ބޮލީވުޑް

ކަރީނާ ވެސް ބައޮޕިކެއް ކުޅެނީ

Jun 4, 2017

ބަތަލާ ކަރީނާ ކަޕޫރު، ދަރިފުޅު ތައިމޫރަށް ބަލިވެއިން ފަހުން އާ ފިލްމެއް ކުޅެން ސޮއި ކޮށްފައެއް ނުވެއެވެ. ތައިމޫރަށް ބަލިވެ އިނުމުގެ ކުރިން ކަރީނާ ކުޅެން ސޮއިކުރި ފިލްމު "ވީރޭ ދި ވެޑިން" ގެ ޝޫޓިން ނުފެށި ލަސްވަމުން ގޮސް އެންމެފަހުން އަންނަ އޮގަސްޓުގައި ފަށާ ގޮތަށް ވަނީ ނިންމާފަ އެވެ.

ތައިމޫރު ވިހޭތާ މިހާރު ފަސް މަސް ވެފައިވާއިރު އިތުރު ފިލްމެއް ކުޅެން ސޮއި ނުކުރި ނަމަވެސް ވިހޭތާ މަހެއްހާ ދުވަސްފަހުން އޭނާ ވަނީ ބަނޑުބޮޑުވުމުން ގައިގައި ޖެހި މަސްތައް ވިރުވާން މަސައްކަތް ފަށާފަ އެވެ. ހަބަރުތައް ބުނާ ގޮތުން ކަރީނާއަށް ވަނީ ޑައިރެކްޓަރު އޮމަންގް ކުމާރުގެ ބައޮޕިކެއް ކުޅެން ހުށަހެޅުން ލިބިފަ އެެވެ.

މަޝްހޫރު ދެ ބައޮޕިކް ކަމަށްވާ "މެރީ ކޮމް" އާއި "ސަރަބްޖިތް" އުފަައްދާފައިވާ އޮމަންގް ތައްޔާރުވަމުން އަންނަ ބައޮޕިކްގެ ލީޑްރޯލު ކަރީނާ އަށް ވަނީ ހުށަހަޅާފަ އެވެ.

ހަގީގީ ހާދިސާއެއްގެ މައްޗަށް އޮމަންގް އުފައްދާ މި ފިލްމު ކަރީނާ އަށް ހުށަހަޅާފައިވާއިރު، އޭނާ މިހާރު އިންތިޒާރުކުރަމުން ދަނީ ކަރީނާ އާނބަސް ދޭނެ އިރަކަށެވެ. ކަރީނާ މި ފިލްމު ކުޅެން އެއްބަސްވެއްޖެނަމަ މިއީ އޭނާގެ ކެރިއަރުގައި ކުޅޭ ފުރަތަމަ ބައޮޕިކެވެ.

ބުނެވޭ ގޮތުގައި ކަރީނާ އާއެކު މަސައްކަތްކުރަން އޮމަންގް ބޭނުންވެގެން އުޅޭތާ ވަރަށް ދުވަސްވެއްޖެ އެވެ. އެގޮތުން މި ފިލްމުގެ ސްކްރިޕްޓާއި މެދު އޭނާ ހިތްހަމަޖެހުނު ވަރުން ވަނީ އެ ފިލްމު ކަރީނާ އަށް ހުށަހަޅާފަ އެވެ. ވަރަށް އަވަހަށް އޮމަންގް އާއި ކަރިނާ ބައްދަލުކޮށް ފިލްމާ ގުޅޭގޮތުން އިތުރަށް މަޝްވަރާ ކުރާނެ ކަމަށްވެ އެވެ. އަދި އެއަށްފަހު މި ފިލްމާ މެދު ކަރީނާ ގޮތެއް ނިންމާނެ އެވެ.

އޮމަންގް މިފަހުން ވަނީ ސަންޖޭ ދަތު އެނބުރި އަންނަ ފިލްމު "ބޫމީ" ގެ ޝޫޓިން ނިންމާލާފަ އެވެ.