މޯރިސް ބިއުކާއި ދުނިޔޭގެ އަލިކަން ދެކެވަޑައިގެންނެވީ 1920 ވަނަ އަހަރުއެވެ. އޭނާ އަކީ ފަރަންސޭސިވިލާތުގެ ނަސާރާ އާއިލާއެއްގެ މެމްބަރެކެވެ. އޭނާ އަވަހާރަވީ 1998 ވަނަ އަހަރުއެވެ.
ޑރ. ބިއުކާއީ އަކީ މަޝްހޫރު ޑޮކްޓަރެކެވެ. ޑޮކްޓަރެއްގެ ހައިސިއްޔަތުން އޭނާ ކުރައްވާފައިވާ ބައެއް ފާހަގަކޮށްލެވޭ މަސައްކަތްޕުޅުގެ ތެރޭގައި ސައުދީ ޢަރަބިއްޔާގެ ކުރީގެ ރަސްގެފާނުގެ ޚާއްސަ ޑޮކްޓަރެއްގެ މަގާމާއި މިސްރުގެ ކުރީގެ ރައީސް އަންވަރުއް ސާދާތުގެ އާއިލީ ޑޮކްޓަރުގެ މަގާމު ފުރުއްވުން ހިމެނެ އެވެ.
އޭނާ އަކީ މިޒަމާނުގެ ކުރިއަރާފައިވާ ސައިންސްގެ އަލީގައި ހޯދިފައިވާ ގިނަ ހޯދުންތައް މީގެ 1400 އަހަރު ކުރިން ކީރިތި ޤުރުއާނުގައި އަންގަވާފައިވާކަން ދެނެގަތް ފުރަތަމަ ސައިންސްވެރިންގެ ތެރޭގައި ހިމެނިވަޑައިގެންނެވި ބޭފުޅެކެވެ. އެ ދާއިރާއިން އޭނާ ލިއުއްވި ފޮތް "ޤުރްއާން ބައިބުލް އެންޑް ސައިންސް" އަކީ ދުނިޔޭގައި ބޮޑު ސަމާލުކަމެއް ލިބުނު ފޮތެކެވެ.
ޑރ. ބިއުކާއީ ވިދާޅުވެފައިވާ ގޮތުގައި އެހެން ގިނަ ފަރަންސޭސީންނެކޭ އެއްގޮތަށް އޭނާ ވެސް ކުރިން އިސްލާމް ދީނާއި މެދު ދެކެވަޑައިގަންނަވަމުން ގެންދެވީ އެއީ ވަރަށް މޮޅު މީހަކު (މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމް) އަމިއްލަ ފުޅަށް އުފެއްދެވި ދީނެއް ކަމަށެވެ. ޕްރޮފެޝަނަލް ސާޖަން އަކަށް ވުމަށް ފަހު އޭނާގެ އެ ޚިޔާލާތާއި ދެކޮޅަށް ހެކި ދައްކާ ގިނަ ޢަދަދެއްގެ މީހުންނާ އޭނާއާ ބައްދަލުވެވަޑައިގަންނަވަން ފެށިއެވެ. އިސްލާމްދީނާއި މެދު އޭނާ ގެންގުޅުއްވި ހިޔާލާތަކީ ދޮގުކަން ސާބިތުކޮށްދޭ ފަދަ އާޔަތްތައް މީހުން އޭނާއަށް އިއްވަން ފެށި އެވެ.
އިސްލާމްދީނާއި މެދު ދެކެވަޑައިގެންނެވެނީ ރަނގަޅަށް ކަމަށް ނުވަތަ ނޫންކަމާއި މެދު ޝައްކު ކުރެއްވެން ފެށްޓެވީ އެހިސާބުންނެވެ. ދެން ބޭނުންވެވަޑައިގެންނެވީ ޤުރުއާން މުރާޖަޢާ ކުރައްވާށެވެ.
ކީރިތި ޤުރުއާން ދިރާސާ ކުރެއްވުން
ޤުރުއާނުގެ ތަރުޖަމާތައް ވިދާޅުވެގެން އެ ފޮތް ރަނގަޅަށް ދިރާސާ ކުރެއްވިދާނެ ކަަމަކަށް ޑރ. ބިއުކާއީ ގަބޫލެއް ނުކުރައްވައެވެ. އެ މަސައްކަތް ރަނގަޅަށް ކުރެއްވޭނެ ހަމަ އެކަނި ގޮތެއް ކަމަށް އޭނާ ދެކެވަޑައިގެންނެވީ ޢަރަބި ބަސް ރަނގަޅަށް ދަސް ކުރެއްވުމެވެ. އެގޮތަށް ގަބޫލުކުރެއްވުނު ފަހުން ދެން އައި ދެ އަހަރު ދުވަސް އޭނާ ހޭދަކުރެއްވީ ޢަރަބި ބަސް ދަސްކުރެއްވުމުގައެވެ. އިންސާފުވެރިކަމާއި އެކު އެއްވެސް ޝައްކެއް ނެތި ޤުރުއާން މުރާޖަޢާ ކުރެއްވޭ ވަރަށް އޭނާ ޢަރަބި ބަސް ދަސްކުރެއްވި އެވެ.
" އަހަރެން ވަރަށް ފަރުވާތެރި ކަމާ އެކީ ޤުރުއާން އުނގެނުނިން. އަހަރެންނަށް އެނގުނީ ސައިންސްގެ ހޯދުންތަކާއި ހިލާފުވާ އެއްވެސް ކަމެއް އެ ޤުރުއާނުގައި ނުވާކަން. އަދި ޤުރުއާނުގައި ވަނީ ތެދުގެ އެންމެ މަތީ ދަރަޖަ ކަން،" ކީރިތި ޤުރުއާން މުރާޖަޢާ ކުރެއްވުމުގެ މަސައްކަތް ޕުޅުން ލިބިވަޑައިގެންނެވި ނަތީޖާއާއި ބެހޭ ގޮތުން ޑރ. ބިއުކާއީ ވިދާޅުވި ކަމަށް ދަ އިސްލާމިކް ބްލެޓިންގައި ވެއެވެ.
ޤުރުއާނުން އޭނާއަށް ފެނިވަޑައިގެންނެވި ހަގީގަތްތަކާއި އެކު އޭނާއަށް ޔަގީން ކުރެއްވުނީ އެއީ އިންސާނެއްގެ މަސައްކަތް ނޫންކަން ކަމަށެވެ. އޭނާއަށް ގަބޫލު ކުރެއްވުނު އަނެއް ހަގީގަތަކީ ނަޞާރާއިންގެ ފޮތް " ބައިބުލް"ގައިވާ ވާހަކަތަކާއި ސައިންސާ ފުށުއަރާ ކަމެވެ.
އިސްލާމް ދީން ގަބޫލުކުރެއްވީ ކީއްވެ؟
ޑރ. ބިއުކާއީ ވިދާޅުވެފައި ވަނީ ޤުރުއާން މުރާޖަޢާ ކުރެއްވުމުގެ ކުރިން ވެސް އޭނާއަށް ﷲގެ ކުޅަދުންވަންތަކަމާއި މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމްގެ ރިސާލަތުގެ ތެދުކަން މަޢުރިފާ ކުރެއްވެން ފެށްޓެވި ކަމަށެވެ. އަދި އެޤުރާން މުރާޖަޢާ ކުރައްވަން ފެށްޓެވުމުން ﷲ އަކީ އެއްކައުވަންްތަ އިލާހު ކަމަށާއި މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސަލަމް އަކީ އެކަލާންގެ ފޮނުއްވި އެންމެ ފަހު ރަސޫލާ ކަމަށް ގަބޫލުކުރުމަށް ނަފުސު ގޮވަން ފެށި ކަމަށް އޭނާ ވިދާޅުވެފައި ވެއެވެ.
" ބިސްމިﷲ ގައި ހިމެނޭ ފުރަތަމަ އަކުރު ދަސްކުރުމުގެ ކުރިން ވެސް އަހަރެންނަށް ގަބޫލު ކުރެވެން ފަށައިފި ކަލާންގެ އަކީ އެއްކައުވަންތަ އިލާހުކަން. ދެން ޤުރުއާން ކިޔެވުމަށް އެކަލާންގެ އަހަރެންނަށް މަގު ދެއްކެވުމުން އަހަރެންގެ ނަފުސު ރޮއެފައި ގޮވަން ފެށި ޤުރުއާނަކީ އެކަލާންގެ އެންމެ ފަހުގެ ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް އަށް ބާވައިލެއްވި ވަހީ ބަސްފުޅުކަން ޤަބޫލު ކުރުމަށް،" ޑރ. ބިއުކާއީ ވިދާޅުވެފައި ވެއެވެ.
އިސްލާމްދީނުގެ ހިދާޔަތު ލިބިވަޑައިގެންނެވީއްސުރެ އޭނާގެ އެންމެ މުހިއްމު މަސައްކަތްޕުޅަކަށްވީ ކީރިތި ޤުރުއާނުގައިވާ ސައިންސްގެ ހަގީގަތްތައް އެހެން މީހުންނަށް ދެއްކެވުމެވެ. އެދާއިރާއިން ފޮތްތައް ލިއުއްވައި ބަހުސްތައް ކުރައްވާފައި ވެއެވެ. އަދި އޭނާގެ މަސައްކަތްޕުޅުގެ ސަބަބުން އިތުރު އެތައް ސައިންސްވެރިންނެއް އެ ހަގީގަތް ގަބޫލު ކުރެއްވި އެވެ.