މިދިޔަ އަންގާރަ ދުވަހުގެ ރޭ ސަމާ އައިލެންޑް ރިސޯޓުގެ ލޯންޗަކާއި ރީތި ރަށް ރިސޯޓް ކައިރީގައި އޮތް ދޯންޏެއް ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓްގައި އަނިޔާވި މުއައްޒަފުންނަށް އެހީތެރިވަމުން އަންނަ ކަމަށް ސަމާ އައިލޭންޑް ރިސޯޓުން މިއަދު ބުނެފި އެވެ.
އެ ރިސޯޓުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ 14 މުއައްޒަފުންނާއެކު މާލެއިން ފުރައިގެން ސަމާ އައިލޭންޑަށް ދަތުރުކުރަނިކޮށް ހިންގި ނުރައްކާތެރި އެކްސިޑެންޓްގައި އަނިޔާވި މުއައްޒަފުންގެ ހާލު ގާތުން ބަލަމުން އަންނަ ކަމަށާއި ޑޮކްޓަރުގެ ލަފާގެމަތިން ކުރަންޖެހޭ ހުރިހާ ކަމެއް ކުރަމުން އަންނަ ކަމަށެވެ.
އެކްސިޑެންޓްގައި އަނިޔާވި މުއައްޒަފުންގެ ތެރެއިން ތިން މުއައްޒަފުން އަަދިވެސް އަންނަނީ އައިސީޔޫ ގައި ފަރުވާދެމުން ކަމަށާއި ހަ މުއައްޒަފަކު ވަނީ ޕްރައިވެޓް ރޫމްއަށް ބަދަލުކޮށްފައި ކަމަށެވެ. އަދި އެކިވަރުގެ އަނިޔާ ލިބިގެން އެޑްމިޓް ކުރި މުއައްޒަފުންގެ ތެރެއިން ފަސް މީހަކު މިހާރު ދޫކޮށްލާފައިވާ ކަމަށް ބަޔާނުގައި ވެއެވެ.
ކުރިއަށް އޮތްތަނުގައިވެސް އަނިޔާ ލިބުނު މުއައްޒަފުންނަށް އެހީތެރިކަން ފޯރުކޮށްދެމުން ދާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.
މިދިޔަ އަންގާރަ ދުވަހުގެ ރޭ ހިނގި އެކްސިޑެންޓްގައި 14 މީހަކަށް އަނިޔާވެފައި ވެއެވެ. އޭގެ ތެރެއިން ސީރިއަސް އަނިޔާ ލިބުނު ތިން މީހުންނަށް އަދިވެސް އަންނަނީ އަސީޔޫގައި ފަރުވާ ދެމުން ކަމަށާއި އެކްސިޑެންޓްގައި އެންމެ ބޮޑަށް އަނިޔާވި މީހާގެ ހާލު އަދިވެސް ސީރިއަސް ކަމަށް އޭޑީކޭއިން ބުންޏެވެ.