ރިޕޯޓް

މުހައްމަދު އަލީ ކްލޭ އިސްލާމްވީ އެއްރެއެއްގައި ދިމާވި ކަމަކުން

މަޝްހޫރު ބޮކްސިން ތެޅުންތެރިޔާ މުޙައްމަދު ޢަލީ ކްލޭ ނިޔާވީ މިދިޔަ 2016 ވަނަ އަހަރުގެ ޖޫންމަހުގެ ތިން ވަނަ ދުވަހުއެވެ. އެމެރިކާގައި އުފެދުނު އެންމެ މަޝްހޫރު އެއް ބޮކްސިން ތެޅުންތެރިޔާ އިސްލާމްވީ ގޮތާ ބެހޭ ގޮތުން ތަފާތު އެތައް ވާހަކައެެއް ނޫސްތަކާއި މަޖައްލާތަކުގައި ކުރިން ވަނީ ޝާއިއު ކޮށްފައެވެ.

މުޙައްމަދު ޢަލީ ކްލޭ އުފަންވީ 1942 ވަނަ އަހަރުގެ ޖެނުއަރީމަހުގެ 17 ވަނަ ދުވަހުއެވެ. އިސްލާމް ނުވާއިރު އޭނާގެ ނަމަކީ ކެސިއަސް މާސެލަަސް ކްލޭ ޖޫނިއާ އެވެ. އޭނާއަކީ 20 ވަނަ ގަރުނުގައި އުފެދުނު އެންމެ މަޝްހޫރު ކުޅިވަރު ޝަޚުސިއްޔަތުތަކުގެ ތެރެއިން އެކަކެވެ.

އަލީ އިސްލާމްވީ ގޮތާއި ބެހޭ ގޮތުން އެންމެ ފުރަތަމަ ޝާއިއު ކުރި ލިއުމަކީ 1967 ވަނަ އަހަރު ޝާއިއުކުރި ފޮތް " ބްލެކް އިޒް ދަ ބެސްޓް، ދި ރިޑްލް އޮފް ކެސިއަސް ކްލޭ" އެވެ. ކުޅިވަރާ ބެހޭ ލިއުންތައް ލިއުމުގައި މަޝްހޫރުކަން ހޯދާފައިވާ ޖެކް އޮލްސެން ލިއުނު އެފޮތުގައި ކްލޭއާ ހަވާލާދީ ބުނެފައި ވަނީ އޭނާ އިސްލާމް ވުމަށް މެދުވެރިވި ހާދިސާ ހިނގީ ހާލިމްގެ މަގެއްގެ ކަންމަތީގައި ހިނގި މުއާމަލާތަކުންނެވެ. ނަމަވެސް އޮލްސެން ގާތު ކްލޭ ފަހުން ބުނެފައި ވަނީ އޭނާ އިސްލާމްވީ 1960 ވަނަ އަހަރު މިއާމީގައި ބޭއްވި" ދި ނޭޝަން އޮފް އިސްލާމް( އެމެރިކާގައި ކުރިން ހިންގި މުސްލިމުންގެ ޖަމިއްޔޔާއެއް)ގެ ބައްދަލުވުމަކުންނެވެ. ނަމަވެސް އޭނާ އިސްލާމްވުމަށް މެދުވެރިވި ބައްދަލުވުން އޮތީ 1961 ވަނަ އަހަރު ޗިކާގޯގައި ކަމަށް ވެސް ފަހުން ބުންޏެވެ.

އެހުރިހާ ވާހަކަތަކަކަށް ފަހު ، ކްލޭ އިސްލާމްވީ އަސްލު ސަބަބުކަމަށް ގަބޫލުކުރަން މާ ފަސޭހަ ވާހަކައެއް މިހާރު ވަނީ އާއްމުވެފައެވެ. އެެއީ އޭނާ މަރުވިތާ އެއް އަހަރު ފުރުމާ ދިމާކޮށް، ދަ ޓައިމްސް ނޫހުން މިމަހުގެ ދެވަނަ ދުވަހު އާއްމުކުރި، ކްލޭގެ ސިޓީއެއްގެ ބަޔަކުންނެވެ. ސިޓީއެއްގެ އެ ތަަންކޮޅަކީ ކްލޭ އާއެކު ޒަވާޖީ ހަޔާތެއްގައި ދުވަސްތަކެއް ހޭދަކުރި ޚާލިއާ ކަމާކޯ ޢަލީ ، ލިއުންތެރިޔާ ހައުފްޓަން މިފްލިން ހާކޯޓަށް ހަދިޔާކުރި ލިއުމެކެވެ. ހާކޯޓް އަންނަ އޮކްޓޯބަރު މަހު ނެރެން ތައްޔާރުކޮށްފައިވާ ފޮތް " އަލީ އަ ލައިފް" ނަމަކަށް ކިޔާ ފޮތުގައި އެ ލިއުން ވަނީ ހިމަނާފައެވެ.

ކަމާކޯ ކްލޭ ޓައިމްސް އަށް ބުނެފައިވާ ގޮތުގައި 1960ގެ އަހަރުތަކުގެ ތެރެއިން އަހަރެއްގައި އޭނާ ފޮނުވި އެ ސިޓީގައި ސިފަކޮށްފައި ވަނީ ނޭޝަން އޮފް އިސްލާމް އިން އޭރު ނެރެމުން ދިޔަ ނޫސް " މުޙައްމަދު ސްޕީކްސް" އިން އޭނާއަށް ފެނުނު ކާޓޫނެކެވެ. ސިޓީގައި އޭނާ ލިޔެފައި ވަނީ އެ ކާޓޫނުން ދައްކުވައި ދެނީ ދޮންމީހުންގެ އަޅުންގެ ގޮތުގައި ތިބި ކަޅުމީހުންގެ ގައިގައި ދޮންމީހުން އަނިޔާވެރިކަމާއި އެކު ތަޅައި އުޅުގޮތެވެ. އެމީހުން އަޅުކަން ކުރަންވާނީ ޖީސަސް( ޢީސާ ޢަލައިހިއްސަލާމް) އަށް ކަމަށް ހެދުމަށް ބާރު އަޅާ ހާލުގައެވެ.

" އޭގެ ސަބަބުން އަހަރެންނަށް ކަމެއް ވިއެވެ. އެއިން އަހަރެންނަށް ކަމެއް އިހުސާސް ވިއެވެ،" ސިޓީގައި ކްލޭ ލިޔެފައި ވެއެވެ.

މުޙައްމަދު ޢަލީގެ ސިޓީން ތަންކޮޅެއް

" އެއް ރެެއެއްގައި ލުއިސް ވިލީގެ ސްކޭޓިން ރިންކެއްގައި ( އަހަރެން އޭރު ވަނީ ގެއަށް ދިއުމުގެ މަގުމަތީގައެވެ.) އެެ ސްކޭޓިން ރިންކް އޮތީ ބްރޯޑްވޭ ސްޓްރީޓްގެ ނުވަ ވަނަ( ގޯޅީ)ގައެވެ. އިމާރާތުގެ ބޭރުގައި އޮތް ގާތްގަނޑަކަށް 400 މީހުންގެ ބައިގަނޑެއްގެ ތެރޭގައި އަހަރެން ހުއްޓައި، އެ އެންމެންނަކީ ވެސް ކަޅުމީހުންނެވެ. ހުރިހާ ކަޅު ފިރިހެން ކުދިންނެކޭ އެއްގޮތަށް އަހަރެން ވެސް ހުރީ އެއްޗެއް ބުނެލަން ރީތި އަންހެން ކުއްޖަކު ފެނޭތޯއެވެ. ކަޅުކުލައިގެ މުހައިރް ސޫޓަކާއި ހުދު ގަމީހެއް ލައިގެން ކަޅު ކުލައިގެ ބޯ ޓައިއެއް އަޅައިގެން ހުރި ކަޅު އަޚަކު " މުޙައްމަދު ސްޕީކްސް " ނަމަކަށް ކިޔާ ނޫހެއް ވިއްކަން އައެވެ. އެއީ މުހައްމަދު ސްޕީކްސް ނަމަކަށް ކިޔާ ނޫސް އަހަރެންނަށް ފެނުނު ފުރަތަމަ ފަހަރެވެ. އެ އަޚު އަހަރެންގެ ގާތަށް އައިސް ބުންޏެވެ. " މަގޭ އަޚާ. މުޙައްމަދު ސްޕީކްސް ނޫސް ކަރުދާސް ގަންނަން ބޭނުންތަ؟ އޭރުން ތިބާގެ ނަސްލުގެ މީހުންނާ ބެހޭ ވާހަކަތައް ކިޔައިލެވޭނެ. ތިބާގެ އަސްލު ތާރީހުގެ ހަގީގަތް، ތިބާގެ އަސްލު ދީން، އަޅުވެތިކަމުގައި ދޮން މީހުންގެ ނަމެއް ދިނުމުގެ ކުރިން ތިބާއަށް ކިޔައި އުޅުނު ނަން، އޭނާ ބުންޏެވެ،" ޢަލީގެ ސިޓީން އާއްމުކޮށްފައިވާ ބައިގައި އޭނާ ލިޔެފައި ވެއެވެ.

ނޫސް ގަތީ ކީއްވެ؟

ސިޓީގައި ކްލޭ ލިޔެފައިވާ ގޮތުން ނޭޝަން އޮފް އިސްލާމް އިން އެރޭ ބާއްވަން ހަމަޖެހިފައި އޮތް ބައްދަލުވުމަކަށް ވެސް ނޫސް ވިއްކި މީހާ އޭނާއަށް ދައުވަތު ދިނެވެ. އެ ބައްދަލުވުމަށް ދާނެ ކަަމަށް އޭނާ ބުނި ނަމަވެސް އެކަމުގެ ގަސްދެއް ނެތެވެ. ނަމަވެސް ވިއްކަން އައި ނޫސް އޭނާ ގަތެވެ. އެއީ އޭގައި ޖަހާފައިވާ ކާޓޫނަށް އުފެދުނު ޝައުގަކުންނެވެ.
އެ ކާޓޫނުން ދައްކުވައި ދެނީ ދޮންމީހުންގެ އަޅުންގެ ގޮތުގައި ތިބި ކަޅުމީހުންގެ ގައިގައި ދޮންމީހުން އަނިޔާވެރިކަމާއި އެކު ތަޅައި އުޅުގޮތެވެ. އެމީހުން އަޅުކަން ކުރަންވާނީ ޖީސަސް( ޢީސާ ޢަލައިހިއްސަލާމް) އަށް ކަމަށް ހެދުމަށް ބާރު އަޅާ ހާލުގައެވެ.

ކްލޭ އިސްލާމްވީކަން ރަސްމީކޮށް އިއުލާން ކުރީ ނޭޝަން އޮފް އިސްލާމްއިންނެވެ. ނަމަވެސް އޭރު އެޖަމާއަތް އޮތީ ޝިއައީ ލީޑަރެއް ކަމަށްވާ އެލިއާ މުޙައްމަދު ނަމަކަށް ކިޔާ މީހެއްގެ ބާރުގެ ދަށުގައެވެ. ޝިޔައީ އަގީދާ ރަނގަޅު ނޫންކަން އެނގިވަޑައިގެންނެވުމުން މެލްކަމް އެކްސް އެޖަމާއަތުން ވަކިވުމުން ކްލޭ އޭނާއާ ވެސް ގުޅުން ކަނޑައިލިއެވެ. ނަމަވެސް ފަހުންް ކްލޭ ބުނެފައިވާ ގޮތުގައި މެލްކަމް އެކްސްއާ ގުޅުން ކަނޑައިލެވުނުކަމީ އޭނާ އުމުރުގައި ވެސް އެކަމާ ހިތާމަކުރާ ކަމެއް ކަމަށެވެ.

އަދި އޭނާއަށް ހަގީގީ އިސްލާމްދީން ކިޔަވައި ދެއްވި ބޭފުޅެއްގެ ގޮތުގައި އޭނާ ފާހަގަކޮށްފައި ވަނީ ނޭޝަން އޮފް އިސްލާމްއާ ފަހުން ހަވާލުވެވަޑައިގެންނެވި ސުންނަތު ޖަމާއަތަށް ތަބާވެވަޑައިގެންނެވި ވާރިސުއްދީން މުޙައްމަދެވެ.

ކްލޭ 1972 ވަނަ އަހަރު ހައްޖަށް ދިޔައެވެ. އެއީ އިސްލާމްދީނުގެ މާތްކަން ވަރަށް ބޮޑަށް ހިތަށް ތަސައްވުރު ކުރެވުނު ދަތުރެއް ކަމަށް އޭނާ ބުނެފައި ވެއެވެ. ދެވަނަ ފަހަރަށް އޭނާ ހައްޖަށް ދިޔައީ 1988 ވަނަ އަހަރުއެވެ. ބޮކްސިން ކެރިއާ ނިމުނު ފަހުން އޭނާގެ ހަޔާތުގެ ބޮޑު ބައެއް ހޭދަކުރީ އެހީ ފޯރުކޮށްދިނުމުގައެވެ. ޕާކިންސަން ބަލީގައި ގިނަ ދުވަސްތަކެއް ހޭދަކުރުމަށް ފަހު ކްލޭ ނިޔާވީ މިދިޔަ އަހަރުގެ ޖޫން މަހުއެވެ.