތީ ބުނީ، އެކަމަކީ މާކުރިންވެސް ފަށަން ޖެހިފައި އޮތް މުހިންމު ކަމެއް ކަމަށާއި އެފްއޭއެމް ނިންމި ނިންމުމަށް މަރުހަބާ ކިޔާ ކަމަށެވެ.

"ރާއްޖޭގެ ފުޓްބޯޅައިގެ ހުނަރުގެ ބޮޑުބައެއް ހިއްސާ ކުރަނީ އަތޮޅު ތެރެއިން، ރާއްޖޭގެ އެންމެ މަތީ ލެވަލްގެ ކުޅުންތެރިންނާ ދެކޮޅަށް ކުޅެ އެކުޅުންތެރިންގެ ފެންވަރު ދައްކާލަން ބޭނުންވާ ކިތަންމެ ކުޅުންތެރިޔެއް އަތޮޅު ތެރޭގައި ތިބޭނެ،"

ސާންތީ ބުނީ، ގައުމީ ޓީމު ކުޅެ މެޗެއްކަމަށްވުމުން، ޓީވީއިން އެމެޗު ދުރައް ދައްކާތީ، ފުރަތަމަ ޑިވިޝަންގެ ކޯޗުންނަށްވެސް، މެޗުތައް ބަލާލެވި، ފުރަތަމަ ޑިވިޝަން ޓީމުތަކަށްވެސް އިތުރު ދިވެހި ކުޅުންތެރިން ހޯދުމަށް ފަސޭހައަކަށް ވާނެ ކަމަށެވެ.

"ޓެކްނިކަލް ސައިޑުން އެކަންޏެއް ނޫން، ފުޓްބޯޅަ އިތުރަށް ފޯރިގަދަ ވެގެންދާނެ ސަބަބެއް މިއީ އަތޮޅު ތެރެއަށް ގައުމީ ޓީމު ދަތުރުކޮށް މެޗުތައް ކުޅެން ފެށުމުން." ކުރިން ގައުމީ ޓީމުގެ އެސިސްޓެންޓް ކޯޗެއްގެ ގޮތުގައިވެސް މަސައްކަތް ކުރި ސާންތީ ބުންޏެވެ.