މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރާގައި ކަނޑު ދަތުރުނުކުރެވޭ ހާލަތަކަށް ގޮސްފާނެ ކަމަށްޓަކައި އަވަހަށް ހުސްވާނެކަމަށް ބެލެވޭ ކާބޯތަކެއްޗާއި އެހެނިހެން ސާމާނު ބޭނުން ކުރުމުގައި ސަމާލުވުމަށް ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް އުމަރު މިއަދު ވިދާޅުވެއްޖެ އެވެ.
ޑިޒާސްޓާ މެނޭޖުމަންޓް ސެންޓަރު (އެންޑީއެމްސީ) އާއި ކޯސްޓްގާޑް އަދި ޑިފެންސް މިނިސްޓްރީން ގުޅިގެން މިއަދު ބޭއްވި ނޫސް ކޮންފަރެންސްގައި މިނިސްޓަރު ވިދާޅުވީ މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރަ ވަރަށް ދިގު ދެމިގެން ގޮސްފައިވާ ކަމަށާއި ކުރިއަށް އޮތް ދުވަސްތަކުގައި ވެސް މިގޮތަށް ވިއްސާރަ ކުރާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައިވެސް އާދަޔާ ހިލާފަށް ވައި ގަދަވެ، އެއްރަށުން އަނެއް ރަށަށް ދަތުރުކުރަން އުނދަގޫ ވެދާނެތީ، ކާޑު ބާވަތްތަކާއި އެހެނިހެން ބާވަތްތައް ބޭނުން ކުރުމުގައި ސަމާލުވުމަށް މިނިސްޓަރު ވިދާޅުވި އެވެ.
މިނިސްޓަރު އިތުރަށް ވިދާޅުވީ ބޭރުގެ އެހީއާއި އެކު ވިއްސާރަ މޫސުމުގައި އެންމެ ބޮޑެތި ގެއްލުންތަކެއް ލިބޭ ރަށްތައް ފާހަގަކޮށް އެ ރަށްރަށުގައި ގެއްލުންތައް ކުޑަކުރެވޭނެ ގޮތްތައް ބަލައި އަމަލީ ގޮތުން އެޅެން ހުރި ހުރިހާ ފިޔަވަޅެއް އެޅުމުގެ މަސައްކަތް ކުރަމަށް ތައްޔާރުވަމުންދާ ކަމަށެވެ.
"މާދަމާވެސް މިގޮތަށް މޫސުން ގޯސްވާނެ ކަމަށް މައުލޫމާތު ލިބޭ. ކުރިއަށް އޮތް ދުވަސްތަކުގައި ވެސް ކަނޑުދަތުރު ކުރަން ފަސޭހަ ނުވާނެ ކަމަށާއި އަވަހަށް ހުސްވާނެކަމަށް ބެލެވޭ ކާބޯތަކެއްޗާއި އެހެނިހެން ސާމާނު ބަލައިގެން ބޭނުން ކުރުމަށް އިލްތިމާސް ކުރަން." މިނިސްޓަރު ވިދާޅުވި އެވެ.
މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރާގައި 45 މޭލާއި 55 މެލާ ދެމެދުގައި ބާރުމިނުގައި ވައި ޖެހޭނެ ކަމަށް މޭޓް އޮފީހުން ބުނެފައި ވެއެވެ. އަދި މިއަދު 55 މޭލަށް ވައިގަދަވާނެ ކަމަށް ޔެލޯ އެލާޓްގައި ފާހަގަ ކޮށްފައި އެވެ.
ނޫސްވެރިންގެ ބައްދަލުވުމުގައި ކޯސްޓްގާޑް ކޮމާންޑަރު ކާނަލް މުހައްމަދު އިބްރާހީމް މިއަދު ވިދާޅުވީ، ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރާގައި އާދަޔާ ހިލާފަށް ވާ ގަދަވާ ކަމަށް ފާހަގަ ކުރެވިފައިވާ ކަމަށާއި އޮޑީގެ ސަލާމަތާއި ރައްކާތެރިކަމަށް ނުބަލައި އޮޑިއަށް މުދާ ބަރުކޮށްގެން ދަތުރު ނުކުރުމަށެވެ. އަދި މިފަހަރުގެ ވިއްސާރާގައި ވިލާގަނޑާ އެކު އާދަޔާ ހިލާފަށް ވައި ބާރުވެ ދޯންޏެއް ބަންޑުން ޖަހާލާ ވަރަށް ވައި ބާރުމިން ހުންނަ ކަމަށް ކާނަލް ވިދާޅުވި އެވެ.
"ކޯސްޓްގާޑަށް މައުލޫމާތު ލިބިފައިވަނީ އުލިގަމުގެ އުތުރުން 40 ހަކަށް މޭލެ ހުޅަނގު އުތުރުގައި ވަރަށް ވަރުގަދަ ކޮޅިގަނޑެއް އޮތް ކަމަށް. އާދަޔާހިލާފަށް ބާރަށް ވައި ޖެހެމުންދާތީ އެހީތެރިކަށް ފޯރުކޮށް ދިނުމުގެ މަސައްކަތް ކުރަމުންދާ އެބަ ގެންދަން" ކާނަލް ވިދާޅުވި އެވެ.