ދީން

ބިލާލް ފިލިޕްސް: ކަލަކު ވޮޑިގެންވާކަން ވިސްނުނީ ބިރުވެރި ހުވަފެނަކަށް ފަހު

ކެނެޑާއަށް އުފަން ޑރ. ބިލާލް ފިލިޕްސް ( އަބޫ އަމީނާ) އަކީ އިތުރު ތަައާރަފަކަށް ބޭނުންވާ ވަރަށް ވުރެ މަޝްހޫރު ބޭފުޅެކެވެ. އޭނާ ވަނީ އިސްލާމްދީނުގެ އެކި ދާއިރާތަކުން ޑިގްރީތައް ހާސިލުކުރައްވަމުން ވަޑައިގެންް ޑޮކްޓަރޭޓް ޑިގްރީ ހާސިލުކުރައްވާފައެވެ. އަދި ލިބިވަޑައިގެންނެވި އިލްމުގެ ބޭނުން އެންމެ ހެޔޮ ގޮތުހައި ހިއްޕަވައި، ފޮތްތައް ލިއުއްވައި ދުނިޔޭގެ އެކި ކަންކޮޅުތަކަށް ވަޑައިގެން ދީނުގެ ދައުވަތު ދެއްވަމުން ގެންދަވައެވެ.

ކެނެޑާގެ ނަސާރާ އާއިލާއަކަށް އުފަން ބިލާލް ފިލިޕްސް ބޮޑުފުޅުވީ ނަސާރރާއެއްގެ ގޮތުގައެވެ. އިސްލާމް ނުވާ އިރު އޭނާގެ ނަމަކީ ޑެނިސް ފިލިޕްސްއެވެ. އުމުރުގެ ވަކި ހިސާބަކުން އޭނާ ނަސާރާ ދީން ވެސް ދޫކޮށްލެއްވިއެވެ. އެއީ ކޮމިއުނިޒަމްގެ ތެރެއަށް ވެދެވަޑައިގެންނެވުމުން، ކަލަކު ވޮޑިގެން ނުވާ ކަމުގެ އަގީދާ ސިކުނޑީގައި ހަރުލުމުންނެވެ.

އިސްލާމްދީނުގެ ހިދާޔަތު ލިިބިވަޑައިގެންނެވި ގޮތާ ބެހޭ ގޮތުން ޑރ. ބިލާލު ވަނީ ވަރަށް ދިގުކޮށް ވާހަކަ ދައްކަވާފައެވެ. އެގޮތުން ކިއުއްވައި ދެއްވާފައިވާ ވާހަކަފުޅުތަކުން އެނގޭ އެންމެ މުހިއްމު ކަމަކީ ހެޔޮ ގޮތް ހޯއްދަވަން ކެނޑި ނޭޅި މަސައްކަތް ކުރެއްވި ކަމެވެ. އެކަމުގައި ގައުމުތަކަށް ދަތުރުވެސް ކުރެެއްވިއެވެ.

ކަލަކު ވޮޑިގެންވާ ކަން ވިސްނުނު ހުވަފެން


މިސްރުގެ މަޝްހޫރު އިލްމުވެރިއެއް ކަމަށްވާ މުޙައްމަދު ޤުތުބާއި ޕާކިސްތާނުގެ އަބުލް އައުލލާ މައުދޫދީގެ ފޮތްތައް ކިއުއްވުމުން ފިލިޕްސް އަށް ވިސްނިވަޑައިގެންނެވީ މުޖުތަމައަށް އެންމެ ރަނގަޅު އުސޫލުތަކެއް ހުރީ އިސްލާމްދީނުގައި ކަމެވެ. ނަމަވެސް ކަލަކު ވޮޑިގެންވާ ކަން ގަބޫލު ނުކުރާ މީހެއްގެ ގޮތުގައި އެތައް އަހަރެއް ހޭދަކޮށްފައި ވުމުން ، އެކަން އަލުން ގަބޫލުކުރުންް އޭނާއަށް ވީ ވަރަށް ދަތި ކަމަަކަށެވެ.

" އަހަރެން ދިރިއުޅުނު ކޮޓަރިއަށް މީހުން އަންނާނެ ގެންގުޅޭެ ފޮތްތައް ކިޔަން، އެއީ އެފޮތްތައް ގެންދަން އަހަރެން ގަބޫލުނުވާތީ، އެގޮތުން އެއް ދުވަހަކު ކޮޓަރީގައި ފޮތް ކިޔަން މީހުން ތިބި. އަހަރެން އޮތީ އެނދުގައި އޮށޯވެލައިގެން. މީހުން ތިބިކަން އަހަރެންނަށް އިނގޭ އެކަމަކު އަހަރެންނަށް ހުވަފެނެއް ފެނުނީ. އަހަރެން އޮތީ ދެބަދޭތެރޭގައި ކަހަލަ ގޮތަަކަށް،" އަމިއްލަ ބާރެއް ނެތްކަން ދޭހަވީ ހުވަފެން ފެނުނު އިރު ހާލަތު އޮތް ގޮތް ކިއުއްވައި ދެއްވަމުން ބިލާލު ވިދާޅުވެވައި ވެއެވެ.

އޭނާއަށް ހުވަފެނުގައި ފެނިވަޑައިގެންްނެވީ ވަރަށް ބޮޑު އަނދިރި ގުދަނަކަށް ވެދެވަޑައިގެން އުޅުއްވާ ތަނެވެ. އެ ގުދަނުގެ އެތެެރެއަށް ދާ ވަރަކަށް ވަނީ އަނދިރިއެވެ. އެކަމަކު ގުދަނަށް ވަދެވުނު ދޮރުން އަލިކަން ފެނެއެވެ. ހިނގަމުންދާ ވަރަކަށް އެ އަލިކަން ދިޔައީ ކުޑަވަމުންނެވެ.

" އެތެރެއަށް ދިޔަ ވަރަކަށް އަހަރެންގެ ހިތުގައި ބިރުވެރިކަން އުފެދެމުން ދިޔަ އަހަރެންނަށް އެތަނުން ނުނިކުމެވިދާނެތީ. އަހަރެން ދިޔައީ ގަވައިދުންް ފަހަތް ބަލަމުންް. އަހަރެން އެތަނަށް ވަތް ދޮރު އޭރުވެސް ފެންނަން ހުރި. ކޮންމެ ފަހަރަކު ބަލާލާއިރު ވެސް އެދޮރުފެނޭ. އެ ދޮރު ކުޑަވަމުން ދިޔަ ނަމަވެސް. އެންމެ ފަހުން އަހަރެން ބަލާ ލި އިރު ނިކުންނާނެ ދޮރެއް ނެތް،" ފިލިޕްސް ވިދާޅުވެފައި ވެއެވެ.

ދެން އޭނާގެ ހިތަށް ވަންނަމުން ދިޔަ ބިރުވެރިކަމަކީ އެތަނުން މިހާރު ނުނުކުމެވިއްޖެ ނަމަ ދެން ނުނިކުމެވޭނެ ކަމުގެ ބިރެވެ. އެހެންވެ ބޭނުންވީ ކޮޓަރީގައި ތިބި މީހުންގެ އެހީތެރިކަމަށް އެދޭށެވެ. އެކަމަކު ބުނި އެއްވެސް ލަފުޒެއްގެ އަޑެެއް ބޭރެއް ނުވިއެވެ. ދެން އަހަރެންނަށް ވިސްނުނީ އަހަރެން މުޅިން ގެއްލިއްޖެ ކަމެވެ.

" އެކަން އަހަރެންނަށް ވިސްނި، އުއްމީދު ކަނޑައިލި ވަގުތު އަހަރެންނަށް ހޭލެވިއްޖެ. އަހަރެން އިށީނދެ އެކަމާ ވިސްނިން. އެކަންވީ އަހަރެމެންގެ ބާރު ނުހިނގާ ކަންތައްތަކެއް ދިރިއުޅުމުގައި ވާކަަން ކަށަވަރުވުން ކަހަލަ ކަމަކަށް. އެހާލަތުން އަހަރެންނަށް އަމިއްލަ ނަފުސު ސަލާމަތެއް ނުކުރެވުން. ކޮޓަރީގައި ތިބި މީހުންނަށް އެކަމުގައި އަހަރެންނަށް އެހީތެރިވެއެއް ނުދެވުން. އެކަމުން އަހަރެންނަށް ތަފާތު ގިނަ އަސަރުތަކެއް ކުރުވި. އޭގެ ކުޑަ ދުވަސްކޮޅެއްގެ ފަހުން އަހަރެން ނިންމީ އިސްލާމްވާން،" ޑރ. ބިލާލް ފިލިޕްސް އިސްލާމްވެ ވަޑައިގެެންނެވީ އެހާދިސާއާ ގުޅިގެންނެވެ.