ބޮލީވުޑް

ކުރީގެ ރީތި ބަތަލާއަށް އަޅާނުލައި، "އެއްލާލައިފި"

May 30, 2017

ސޯޝަލް މީޑިއާގައި ދައުރުވަމުން އަންނަ އެ ވީޑިއޯގައި ބަލި އެނދުގައި އޮތް މުސްކުޅި މަންމައަކު ރޮމުން ކިޔައިދެނީ އޭނާ ބަނޑުއަޅައި ވިހޭ އަމިއްލަ ދަރިފުޅު އޭނާ ހޮސްޕިޓަލަށް ދޫކޮށްލުމަށްފަހު ފިލި ވާހަކަ އެވެ.

އެ ދަރިފުޅު އޭނާއާ ދޭތެރޭ އިހާނެތިކޮށް ކަންތައް ކުރުމުން ވެސް އެގޮތަށް ހޮސްޕިޓަލަށް އެއްލާލާފައި ހިނގައިދާނެ ކަމަކަށް އޭނާ ކުޑަކޮށް ވެސް އުންމީދެއް ނުކުރެވެ. މިއީ 1972 ވަނަ އަހަރު ނިކުތް ފިލްމު "ޕާކީޒާ" ގައި ޖޫނިއާ އާޓިސްޓެއްގެ ގޮތުގައި ފެނިގެން ގޮސްފައިވާ ކުރީގެ ބަތަލާ ގީތާ ކަޕޫރުގެ ވާހަކަ އެވެ.

މިހާރު އުމުރުން 58 އަހަރުގެ ގީތާ އިންޑިއާގެ ނޫހަކަށް ހޮސްޕިޓަލުގައި އޮވެ ވަނީ އޭނާގެ ދަރިފުޅު ރާޖާ، އޭނާ ހޮސްޕިޓަލަށް "އެއްލާލުމަށް" ފަހު ފިލައިގެން ގޮސްފައިވާ ވާހަކަތައް އަސަރާއެކު ކިޔައިދީފަ އެވެ.

ގީތާ ހޮސްޕިޓަލުގައި އެޑްމިޓްކުރީ މިދިޔަ މަހުގެ 21 ވަނަ ދުވަހުއެވެ. ހޮސްޕިޓަލަށް ގެންދިޔައީ ބްލަޑް ޕްރެޝަރު މާ ބޮޑަށް ދަށްވެ ގައިގެ ވަރުދެރަވުމުންނެވެ.

ކޮރިއޮގްރާފަރެއްގެ ގޮތުގައި މަސައްކަތްކުރާ ރާޖާ ވަނީ އޭނާގެ މަންމަ ގީތާ މިދިޔަ މަހުގެ 21 ވަނަ ދުވަހު ހޮސްޕިޓަލަށް ގެންދިއުމަށްފަހު ހޮސްޕިޓަލުގައި އެޑްމިޓްކުރުމުގެ ކުރިން ދައްކަންޖެހޭ ޑިޕޮސިޓް ފައިސާ އެތާ ކައިރީގައި ހުރި އޭޓީއެމަކުން ނަގައިގެން އަންނާނެ ކަމަށް ބުނެ ގޮސްފަ އެވެ.

ނަމަވެސް މިއަދާ ހަމައަށް ވެސް ރާޖާ އޭނާގެ މަންމަ ބަލާ ހޮސްޕިޓަލަށް ގޮސްފައި ނުވާއިރު، ގީތާއަށް ހޮސްޕިޓަލުގައި ކުރި އެއްވެސް ފަރުވާ އަކަށް ފައިސާވެސް ދައްކާފައެއްނުވެ އެވެ.

ރޮމުން ގީތާ އޭނާގެ ދަރިފުޅު ހޮސްޕިޓަލަށް އެއްލާލުމަށްފަހު ގޮސްފައިވާ ކަމަށް ބުނެ ދައްކާފައިވާ ވާހަކަތަކުގެ ވީޑިއޯ ސޯޝަލް މީޑިއާގައި ދައުރުވާން ފެށުމުން ޕްރޮޑިއުސަރު ރަމޭޝް ތައުރާނީ އާއި އަޝޯކް ޕަންޑިތް ވަނީ ގީތާގެ ހޮސްޕިޓަލު ބިލުތަކަށް އަރާފާއިވާ 1.5 ލައްކަ ރުޕީޒް ދައްކާފަ އެވެ.

އަސަރާއެކު ގީތާ އޭނާގެ އަދުގެ ހާލަތު ކިޔައިދެމުން ވަނީ އޭނާ ހޮސްޕިޓަލުގައި އޮންނަތާ މަހަކަށް ވުރެން ގިނަ ދުވަސްވެފައިވާއިރު، އާއިލާގެ އެއްވެސް މީހަކު އޭނާގެ ހާލު ބަލަން ނައި ތަނުގައި ހޮސްޕިޓަލުން ޑިސްޗާޖް ކުރަން ވެސް ނާންނަ ކަމަށެވެ. ގީތާ ވަނީ ބަލިވެގެން ހޮސްޕިޓަލަށް ގެނައުމުން އޭނާގެ ދަރިފުޅު އެގޮތަށް ދޫކޮށްލާފައި ގޮސްދާނެ ކަމަކަށް ކުޑަކޮށް ވެސް އޭނާގެ ހިތަށް އޭރު ނާރާ ކަމަށް ބުނެފަ އެވެ.

ދަރިފުޅު ރާޖާ އޭނާއާ ދޭތެރޭ ވަރަށް އިހާނެތިކޮށް ކަންތައްކުރާ ކަމަށް ބުނަމުން ގީތާ ވަނީ ރާޖާ ހިލޭ އަންހެނުންނާ އެކު ބާއްވަމުން އަންނަ ގުޅުންތައް އޭނާ އަށް ކަމުނުދާތީ އެ ވާހަކަ ދައްކާތީ އޭނާގެ ގައިގަ ތަޅާ އަނިޔާކުރާ ކަމަށް ބުނެފަ އެވެ. އަދި ކާން ދެނީ ވެސް ހަތަރު ދުވަހުން އެއް ދުވަހު ކަމަށާއި ބައެއް ދުވަސް ދުވަހު ގޭގައި ވެސް ބަންދުކޮށްފައި ބަހައްޓާ ކަމަށެވެ. އުމުރުން ދުވަސްވީ މީހުން ތިބޭ އޯލްޑް އޭޖް ހޯމަކަށް އޭނާ ގެންދަން ރާޖާ މަސައްކަތްކުރި ނަމަވެސް އެކަމާ އޭނާ ދެކޮޅު ހެދުމުން އޭނާ ވަނީ ކާން ނުދީ ގިނަ ދުވަސްތަކެއް ވަންދެން ބަހައްޓާފަ އެވެ.

"ގިނަ ދުވަހު ނުކައި ހުރުމުގެ ސަބަބުން ބަލިވުމުން، ހޮސްޕިޓަލަށް ގެނެސް އެއްލާލާފައި ދިޔައީ. މިއީ އޭނާގެ ރޭވުމެއް" ގިތަ ބުނެފައިވެ އެވެ.

ގީތާ އަށް ފަރުވާ ދިން ޑޮކްޓަރު ޑިޕެންދްރަ ތްރިޕާތީ ބުނެފައިވާ ކަމަށް ނޫސްތަކުގައިވާ ގޮތުން ހޮސްޕިޓަލަށް ގެނެވުނުއިރު ގީތާގެ ހާލު ވަރަށް ދަށެވެ. ގިނަ ދުވަސްތަކެއް ވަންދެން ނުކައި ހުރުމުގެ ސަބަބުން އޭނާ އަނަރޫފަވެފައިވާއިރު، ބީޕީ ވެސް ވަނީ ވަރަށް ދަށްވެފަ އެވެ. އަދި އެހުރިހާ ކަމެއްގެ ސަބަބުން އޭނާ ޑިޕްރެޝަނަށް ވެސް ފަރުވާ ހޯދަމުން އަންނަ ކަމަށް ވަނީ ބުނެފަ އެވެ.

ހޮސްޕިޓަލަށް ދައްކަން ޖެހޭ ފައިސާތައް ނުދައްކައިގެން ރާޖާއާ ދެކޮޅަށް ވަނީ ފުލުހަށް މައްސަލަ ވެސް ހުށަހަޅާފަ އެވެ. ނަމަވެސް އޭނާ އުޅެނީ ފިލައިގެން ކަމަށްވެ އެވެ. އަދި އޭނާ ފިލާފައި ވަނީ އެމީހުން ދިރިއުޅެމުން ދިޔަ ފްލެޓް ވެސް އެހެން ބަޔަކަށް ކުއްޔަށް ދިނުމަށްފަހު އެވެ.

"ޕާކީޒާ" ގައި އޭރުގެ މަޝްހޫރު ތަރިން ކަމަށްވާ މީނާ ކުމާރީ އާއި ރާޖް ކުމާރު އަދި އަޝޯކް ކުމާރު ވަނީ ފެނިގެން ގޮސްފަ އެވެ.