ބޮލީވުޑް

"އޭބީސީޑީ 3" ގައި ސަލްމާން ނޫޅޭ

Jun 5, 2017

ކޮރިއޮގްރާފާ އަދި ޑައިރެކްޓަރު ރެމޯ ޑިސޫޒާގެ ޑާންސް ފެރެންޗައިޒް ފިލްމު "އޭބީސީޑީ 3" ގެ ލީޑްރޯލުން ސަލްމާން ޚާން ފެނިގެންދާނެ ކަމަށް ދެކެވެމުން އަންނަ ވާހަކަތައް އޭނާ ދޮގުކޮށްފި އެވެ.

ސަލްމާން ވަނީ ރެމޯގެ އުފައްދާ އެހެން ފިލްމެއް ކުޅެން ވާހަކަދައްކަމުން އަންނަ ކަމަށާއި ނަމަވެސް އެ ފިލްމަކީ "އޭބީސީޑީ 3" ނޫން ކަމަށް ބުނެފަ އެވެ. އެ ފިލްމަކީ ވެސް ޑާންސްގެ މައްޗަށް ބިނާކޮށް އުފައްދާ ފިލްމެކެވެ.

ސަލްމާން އިތުރަށް ވަނީ އޭނާ އެކްޓްކުރާ ރެމޯގެ އާ ފިލްމު ޕްރޮޑިއުސްވެސް ކުރާނީ އޭނާ ކަމަށް ބުނެފަ އެވެ. އަދި އެއީ މުޅިން ތަފާތު ވާހަކއެއްގެ މައްޗަށް އުފައްދާ ތަފާތު ފިލްމެއް ކަމަށް ވެސް ސަލްމާން ވަނީ ބުނެފަ އެވެ.

" އެ ފިލްމަކީ ވެސް ޑާންސްގެ މައްޗަށް އުފައްދާ ފިލްމެއް. ޑާންސްގެ މައްޗަށް ބިނާކޮށް އުފައްދާ ކޮންމެ ފިލްމަކީ "އޭބީސީޑީ" ގެ ފިލްމެއް ނޫން" ސަލްމާން ބުނެފައިވެ އެވެ.

ބުނެވޭ ގޮތުގައި ރެމޯގެ އެ ފިލްމުގައި ސަލްމާން ފެނިގެންދާނީ އުމުރުން 13 އަހަރުގެ ކުއްޖެއްގެ ބައްޕަގެ ރޯލުންނެވެ. މި ފިލްމަށް ތައްޔރުވުމުގެ ގޮތުން ސަލްމާން އޭނާގެ ޑާންސްކުރުން ވެސް އިތުރަށް ރަނގަޅު ކުރާނެ ކަމަށްވެ އެވެ.

މި ފިލްމާ ގުޅޭގޮތުން ވާހަކަދައްކަމުން ސަލްމާން ވަނީ މި ފިލްމު ކުުޅެން އޭނާ ހާސްވާ ކަމަށާއި ސަބަބަކީ މިހާރުގެ ޑާންސްކުރިން އެމީހުންގެ ކެރިއަރުގެ ކުރީކޮޅު ކުރަމުން އައި ގޮތާ އެތައް ގޮތަކުން ތަފާތުވެފައިވާތީ އެވެ.

މި ފިލްމު ކުޅެން ސަލްމާން ސޮއިކޮށްފައިވާއިރު ފިލްމުގެ ޝޫޓިން ފެށުމަށް ހަމަޖެހިފައިވަނީ ސަލްމާން މިހާރު ކުޅެމުން އަންނަ "ޓައިގާ ޒިންދަހޭ" ގެ ޝޫޓިން ނިމުމުންނެވެ.

ސަލްމާން ދެން އެންމެ އަވަހަށް ފެނިގެންދާނީ މި މަހުގެ 25 ވަނަ ދުވަހު ރިލީޒްކުރާ ޑައިރެކްޓަރު ކަބީރް ޚާންގެ "ޓިއުބްލައިޓް" އިންނެވެ.