ބޮލީވުޑް

"ތަގްސް އޮފް ހިންދުސްތާން" ގެ ޝޫޓިން އަށް އަމީތާބް މޯލްޓާ އަށް

Jun 5, 2017

މެގަސްޓާ އަމީތާބް ބައްޗަން، ސުޕަސްޓާ އާމިރް ޚާނާ އެކު ކުޅޭ ފުރަތަމަ ފިލްމު "ތަގްސް އޮފް ހިންދުސްތާން" ގެ ޝޫޓިން އަށް މޯލްޓާ އަށް ގޮސްފި އެވެ.

އަމީތާބް އޭނާގެ ބްލޮގް އިއްޔެ ލިޔެފައިވާ ޕޯސްޓުގައި ވަނީ ކުރިއަށް އޮތް ފިލްމު "ތަގްސް އޮފް ހިންދުސްތާން" ގެ ޝޫޓިން އަށް މޯލްޓާ އަށް ދަތުރުކުރަނީ ކަމަށް ބުނެފަ އެވެ. އިންޑިއާއިން މޯލްޓާ އަށް އަމީތާބް ކުރި ދަތުރުގެ ތެރޭގައި ވަނީ އެކި ފޮޓޮތައް ޝެއާކޮށްފަ އެވެ. އެގޮތުން އަމީތާބް ވަނީ މޯލްޓާގެ ބައެއް ފޮޓޯތައް ވެސް ހިއްސާކޮށްފަ އެވެ. އިތުރުން އަމީތާބް ވަނީ މުމްބައި އިން މޯލްޓާ އަށް ޕްރައިވެޓް ޖެޓުގައި ދަތުރުކުރި ރާސްތާ ވެސް ހިއްސާކޮށްފަ އެވެ.

އަމީތާބާ އެކު މި ފިލްމުގެ ލީޑްރޯލުން ފެނިގެންދާ އާމިރް ވަނީ މާ ކުރިން މޯލްޓާ އަށް ގޮސްފަ އެވެ.

ޔާޝް ރާޖް ފިލްމްސްއިން އުފައްދައި، ވިޖޭ ކްރިޝްނަ އަޗާރިޔާ ޑައިރެކްޓްކުރާ މި ފިލްމުގެ ބަތަލާގެ ރޯލުން ފެނިގެންދާނީ ކެޓްރީނާ ކައިފް އާއި "ދަންގާލް" އިން ބޮލީވުޑަށް ތައާރަފުވި ފާތިމާ ސަނާ ޝައިހް އެވެ.

މި ފިލްމާ ގުޅޭގޮތުން ވާހަދައްކަމުން ޑައިރެކްޓަރު ވިޖޭ ވަނީ މޯލްޓާގައި ނަގާ މަންޒަރުތައް ނެގުމަށް ދެ ނައު ވެސް ބަނދެފައިވާ ކަމަށެވެ. އަދި ފިލްމުގެ މަންޒަރުތައް ނަގަމުން އަންނަ ސަރަހައްދުގެ ސެކިއުރިޓީ ވަރަށް ވަރުގަގަ ވާނެ ކަމަށާއި ފިލްމުގެ ޝޫޓިން ކުރިއަށް ދާނީ އައްސޭރިފަށިގައި ކަމަށް ބުނެފަ އެވެ.

މިދިޔަ މަހުގެ ފަހުކޮޅު ފިލްމުގެ ލޯގޯ އާންމުކޮށްފައިވާއިރު، ފިލްމު ރިލީޒްކުރުމަށް ހަމަޖެހިފައިވަނީ އަންނަ އަހަރުގެ ދިވާލީއާ ދިމާކޮށެވެ.

އަމީތާބާއި އާމިރް މި ފިލްމުގެ ޝޫޓިން ފަށާއިރު ކެޓްރީނާ އާއި ފާތިމާ ޝޫޓިން ފަށާނެ ދުވަހެއް އަދި ހާމަކޮށްފައެއް ނުވެ އެވެ.