ބޮލީވުޑް

"ރާތު ބާކީ" ގައި އާޔުޝް އާއި ކެޓްރީނާ؟

May 27, 2017

ސަލްމާން ޚާންގެ ކޮއްކޮ އަރްޕިތާ ޚާންގެ ފިރިމީހާ، އާޔުޝް ޝަރްމާ ބޮލީވުޑަށް ނެރެން ސަލްމާން އަތުކުރި އޮޅާލާފައިވާ ކަމުގެ އަޑުތަކެއް މިފަހުން ވަނީ އަރާފަ އެވެ.

މުޅިން އަލަށް ބޮލީވުޑަށް ނުކުންނަން ތައްޔާރުވަމުން އަންނަ އެކްޓަރު ސައިފް އަލީ ޚާންގެ އަންހެން ދަރިފުޅު ސާރާ ޚާނާއެކު އާޔުޝް ވެސް ފިލްމީ ދާއިރާ އަށް ނެރެން ސަލްމާން މަސައްކަތް ކުރަމުން އަންނަ ކަމުގެ ވާހަކަތަކެއް ދެކެވުނު ނަމަވެސް ސަލްމާން މިވަނީ އާޔުޝްގެ ފުރަތަމަ ފިލްމުގައި އޭނާއާއެކު ފެންނަން އެންމެ އެކަށީގެންވާ ބަތަލާ ހޮވާފަ އެވެ. އެއީ ސަލްމާންގެ ކުރީގެ ލޯބިވެރިިޔާ ކެޓްރީނާ ކައިފް އެވެ.

މިދިޔަ އަހަރު ޕްރޮޑިއުސަރު ކަރަން ޖޯހަރު އިއުލާންކުރި ލޯބީގެ ފިލްމު "ރާތް ބާކީ" އޮތީ އެ ފިލްމުގެ ބަތަލުގެ ރޯލު ހުށަހަޅާފައި އޮތް ޕާކިސްތާނުގެ އެކްޓަރު ފަވަދް ޚާންގެ ސަބަބުން މަޑުޖެހިފަ އެވެ.

ޔޫރީ އެޓޭކަށް ފަހު އިންޑިއާ އާއި ޕާކިސްތާނާ ދެމެދު ޖެހުނު ސިޔާސީ މައްސަލަތަކުގެ ސަބަބުން އުފެދުނު ހަމަނުޖެހުންތަކުގައި އިންޑިއާއިން ވަނީ ބޮލީވުޑްގައި ޕާކިސްތާނުގެ ތަރިންނަށް ހަރަކާތްތެރި ނުވެވޭނެ ކަމަށް ބުނެ އެ ގައުމުން ބޭރުކޮށްލާފަ އެވެ.

އެހިސާބުން މި ފިލްމުގެ މަސައްކަތް ކުރިއަށް ނުގޮސް އޮތްއިރު ސަލްމާން މިވަނީ މި ފިލްމު އޭނާގެ އަމިއްލަ ޕްރޮޑަކްޝަން ކުންފުނިން އުފައްދަން ޝައުގުވެރިވާކަން ކަރަން ކުރެން ފާޅުކޮށްފަ އެވެ.

އަދި ސަލްމާން އާއި ކަރަންގެ މަޝްވަރާތަކަށްފަހު ސަލްމާން މިހާރު ވަނީ މިފިލްމު އުފައްދަން ނިންމާފަ އެވެ.

މުޅިން އަލަށް ޑައިރެކްޝަނަށް ނިކުންނަ އަދިތްޔަ ދަރް ޑައިރެކްޓްކުރާ މި ފިލްމުގެ ބަތަލާގެ ރޯލު ކުރިން ކެޓްރީނާ އަށް ހުށަހަޅާފައި އޮތްއިރު ސަލްމާން އެ ރޯލު ކެޓްރީނާ ލައްވާ ކުޅުމަކުން މައްސަލައެއް ނެތް ކަމަށް ބުނެފަ އެވެ.

އާޔުޝް ބޮލީވުޑަށް ނެރެން އެންމެ ކަމުދާނެ ފިލްމަށް ގަބޫލުކުރެވޭތީ ސަލްމާން "ރާތް ބާކީ" އުފައްދަން ތައްޔާރުވަމުން އަންނައިރު، ވާހަކަތައް ދެކެވެމުން އަންނަ ގޮތަށް ކުރިއަށް ދާނަމަ އާޔުޝް ބޮލީވުޑަށް ނިކުންނާނީ ކެޓްރީނާ އާއެކު އެވެ.