ވާހަކަ

ވާހަކަ: އިއްޔެ ބިން އޯކިޑް

May 28, 2017
4

ތިހިރަ ޖާނު ވަރުގަދަ ހަށިގަނޑު ވާނީ ކާކުގެ ޝިކާރައަކަށް ބާ؟ ހާދަ ސަޅިއޭ! ފެންމަތީގައި އޮތް ކަނދުގެ މެދުގައި އިށީނދެލައިގެން އިން ދޮން އަންހެން ކުއްޖާގެ ހިތަށް އެރި އެވެ. ތުންފަތުގައި ދަތް އަޅާލަމުން ހީނލި އެވެ.

"ހާދަ މޮޅޭ،" އިނގިރޭސި ބަހުން އެ ކުއްޖާ ވާހަކަ ދައްކަން ފެށުމާއެކު ނާޒިމު ކަނދު އަރިކޮށްލި އެވެ. އެ ވަގުތު އަންހެންކުއްޖާ މޫދު ތެރެއަށް ސޮއްސައިލި އެވެ.

މިނެޓެއް ވެސް ނުވާނެ އެވެ. ރިޔަލުގެ ހުރަސް ތަންޑުގައި އެލިގަންނަމުން ނާޒިމު ބޭނުންވީ އަންހެން ކުއްޖާއަށް ހުނަރު ދައްކާލާށެވެ. ޖެހެމުން ދިޔަ މިނިވަންވަޔާ ކނަޑުގެ ރިޔަލާ ގުޅުވައިލާށެވެ. ރޯޅި ފަށާ ކުޅެލާށެވެ.

ރާޅު ނެތް ދޮން ފަޅު ތެރޭގައި ވިންޑްސާފު ދުއްވަމުން ދިޔައީ ހެޔޮވަރު ރޯޅީގަ އެވެ. ނުލާއި ރީނދުލުގެ ރިޔަލުން ރާގު ކުޅެމުންނެވެ. ވެސްނޫ ކުލައިންވާ ބޯ ބިއްލޫރިގަނޑެއް ކަހަލަ ވިލު ވަނީ ފިސާރި ދުރަށް އޮބާފަ އެވެ. މާ އަޑިއަކުން ދައްކާނީ މުރަކައިގެ ބަގީޗާ ތަކެވެ. އިރުގެ ދަޅަ ބޯ ކަމުން ވެސް ތޯއްޗެކެވެ. ފުނުން ހެލުވެމުންދާ ރިހި ހިޔަނިތައް ރަތްދަކަ އަވީގައި ނަށަނީ އެވެ. ތަންކޮޅެއް ތިލަ ހިސާބު އަޑިން އެ ފެންނަ ކަށިވެލީގެ މާޑުތައް މަތީގައި ދުވެލާ ބާނިން އުފައްދަނީ ކުރެެހުމެކެވެ. ޗާލު އުޑެއްގައި ކޮތަރި ވިލާ ޖަހާލާފައިވާ ފަދަ އެވެ. އަދި ހުޅަނގުން އެހެރަ ހިއްލާލާ ނޫ ރާޅުގެ ހޮޅީ ތެރޭ އޮއިވަރާ އެއްވަރަށް ފޮނި ގޮތަކަށް ނިގޫފަތް ތަޅުވާލާފައި ދުވެލާ ދޮން ނޫ މަސް ބައިގަނޑު ހީވަނީ އުދަ ބާނިތައް ރުޅި އަރުވާލަން އުޅޭ ހެނެވެ.

މުޅި ފަޅުތެރޭގައި ބުރެއް ޖެހުމަށްފަހު ނާޒިމު ކަނދު އަނބުރައިލި އެވެ. ދުވެލި މައިތިރި ކުރުވީ ދެ ފައިން ބަޑިތަޅަތަޅާ އޮއްވާ ވިލު ތެރެއަށް އޮޔާ ބޭރުވަމުން ދިޔަ އެ އަންހެން ކުއްޖާ ގާތަށެވެ.

"ހާދަ ކުޅަދާނަ އޭ..." ކަނދުގައި ދެއަތް އަޅުވާލަމުން އަންހެން ކުއްޖާ ހީނލި އެވެ. ލޮނާ ފޯވެފައިވާ ރަން އިސްތަށިގަނޑު ދެ ފަރާތަށް ފޭ ކޮށްލުމަށް ފަހު މޫނު ފޮހެލި އެވެ.

ހާދަ ލޯތްބޭ! އަންހެން ކުއްޖާ ހީލުމުން ކޯތާފަތުގައި އުފެދުނު އަޑިކޮޅާ ދިމާ އަށް ބަލަން އޮތް ނާޒިމުގެ ހިތުގައި ރޮނގެއް އެޅުނެވެ. ގަސްތުގައި ހަތަރު ކަޅި ހަމަ ކުރުވަން ފެށުނީ އެ ހިސާބުންނެވެ. މޫނުމަތީގައި ފަންސުރު ތިކިތަކެއް ކަހަލަ ފަނޑު ލައްތަކެއް ހުއްޓަސް ދޮން ހަށިގަނޑުން، ނާޒިމަކަށް އައިބެއް ނުފެނުނެވެ. ނާޒިމުގެ ލޯ ރުހުނީ ދާދި އަވަހަށެވެ. ވިދަމުން ދިޔަ ރަން އިސްތަށިގަނޑުގައިވާ ރާޅުބާނިން ހިތުގައި އޮއިވަރެއް އުފެއްދުމުން ބޭނުންވީ އަންހެން ކުއްޖާއާއެކު ރާޅުގެ ތެރޭގައި ދުވެލާށެވެ. ވައިގެ ރިދަމް ތެރޭގައި އުދުހި، ރިޔަލުން ބަޑި ތަޅުވާލާށެވެ.

"ދުއްވަން ދަސްކުރާނަންތަ؟" ވިންޑްސާފު ސްކޫލާ ދިމާ ތިލަ ހިސާބުގައި ކަނދުމަތީ ފައި ހަރު ނުކުރެވިގެން އެތަކެއް ޓޫރިސްޓުންނެއް ގަނަތެޅެމުން ދާއިރު ނާޒިމު ދައުވަތު ދިނީ މާދުރުން އައިސް ވިލުތެރޭގައި ސްނޯކަލިން ކުރަން އުޅުނު އަންހެން ކުއްޖާއަށެވެ.

"އުމްމ...މީތީގަ ވަރަށް ދުރަށް ވެސް ދެވިދާނެތަ؟ އަހަރެން ވަރަށް ދުއްވާހިތްވޭ!" އަންހެން ކުއްޖާ ނާޒިމުގެ ދައުވަތު ގަބޫލު ކުރި އެވެ. ހީވީ ވަރަށް ދަހިވެތިފައި އޮތް ހެނެވެ. އަތުގައި އޮތް މާސްކުން ލޮނު ހުސްކޮށްލުމާއެކު އަރާ ކަނދުމަތީގައި ހުރަހަށް އިށީނެވެ.

"އެހެންޏަ! ކޮޅަށް ހުރެވެންޏާ ކިތަންމެ ދުރަކަށް ވެސް ދެވިދާނެ،"

އޯ، ހާދަ ރީއްޗޭ! ރިޔާ ފަރި ކުރަމުން ދިޔައިރު ނާޒިމު ބަލަމުން ދިޔައީ އަންހެން ކުއްޖާށެވެ. ކަނދުމައްޗަށް އެރުމާއެކު ނާޒިމް ރިޔާ ނަގާ ކޮޅަށް ޖެހި އެވެ. އެއާއެކު އިށީނދެ އިން އަންހެން ކުއްޖާއަށް އެއް އަތް ދިއްކޮށްލި އެވެ. ހިމަހިމަ އިނގިލިތަކުގެ ކުރި ނާޒިމުގެ އަތްތިލައިގެ ތެރެއަށް ވަންއިރު ހުރީ ކަނދުމައްޗައް ކޮޅަށް ތެދުވެ އެވެ.

ނާޒިމު، އަންހެންކުއްޖާ އޭނާއާ ގާތަށް ގެނެސް ރިޔަލުގެ ތަންޑު ހަވާލު ކުރި އެވެ. އަންހެން ކުއްޖާގެ ދެ އަތްތިލަ މަތީގައި ބާރަށް ހިފެހެއްޓުމަށްފަހު ރިޔަލުގައި ވައި އަޅުވައިލި އެވެ. ދެ ފަރާތުން ލޮނު ބުރުވާލުމަށްފަހު ކަނދު ދުއްވައިގަތެެވެ. އަންހެން ކުއްޖާގެ ބުރަކަށި ނާޒިމުގެ މޭ މައްޗަށް ތިރިވި އެވެ. ލުއި ވަހެއް އުފެއްދި އިސްތަށިގަނޑު ނާޒިމުގެ މޫނުމަތީގައި އެޅުނެވެ. ބައެއް އިސްތަށިތައް ވައިގެ ތެރޭ ނަށާލާފައި އައިސް ނާޒިމްގެ ކަށި ތުނބުޅީގައި ތަތްވެލި އެވެ.

ހާދަ ދޮން ހަށިގަނޑެއް! އަންހެން ކުއްޖާގެ ހަށިގަނޑުން ދުވާ މީރު ވަސް ނާޒިމުގެ ހިތް ފުރައިލި އެވެ.

"ކޮން ނަމެއްތަ ކިޔަނީ؟" ނާޒިމު ގަސްތުގައި އަންހެން ކުއްޖާގެ ކަންފަތާ ގާތަށް މޫނު ގެންދިޔަ އެވެ.

"އޯ! މައި ނޭމް.... އޯކިޑް!"

"އޯކިޑް!" ރިޔަލުގެ ތަންޑުން ނާޒިމަށް އަތް ދޫކޮށްލެވުނެވެ. ފުން ވިލުގެ ތެރެއަށް ރިޔާ ވެއްޓުނީ ކުއްލިއަކަށެވެ. އޯކިޑް އޮތީ ނާޒިމުގެ ބުރަކަށީ މަތީގަ އެވެ. ލޮނުގަނޑުގެ ތެރެއިން ނާޒިމް ބޯ ހިއްލައިލެވުނުއިރު އޯކިޑް އޮތީ ކަނދުގައި އަތް އަޅުވާލައިގެނެވެ.

"އޯކިޑް... ތީ މަލެއްނު، އެކަމަކު ޔުނީކް ނަމެއް. ވަރަށް ކިއުޓް.... އަހަންނަށް ކިޔަނީ ނާޒިމް... އޯކިޑް ތީ އިޓަލީ ކުއްޖެއްތަ؟" މޫނުން ލޮނުތައް ސާފު ކޮށްލުމަށްފަހު ނާޒިމް ސުވާލު ކުރި އެވެ.

"ނޫން! އަހަރެން ޖަރުމަން... ކީއްވެ ތިހެން ތިއެހީ؟ އިޓަލީ ކުއްޖަކާ ވައްތަރީތަ؟" އޯކިޑް ހީނލި އެވެ.

"މި ރިސޯޓަށް އާންމުކޮށް އަންނަނީ އިޓަލީ މީހުންވިއްޔަ... އަހަންނަށް އޯކިޑް ވަރަށް ރީތި!" ކަނދަށް އަރަން އުޅުމުގެ ތެރޭގައި ނާޒިމުގެ ފައި ކައްސާނުލީ ކިރިޔާ އެވެ.

"އެހެންތަ؟ ތެންކިޔޫ... ނާޒިމް ވެސް ވަރަށް ރީތި،" ހީވެސް ނުކުރާ ކަހަލަ ޖަވާބެއް އައުމުން އޯކިޑާއެކު ނާޒިމް ކަނދު ދުއްވާލީ ހަމަޖެހިލައިގަނެވެ. އިސާހިތަކު ހަރު ދުވެލީގައި ތޮށިމަތި ފަހަނައަޅާ މާކަނޑުގެ ރާޅުތަކު ތެރެއަށް ކަނދު އޮބާލި އިރު، އިރުގެ ދަޅައިގެ ތެރެއިން ރިސޯޓުގެ މަލަ ފެންނަނީ ފާޑަކަށް ފުސްކޮށެވެ. ދޮން ފަޅުގެ ކުލަ ވެސް ނެތެވެ. މާ ދުރަކަށް އޮބާފައި ވަނީ ރިހިކުލައިގެ ދޫލައެއް ކަހަލަ ލޮނުގަނޑެވެ.

"ރާއްޖެ ކިހިނެތް؟ ރީތިތަ؟ ވަރަށް ޕީސްފުލް ދޯ؟"

މާކަނޑުގެ މެދަށް ވައްޓާލި ކަނދުގެ އެއްފަރާތުގައި ބަނޑު އަޅާލައިގެން އޮތީ ނާޒިމެވެ. އަނެއް ފަރާތުގައި އޮތް އާއެނކޭ ބުނުމުގެ ގޮތުން ބޯ ޖަހައިލި އެވެ. އަދި ބުންޏެވެ: "އެންޑް ކޮލިޓީ ސާވިސް"

"އާނ! އަހަރެމެންގެ ޕޮލިސީ އަކީ ކޮލިޓީ!"

އަހަރެން ހިއެއް ނުކުރަން ނާޒިމް ކަހަލަ ރީތި ފިރިހެނުން މި ތާނގަ އުޅޭ ކަމަކަށް... ވަރަށް ރީތި! އޯކިޑްގެ ހިތް ނާޒިމް ގާތަށް ގެންދިޔަ އެވެ.

"އަދި ދުއްވާނަންތަ؟"

ނާޒިމް ވާހަކަ ދައްކަމުންދިޔައިރު ދެ ކަޅި ގެންގުޅުނީ އޯކިޑްގެ އިސްތަށިގަނޑުންނާއި ދަތްދޮޅިން ކަނދު މައްޗަށް ވެއްޓެމުންދިޔަ ލޮނު ތިކިތަކުގެ ތެރޭގަ އެވެ.

އަނެއްކާވެސް ދުއްވަން ފެށި އެވެ. ކުދި ރާޅުތައް މަތިން ކަނދު އުދުހޭއިރު އޯކިޑް ހުރީ ނާޒިމް އާ ކައިވަތެއްހާ ގާތުގަ އެވެ. ދުރަށް ދަތުރު ކުރަމުންދިޔައިރު ނާޒިމްގެ ނަޒަރު ސީދާވެފައިވަނީ އޯކިޑް މޭމަތި ނިވާކޮށް ބޮނބިފަޅިމަތިން އައްސާލާފައިވާ މަންޒަރު ފޮތި ކޮޅުގެ ތެރެއަށެވެ.

***

މުޅި ރސޯޓުވަނީ ނިވި ދިއްލޭ ކުލަބޮކިން ވިދުވާލާފަ އެވެ. "ހެޕީ ނިއު އިޔާ" ލިޔެފައިވާ ފުއްޕާހަންތައް ރިސޯޓަށް ބަންޑުން ކޮށްލާފައިވާއިރު ލޮބީއާ ނުހަނު ކައިރީގައި ދޮންވެލިން މުއްސަނދި ކޮށްފައިވާ ބާގެ އެތެރެއާ ބޭރުން ފެންނަނީ އުފަލުގެ ކުލަވަރެވެ. އަވަސް ލަވަޔައާއެކު ބާގެ ނަށާ ތަޅުންގަނޑު ކެކިއަރަމުންދިޔަ އެވެ. ބަނޑި ލައްވަމުން ފިތެމުންދިޔަ ދޮން ބުރަކަށިތަކެކެވެ. ލެނބެމުން ދިޔަ މޫނު ތަކެކެވެ. ފައި ހަމަ ކުރަމުން ދިޔައީ ކުޑަކަޅުވާތަކެކެވެ. ބައެއް ދިމާގައި ތުނި ދަވާދުގެ ހެދުމެވެ. ބައެއް ދިމަ ދިމާގައި ފުރަތަމަ ހަން އެކަންޏެެވެ.

ލަވައިން މުޅި ހިސާބު ގުގުމާ، ފަޒާ ފުރަމުން ދިޔައިރު އެކި ދިމަ ދިމާއިން ކަފި ކަތްޕަށް ޖައްވަށް އަރައިގެން އެހެރަ ދާ ބަޑިބޭހުގެ އަލިގުޅަތަކުގައި އުފެދެނީ އެއްކުލައެއް ދެކުލައެއް ނޫނެވެ. ޕަޓަޕަޓަލާފައި ބަޑި އުފައްދާލާ ފަހަރު ފަހަރު ހީވަނީ ކަންފަތުގެ މަދު ފިއްސާލައިފާނެ ހެނެވެ. އަހަރެއްގެ ނިމުމާއި އަހަރެއްގެ ފެށުން ހާދަ އުފާވެރި އެވެ. ޖެނުއަރީން އެކެއް އަންނަން، ދެން މާގިނަ އިރެއް ނުނަގާނެ އެވެ.
ބާ ތެރޭގައިވާ މޫނުތަކާއި މޭޒުތަކަށް ނާޒިމު ކަޅި އުކައިލި އެވެ. ދުރުގައި ހުރެ އެވެ.

އޯކިޑް! ނަށާތަޅުމަށް ބަލައިލި ވަގުތު އޯކިޑް ފެނުމުން ނާޒިމްގެ ހިތް ތެޅިގަތެވެ. އެހާ ދުރުން ވެސް އޯކިޑް ހަނާއަޅާލުމުން ވެސް ހިތް ފުރުނެވެ. އޯކިޑް ނާޒިމަށް ގޮވަނީ އެވެ. ލޭ ކޮޅެއް ކަހަލަ ރަތް ތުންފަތް ހިނިތުން ކުރުވައިގެން ހުރެ އެވެ.

އަހަރެން ދާންވީތަ؟ ދިވެހިންނަށް ބާ އަށް ނުދެވޭނެ ކަން އޯކިޑަށް އެނގޭނެ ނަމަ! ވަރަށް މަޑުމަޑުން ނާޒިމަށް ބުނެވެން އުޅުނެވެ.
ހަގީގަތުގައި ވެސް ނާޒިމަކަށް ނުދެވޭނެ އެވެ. އެއީ އެ ރިސޯޓުގެ އުސޫލާ ހިލާފު ކަމެކެވެ. އެއްވެސް ދިވެއްސަކަށް ބާގެ ވެލިގަނޑުގައި ފައެއް ނޭޅޭނެ އެވެ.

ލޮބީ ތެރެއިން ނުކުމެގެން ގޮސް ނާޒިމު ތަންކޮޅެއް ދުރުގައި ހުރި ރުކެއްގައި ލެނގިލީ އޯކިޑްގެ އިންތިޒާރުގަ އެވެ. ދޮން މޫނު ދެކިލުމަށް ނާޒިމް ބަލައިލި ތަންވަޅުވީ އެންމެ ނުބައި ވަގުތަށެވެ. ސުން ސިކުންތާއެކު މުޅި ރަށުން ކަރަންޓް ދުއްވައިލި އެވެ. މިނެޓް ކޮޅަކަށެވެ. "ހެޕީ ނިއު އިޔާ" ލިޔެފައިވާ އަލި ގުޅަތައް ފަޒާގެ ތެރެއަށް އަރައިގެން ދިޔަ އެވެ.

"އޭއި، ނާޒިމް... ހެޕީ ނިއު އިޔާ!" އުޑު މައްޗަށް ބަލަހައްޓައިގެން ހުއްޓާ ފަހަތުން ވިޝް ކުރުމުން ނާޒިމް ބަލައިލި އެވެ.

ހެޕީ ނިއު އިޔާ! އަނދިރީގެ ތެރޭ ޖެހި ފިތިގެން ހުރި އޯކިޑް ފެނުމުން ނާޒިމަށް އަނގައިން ބުނަން ވެސް ނޭގުނެވެ.

"އަހަންނަށް ވިޝް އެއް ނުކުރާނަންތ؟" އޯކިޑް ނާޒިމްގެ އަތުގައި ހިފި އެވެ.

"އޭމްސޮރީ... ހެޕީ ނިއު އިޔާ، އޯކިޑް!" ނާޒިމު ދުރަށް ޖެހިލި އެވެ. އެކަމަކު އޯކިޑް ހުރީ ނާޒިމުގެ އަތުގައި ހިފަހައްޓާލައިގެެނެވެ. އެއްވެސް ދުރު ކަމެއް ބާއްވަން އޯކިޑް ބޭނުންނުވާ ކަހަލަ އެވެ. އާ އަހަރުގެ ހަދިޔާއެއް އޭނާ ނާޒިމަށް ދިނީ ކުއްލިއަކަށް މޫނު ކައިިރި ކޮށްލުމަށްފަހު އެވެ.

ހަތަރު އަތް، ފުރަތަމަ ވަށައި ޖެހުނީ އަނދިރީގެ ތެރޭގަ އެވެ. މުޅި ރިސޯޓު އެކީ އެކައްޗަށް ދިއްލުނުއިރު ނާޒިމާއި އޯކިޑް ތިބީ ހަނދުވަރުގެ ރަންދާނަކަށް ވެފައިވާ ދޮންވެލި ގޮނޑުދޮށުގަ އެވެ. ނާޒިމްގެ އަތް ވަނީ އޯކިޑްގެ އުނަގަނޑުގައި ޖައްސާލައިފަ އެވެ. ރަން އިސްތަށިގަނޑާއެކު އޯކިޑްގެ ބޯ އަޅާލައިފައި ވަނީ ނާޒިމްގެ ކޮނޑުމަތީގަ އެވެ.

"ނާޒިމް، ކީއްވެ، ބާ އަށް ނައީ؟" ހުއްޓިފައި އޯކިޑް ސުވާލު ކުރިއެވެ.

"އަހަރެމެންނަށް މަނާވާނެ..." ވަރަށް ކުރުކޮށް ނާޒިމް ބުނެދިނެވެ. އެ ހިނދު ސިއްރު ސިއްރުން ބީއްސާލި ރާޅެއް އޯކިޑްގެ ދެ ފައިތިލަ މަތިން މޫދަށް ދަމާލި އެވެ. ހިނގަން ފެށި އެވެ. ކުރިޔަށް އަޅާ ކޮންމެ ފިޔަވަޅަކާއެކު ހުދުވެލިގަނޑު މަތީގައި ހަތަރު ފިޔަވަޅު އޮބެމުން ދިޔަ އެވެ.

ނާޒިމާއި އޯކިޑް މަޑުކޮށްލީ ވިންޑްސާފް ސްކޫލްގެ މަޑު ފަސްގަނޑު މަތީގަ އެވެ. މުޅި ތަނުގައި އަތުރާފައިވާ ރިޔާތަކާއި ވަރުވަރުގެ ކަނދުތަކުގެ ކައިރީގައި ނާޒިމާއި އޯކިޑް ހޭދަ ކުރަން ބޭނުންވީ އިރުކޮޅެއް ނޫނެވެ.

އޯކިޑް ހުރީ ނާޒިމްގެ ކުރިމަތީގައި ހެވިފަ އެވެ. ދުވާލު ލޮނުގަނޑު ތެރޭގަ އާއި ކަނދުމަތިން ފެނުނުއިރަށްވުރެ ހާސްބައި ސަޅި އެވެ. ނާޒިމަށް ހީވާ ކަހަލަ އެވެ. އެއީ އޭނާއަށްޓަކައި ހަނދުވަރު މަތީ ފަރިވި އޯކިޑް މަލެކެވެ.

ވަރަށް ލޯބި! އޯކިޑްގެ ކަންހުޅީގައި ނާޒިމްގެ އަތް ބީހުން ވަގުތު ދެ ލޯ މެރިގެން ދިޔަ އެވެ.

"އައި ލަވް ޔޫ، ނާޒިމް!" ހުޅުވިފައިވާ ރަތް ތުންފަތުގެ ތެރެއިން އޯކިޑްގެ އަޑު އައުމާއެކު ނާޒިމް އޯކިޑްގެ ގައިގަ ބައްދައިލި އެވެ.

"އައި ލަވް ޔޫ ޓޫ"

މެންދަމަށް ފަހު އަލިދަންމަތި އައިއިރު ވެސް އާ އަހަރުގެ މަޖަލުން ރިސޯޓު މިންޖެއް ނުވެ އެވެ. ނާޒިމާއި އޯކިޑް ހިނގަން ފެށި އެެވެ.
"ބަލާބަލަ؟" އަލި އެޅިފައިވާ މާ ގަސްތަކެއް ތެރޭގައި ކޯޅިކޯޅި އަށް ފަރިވެފައިވާ އޯކިޑް މާތަކެއް ދައްކާލަމުން ނާޒިމު އޯކިޑްގެ އަތުގައި ހިފި އެވެ.

"އޯކިޑް!" އެއްލި އަތުން ނާޒިމް މަލެއް ބިނދެލި އެވެ. އޯކިޑްގެ ރަން އިސްތަށިގަނޑުގައި މާ ހަރުކޮށްލަދިނެވެ.

އޯކިޑް އަހަރެންގެ މާ! ނާޒިމްގެ ހިތަށް އެރި އެވެ.

އޮޅުލައިގެނެވިފައިވާ ހިނގުމެއްގައި ހިނގަމުން ދެއެވެ. ފަނަރަ މިނެޓް ހިނގައިފި އެވެ. އެންމެ ފަހުން މަޑުމަޑުން މަސްތީ އާލަމުގައި ރޫހަށް އުފާ ލިބެމުން ގިސް އެފަދަ އެތައް ހިނދެއް ނާޒިމާއި އޯކިޑާ ދެމެދު އަވަދި ވެގެން ހިނގައްޖެ އެވެ. ނާޒިމުގެ ކޮޓަރީގަ އެވެ. އެތައް ދުވަހެއްގެ އުދާހެކެވެ. އެންމެފަހުން ނާޒިމު ލޯ މަރައިލި އެވެ. އެހާ ގާތުގައި ރުލެއްނެތި އޮތް އޯކިޑް ވެސް މަރު ނިންޖާ ކުރިމަތި ލި އެވެ.

***

"އޭއި ނާޒިމު!" އޯކިޑް ގޮވައިލުމުން ނާޒިމް ތެދުވެ ކަނދުގެ ރިޔާ ހެޔޮވަރު ކޮށްލި އެވެ. ލޮނުގަނޑު ކަފަން ފެށި އެވެ. ބޮޑު ދިޔާގައި އުފެދުނު ރާޅުތަކުގެ ފޮނުތައް ސުންނާފަތި ކުރަމުން އޯކިޑާއެކު ދަތުރަށް ފެށި އެވެ. އެތަކެއް މޭލު ދުރަށެވެ.

"އޯކިޑް" ނާޒިމް މަޑުމަޑުން ބުންޏެވެ.

"އޯކިޑް ފުރައިގެން ދިޔައިމަ އަހަންނަށް މިތާކު ނޫޅެވޭނެ... އޯކިޑާ ވަކިން ކެތެއް ނުވާނެ." ކަޅު ކަނޑުގެ މެދަށް ނާޒިމް ރިޔާ ދޫކޮށްލި އެވެ.
"ނޫން ނާޒިމް، ޖަރުމަން ވަނީ އެތަކެއް ސަތޭކަ މޭލު ދުރުގައި. އަހަރެން އަންނަންދެން ނާޒިމު ޖެހޭނެ ވަޒީފައިގައި ހުންނަން... ޕްލީޒް ސޭ ޔެސް،"

"ޔެސް" ކުއްލިއަކަށް ނާޒިމަށް ހޭލެވުނީ އެވެ. ރީތި ހުވަފެނެއްގެ މެދުތެރެއިންނެވެ. ދެން ބަލައިލީ އޯކިޑަށެވެ.

ކޮބާ އޯކިޑް! ލިބުނު ހައިރާން ކަމާއެކު ނާޒިމު ދުވެފައި ދިޔައީ ފާހާާނާއާ ދިމާއަށެވެ. އެތާނގެ ބޮކި ވަނީ ދިއްލާފަ އެވެ. އެކަމަކު އޯކިޑެއް ނެތެވެ. ތެޅިތެޅި އޮތް ހިތަކާއެކު ނާޒިމު ދިޔައީ ރިސެޕްޝަނަށެވެ.

"ރޫމް ނަމްބަރު 13 އަށް ގުޅައި ދެނިދާނެތަ... ނުނިމި އޮތް ބިލެއް އެބައޮތް!"

"އޯކިޑް ދޯ؟ ހެނދުނު ހަތެއްގެ ޓްރާންސްފާގައި އޭނަ ފުރައިފި! މިހާރު ވާނީ ހުޅުލޭގަ!" ކައުންޓަރުގައި ހުރި އަންހެންކުއްޖާ ކޮމްޕިއުޓަރުގެ ކީބޯޑު މަތީގައި އަތް ހިންގާލުމަށްފަހު ބުންޏެވެ.

ނާޒިމަށް ހީވީ ބިމަށް ގަނބައިގަތް ހެނެވެ. ގަބޫލެއް ނުކުރެވުނެވެ. އޭނާ އަލުން ކޮޓަރިއަށް ދިޔައީ އެތަކެއް ސުވާލަކާ އެކުގަ އެވެ. ކޮޓަރިއަށް ވަދެ އޮށޯވެލި އެވެ. އުއްމީދު ކުރަމުން އައި ކުލަތައް ފަނޑުވުމުން ވީ ދެރައިންނެވެ. ނާޒިމަކަށް ނޯވެވުނެވެ. ފުރޮޅިފުރޮޅިފައި އަތަށް ބާލީސް ނެގިވަގުތު، ކަޅި ހުއްޓުނެވެ. ބާލީސް ދަށުގައި މޯޅިވެފައި އޮތީ ނިއުއިޔާ ނައިޓްގައި އޭނާ ބިނދެ އޯކިޑްގެ ބޮލުގައި ހަރުކޮށްދިން މަލެވެ. ދެން އޮތީ ފަތް ޖަހާފައިވާ ކަރުދާސް ގަނޑެކެވެ.

ނާޒިމްގެ އަތްތިލަ ފުރަތަމަ ބީހުނީ މަލުގަ އެވެ.

އަހަރެން ބިނދެ ދިން އޯކިޑް! މަލުގައި ހިފަމުން ނާޒިމް ހިތާހިތާ ކިޔާލި އެވެ. ދެން ނިއުޅާލީ ކަރުދާސްގަނޑުން ބައެކެވެ. ފުރަތަމަ ބައިގައި ލިޔެފައިވެއެވެ:

ވެލަކްމް ޓޫ މައި ވޯލްޑް! ގެސް ވަޓް! (އަހަރެންގެ ދުނިޔެއަށް ނާޒިމަށް މަރުހަބާ ކިޔަމެވެ. މި ބުނި އެއްޗެއް ނަގައިގަނެވޭތޯ ކުޑަކޮށް ވިސްނާލާށެވެ) ނާޒިމް ވިސްނާލި އެވެ.

ސަޕްރައިޒެއް ދީފައި އަހަރެން ޖަރުމަނަށް ގެންދަނީ ކަންނޭންގެ! ނާޒިމު ހަށިފުރާ ނޭވާއެއްލި އެވެ. އުފާވެރި ކަމެއް ހިތަށް ވެރިވުމާއެކު ދެން އޮތް ބައި ނިއުޅާލި އެވެ. ކަރުދާސްގަނޑު ނާޒިމް އަތުން ދޫވި އެވެ. ހީވީ މިޔަ ތޫނު ވަޅިއެއް އޭނާގެ މެޔަށް ހަރާލި ހެނެވެ.

އެއިޑްސް! އޮތީ އެންމެ ލަފްޒެކެވެ.

ފިނިގަދަ ކޮޓަރީގެ ތެރޭގައި ނާޒިމްގެ ދެލޯމަރައިލި އެެވެ. ކަރުނަތައް ހޯސްލަމުން ދިޔައިރު އުދާހުން މުޅި ހަށިގަނޑު ކައްކާލައިފި އެވެ. ގަދަ ފިނީގައި ވެސް ދާހިތްލައި ފޯވެއްޖެ އެވެ. އަނެއްކާ ވެސް ނާޒިމް ކަރުދާސްގަނޑު ނަގައި ތިންވަން ބައިގައި ލިޔެފައިވާ ޖުމްލަ ކިޔަން ފެށި އެވެ.

ސޮރީ ނާޒިމް...ޑޯންޓް ޓްރައި ޓު ރީޗް މީ! ބައި ދަ ޓައިމް ޔޫ ރިސީވް ދިސް ނޯޓު، އައިވިލް ބީ މައިލްސް އަވޭ! (ނާޒިމް އެވެ. އަހަންނަށްމާފު ކުރާށެވެ. އަދި އަހަންނާ ހަމައަށް އައުމަށް މަސައްކަތް ނުކުރާށެވެ! މި ނޯޓު ކަލާއަށް ލިބޭއިރު އަހަރެންވާނީ ކަލާއާ އެތަކެއް ހާސް މޭލު ދުރުގަ އެވެ.)

ނާޒިމުގެ ލޮލުން ފައިބައިގަތް ކަރުނައިން ކަރުދާސްގަނޑު ފޯވި އިރުވެސް އޭނާ އިނީ އެވެ.

އޯކިޑް! އުއްމީދު ކުރަމުން އައި ހުޅުކޮޅުން އޭނާ އަންދާ ހުލިކޮށްލައިފި އެވެ. އެންމެ ރެއަކު ޖިސްމަށް ދިން އަރާމަކުން ޝިފާއެއްނެތް މަރުބަލީގެ ތެރެއަށް އޭނާ ގަންބާލުމުން މޮޔަވެއްޖެ އެވެ.

އޯކިޑް! ނާޒިމް އޯކިޑް މާ އަތަށް ނެގި އެވެ. އަތް ތުރުތުރު އަޅާވަރުން މަލުގެ ފިޔަތައް ތެޅެވެމުން ދިޔަ އެވެ.

ނާޒިމުގެ ބަޑި ފަޅައިގެން ދިޔަ އެވެ. ރުއިން ބާރުވެލާފައި މަޑުވަމުން މަޑުވަމުން ގޮސް ހިތުގައި ޖެހެމުން ދިޔަ އެވެ. އެ ނޫން ހާލެއް ނާޒިމަކަށް ނޯންނާނެ އެވެ. އެނދުމަތީގައި އޮތް އޯކިޑް މާ ވެސް މެންދުރެއްހާއިރު މޯޅިވެ މިލާނެ އެވެ. މާދަމާ ނާޒިމު ވެސް މަރުބަލީގައި ނޭވާ އުފުރި ދާނެ އެވެ. އޭނާ ވަނީ އެއިޑްސް ބަލީގެ ޝިކާރައަކަށް ވެފަ އެވެ. (ނިމުނީ)