ރާއްޖޭގައި ޓެރަރިސްޓް ހަމަލާއެއް ދީފާނެ ކަމުގެ ބިރު އެބައޮތް ކަމަށާއި ރާއްޖެއަށް ދަތުރުކުރާ އިނގިރޭސިވިލާތުގެ ރައްޔިތުން އެކަމަށް ސަމާލުވާން އެގައުމުން އަންގައިފި އެވެ.
އިނދިރޭސި ވިލާތުގެ ފޮރިން މިނިސްޓްރީން ނެރުނު ޓްރެވަލް އެޑްވައިޒަރީއެއްގައި ބުނެފައިވަނީ ޓޫރިސްޓުންނާއި ބިދޭސީން އާންމުކޮށް އެއްވެ އުޅޭ ސަރަހައްދުތަކުގައި ޓެރަރިސްޓް ހަމަލާއެއް ދީފާނެ ކަމުގެ ބިރު އޮތް ކަމަށާއި އެކަމަށް ޔޫކޭގެ ރައްޔިތުން ސަމާލުވާން ޖެހޭ ކަމަށެވެ.
ޓްރެވަލް އެޑްވައިޒަރީ އެހެން ބުނެފައިވާ ގޮތުގައި އެ ބިރުވެރިކަމަކީ ފަހަކަށް އައިސް އީރާގާއި ސީރިއާގައި ހިނގަމުންދާ ހަމަނުޖެހުމުގެ ސަބަބުން ކުރިމަތިވެފައިވާ ބިރުވެރި ކަމެއް ކަމަށެވެ. އަދި އެކަމުގެ ސަބަބުން އިނގިރޭސީންނަށް ހަމަލާއެއް އަތުވެދާނެ ކަމަށެވެ.
ޔޫކޭގެ ސިއްހީ ނިޒާމާ ހަވާލާދީ ޓްރެވަލް އެޑްވައިޒަރީގައި ބުނެފައިވަނީ ރާއްޖޭއިން ވޭތުވެދިޔަ ހަ މަސް ދުވަހުގެ ތެރޭގައި ޒިކާ ވައިރަސްގެ ކޭސްތައް ފެނިފައިވާ ކަމަށާއި ޒިކާ ވައިރަސް ފެތުރެމުގެ ބިރު އޮތް ކަމަށެވެ. އަދި ރާއްޖެއިން އެކަމަށް އެކަށީގެންވާ ސިއްހީ ފަރުވާ ނުލިބިދާނެ ކަމުގެ ކަންބޮޑުވުން ފާޅުކޮށް ޓްރެވަލް އެޑްވައިޒަރީގައި ބުނެފައި ވެއެވެ.
އޮސްޓްރޭލިޔާގެ ސަރުކާރުން ވެސް ވަނީ ރާއްޖޭގައި ޓެރަރިސްޓް ހަމަލާއެއް ދީފާނެ ކަމަށް ބުނެ އެކަމަށް ސަމާލުވާން އަންގާފަ އެވެ. އެކަމާއި ގުޅިގެން ނެޝަނަލް ކައުންޓަ ޓެރަރިޒަމް ސެންޓަރުން ބުނެފައިވަނީ އެކަން ހުއްޓުވަން ގައުމީ ސިޔާސަތެއް ކަނޑައަޅައި އެމަސައްކަތް ކުރެވެމުން އަންނަ ކަމަށެވެ.